ހަބަރު

އެމްއެމްޕީއާރްސީން ދޫކުރި ރަށްތަކުގެ އޮނާޝިޕް ބަދަލުކުރުން ހުއްޓުވައިފި

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތުގެ މައްސަލާގައި އެ ކުންފުނިން ރަށްތަކާއި ފަޅުތައް ކުއްޔަށް ދޫކުރި ކުންފުނިތަކާއި ފަރާތްތަކުގެ އޮނާޝިޕާއި ހިއްސާ ބަދަލު ކުރުމުގެ މުއާމަލާތްތައް ވަގުތީ ގޮތުން ހުއްޓުވަން ޓޫރިޒަމް މިނިސްޓްރީން ނިންމައިފި އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުއްޔަށް ދޫކޮށްފައިވާ ތަންތަން ކުއްޔަށް ހިފާފައިވާ ފަރާތްތަކުން އެ ތަނެއްގެ ހެޑްލީޒް ރައިޓްސް އެހެން ފަރާތަކަށް ބަދަލު ކުރަން ނުވަތަ ކުއްޔަށް ހިފައިފައިވާ ކުންފުންޏެއްގެ ހިއްސާ ބަދަލު ކުރަން މި މިނިސްޓްރީއަށް ހުށަހަޅައިފިނަމަ އެކަން މަޑުޖައްސާލަން ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކުރާ ރިޔާސީ ކޮމިޝަނުން އެދިފައިވާ ކަމަށެވެ.

ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގު ކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން އެދިފައިވާ ގޮތުގެ މަތިން މިއަދުން ފެށިގެން އެ ރަށްތަކުގެ ތަހުގީގު ވަކި ގޮތަކަށް ނިމެންދެން ކުއްޔަށް ދޫކޮށްފައިވާ ފަރާތްތަކުގެ ހެޑްލީޒް ރައިޓްސް ބަދަލު ކުރުމާއި ހިއްސާ ބަދަލު ކުރުމުގެ މުއާމަލާތްތައް ހުއްޓުވާފައިވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"އެ މައްސަލައަކީ އެ ކޮމިޝަނުން ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާ މައްސަލައަކަށްވާތީވެ މި ވަގުތު އެ ރަށްތަކާއި ފަޅުތަކުގެ ވެރިފަރާތް ބަދަލުވާ ފަދަ މުއާމަލާތެއް ކުރުުމުގެ ހުއްދަ ދީފިނަމަ އެ ކޮމިޝަނުގެ ތަހުގީގުތަކަށް ހުރަސް އެޅިދާނެތީ [ރިޔާސީ ކޮމިޝަނުން] ޓޫރިޒަމް މިނިސްޓްރީގައި ވަނީ އެ ކަމަށް އެދިފައި." މިނިސްޓަރު އަލީ ވަހީދު ވިދާޅުވި އެވެ.

މީގެ އިތުރުން، ކުއްޔަށް ދޫކޮށްފައިވާ ތަންތަން ކުއްޔަށް ހިފާ ފަރާތްތަކުން އެ ތަނުގެ ހެޑްލީޒް ރައިޓްސް އެހެން ފަރާތަކަށް ބަދަލު ކުރުމަށް އަދި އެފަދަ ތަނެއްގެ ހިއްސާއެއް ބަދަލު ކުރުމަށް މިނިސްޓްރީއަށް ހުށަހަޅައިފިނަމަ އެ ކަން ރިޔާސީ ކޮމިޝަނަށް އެންގުމަށް ވެސް ރިޔާސީ ކޮމިޝަނުން އެދިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވި ގޮތުގައި ރިޔާސީ ކޮމިޝަނުން އެދިފައިވަނީ ހަމައެކަނި ހެޑްލީޒް ރައިޓްސްއާއި ހިއްސާ ބަދަލު ކުރާނަމަ އެ މުއާމަލާތެއް ހުއްޓުވާށެވެ. ނަމަވެސް ސަބްލީޒް ރައިޓްސް ބަދަލުު ކުރުމަށް ކުރާ މުއާމަލާތްތައް ވެސް މަޑުޖައްސާލުމަށް ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވާ ކަމަށެވެ.

"އަޅުގަނޑުމެންނަށް އެ ބޭފުޅުން [ކޮމިޝަނުން] ރިކުއެސްޓް ކުރައްވާފަ މި އޮތީ ހެޑްލީޒް ބަދަލު ކުރުމާއި ޝެއާ ޓްރާންސްފާ ބަދަލު ކުރުން މަޑުޖައްސާލަން. އަޅުގަނޑުމެން މިއަދު ވާނީ އެ ކޮމިޝަންގެ ރައީސާ މަޝްވަރާކޮށްފައި އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި އެއަށްވުރެ ވެސް ބޮޑުކޮށް، އެއްގޮތަކަށް ވެސް މި އެސެޓް މޫވް ކުރުމުގެ ޗާންސެއް ނެތް ވަރަށް މި ތަހުގީގު ނިމެންދެން ބާއްވަން ޓޫރިޒަމް މިނިސްޓްރީން ބޭނުންވޭ." މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެފަދަ އެއްވެސް މުއާމަލާތެއް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލާގައި ހިމެނޭ ރަށްތައް ކުއްޔަށް ހިފައިފައިވާ ފަރާތްތަކުން ހިންގާފައިނުވާ ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް މިދިޔަ ސަރުކާރުން 55 ރަށެއް ވަނީ ދޫކޮށްފަ އެވެ. އޭގެ ތެރޭގައި ނ. އަތޮޅުން ތިން ތަނަކާއި ރ. އަތޮޅުން 11 ތަނަކާއި ބ. އަތޮޅުން ނުވަ ތަަނަކާއި ޅ. އަތޮޅުގެ ތަނަކާއި މާލެ އަތޮޅުން 11 ފަޅަކާއި އެއް ރަށާއި، އއ. އިން ދެ ތަނަކާއި، އދ. ހަ ތަނަކާއި ވ. އަތޮޅުން ހަތަރު ތަނަކާއި މ. އަތޮޅުން ތަނަކާއި، ދ. އަތޮޅުން ދެ ތަނަކާއި، ތ. އަތޮޅުން ތަނަކާއި ގއ. އަތޮޅުން ތަނެއް ހިމެނެ އެވެ.