ވިޔަފާރި

ފިނޮޅު ރިސޯޓް 90 މިލިއަން ޑޮލަރަށް ވިއްކާލައިފި

May 26, 2019

ބ. އަތޮޅުގައި ހިންގަމުން ގެންދާ ފިނޮޅު މޯލްޑިވްސް ރިސޯޓް، 90 މިލިއަން ޑޮލަރު ( ގާތްގަނޑަކަށް 1.4 ބިލިއަން ރުފިޔާ) އަށް ޖަރުމަނުގެ ސީސައިޑް ހޮޓެލްސް ކުންފުންޏަށް ވިއްކާލައިފި އެވެ.

އަމިއްލަ ފުށި ވެސް ތަރައްގީ ކުރި، ކޯސްޓްލައިން ގްރޫޕުން ތަރައްގީކޮށްފައިވާ ފިނޮޅު ރިސޯޓް ވިއްކާލާފައިވަނީ އެޕްރީލް މަހު އެވެ.

ރާއްޖޭގެ ގިނަ އަދަދެއްގެ ރިސޯޓުތައް ވިއްކައި ދިނުމުގައި މެދުވެރިއެއްގެ ގޮތުގައި ހަރަކާތްތެރިވާ މަޝްހޫރު ކޮންސަލްޓެންސީ ކުންފުނި ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ އިން ބުނެފައިވާ ގޮތުގައި މި މުއާމަލާތަކީ އެ ކުންފުނި މެދުވެރިކޮށް ޔޫރަޕުގެ ކުންފުންޏަކުން ދިވެހި ރިސޯޓެއް ގަތް ފުރަތަމަ ފަހަރު ކަމަށެވެ.

ފިނޮޅު މޯލްޑިވްސް ގަތް ސީސައިޑް އެންށް ހޮޓެލްސްއަކީ ކުރިން ގިނަ ރިސޯޓުތަކެއް ހިންގި ކުންފުންޏެކެވެ. އެ ކުންފުނިން މިހާރުވެސް 10 ހޮޓަލެއް ދުނިޔޭގެ އެކި ހިސާބުތަކުގައި ދަނީ ހިންގަމުންނެވެ.

ރާއްޖޭގެ ރިސޯޓުތައް ތަރައްގީކޮށް ފައިދާ ހޯދުމަށް ވިއްކާލުމަކީ އާއްމު ކަމެވެ. ރާއްޖޭގައި ރިސޯޓެއް ހަދާތާ ހަތް އަހަރާއި 10 އަހަރުން އިންވެސްޓްމަންޓް ކަވަރުވެ އެވެ. މިގޮތުން އެންމެ ފަހުން އެންމެ ބޮޑު އަގެއްގައ ވިއްކާލި ރިސޯޓަކީ ނ. އަތޮޅުގައި ހިންގާ ރަންދެލި ރިސޯޓެވެ.