އަލީ ވަހީދު

"މި ސަރުކާރުގެ ދެވަނަ އަހަރު ޓޫރިޒަމްގެ ބަދަލު ފެންނާނެ"

މި ސަރުކާރުގެ ދެވަނަ އަހަރެއް ފެށޭއިރު، ޓޫރިޒަމް ދާއިރާއަށް ހެޔޮ ބަދަލުތައް އަންނަ މަންޒަރު ފެނިގެންދާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު އިއްޔެ ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު ވިދާޅުވީ މި ސަރުކާރު އައުމަށް ފަހުގައި ޓޫރިޒަމް ދާއިރާގައި ހުރި މައްސަލަތައް ހައްލު ކުރުމަށްޓަކައި ރާއްޖޭގައި ހިންގަމުންދާ ރިސޯޓުތައް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ.

އަންނަ ސެޕްޓެމްބަރު ހަތް ވަނަ ދުވަހަށް އިންސްޕެކްޓް ކުރުމުގެ މަސައްކަތް ނިމުމުން ރިސޯޓުތަކުގެ ކަންކަން ހުރި ހިސާބު އެނގި، އިސްލާހު ކުރަން ޖެހޭ ކަންކަން ދެނެގަނެވޭނެ ކަމަށެވެ. އަދި ރިސޯޓުތައް އިންސްޕެކްޓް ކުރަމުންދާއިރު ވެސް އިސްލާހު ކުރަންޖެހޭ ކަންކަން އަންގަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެން ސަރުކާރުގެ ދެވަނަ އަހަރަށް ދާއިރު މި ނަތީޖާ ފެނިފައި އޮންނާނީ. ސިނާއަތަށް ހެޔޮ ބަދަލު އަންނާނެ. މިއީ ވާހަކައެއްގެ ގޮތުގައެއް ނޯންނާނެ. އަޅުގަނޑުމެންގެ ވައުދުތައް ޑެލިވާ ކުރާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ ޓޫރިޒަމް ދާއިރާގައި ހުރި ހުރިހާ މައްސަލައެއް އެންމެ ރެއަކުން ހައްލު ނުކުރެވުނު ނަމަވެސް ސަރުކާރުން ކަނޑައަޅައި އިއުލާން ކުރަމުންދާ މުއްދަތަށް މައްސަލަތަކަށް ހައްލު ގެނެވޭނެ ކަމަށެވެ. މިގޮތުން މުވައްޒަފުންނާ ގުޅުން ހުރި މައްސަލަތާކައި، ފަތުރުވެރިންގެ ރައްކާތެރިކަމާ ގުޅުންހުރި މައްސަލަތަކުގެ އިތުރަށް ދާއިރާގައި މަސައްކަތް ކުރާ ދިވެހިންގެ ނިސްބަތް އިތުރުކުރުމަށްޓަކައި ކުރަން ރާވާފައިވާ ބައެއް މަސައްކަތްތައް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"އަޅުގަނޑުމެން ވާނެ ގިނަ ރަށްތަކަށް މިހާރު ވެސް ޒިޔާރަތްކޮށްފަ. އަޅުގަނޑުމެންގެ އަމާޒަކީ ދެން އަޅުގަނޑުމެން އެ ރަށްތަކަށް ޒިޔާރަތްކުރާއިރުގަ ޝަކުވާތައް މަދުވެފައި އޮތުން. އެއިރުން އަޅުގަނޑުމެންނަށް ވެސް ކަމެއް ކުރެވުނު ކަމަށް ގަބޫލުކުރެވޭނީ." މިނިސްޓަރު ވިދާޅުވި އެވެ.

ޓޫރިޒަމް ސިނާއަތާ ގުޅުން ހުރި އެއްވެސް ޝަކުވާއެއްވާނަމަ މިނިސްޓްރީއަށް ހުށަހެޅޭ ގޮތަށް ހޮޓްލައިނެއް ވެސް ވަނީ ގާއިމުކޮށްފަ އެވެ. އެއްވެސް ފަރާތެއްގެ އެއްވެސް ޝަކުވާއެއްވާނަމަ މިނިސްޓްރީއަށް ހުށަހެޅުމުން އެ ކަމެއް ބަލާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެއްވެސް މައްސަލައެއް އުޅޭނަމަ މިނިސްޓްރީއަށް ހުށަހެޅުމަށް މިނިސްޓަރު އިލްތިމާސް ކުރެއްވި އެވެ.