ހަބަރު

މި އަހަރު ރާއްޖޭން 450 މިލިއަން ޑޮލަރުގެ ރިސޯޓު ވިއްކައިފި

މި އަހަރުގެ މިހާތަނަށް ދިވެހި ރާއްޖެއިން އަގުގެ ގޮތުގައި 450 މިލިއަން ޑޮލަރު (ގާތްގަނޑަކަށް ހަތް ބިލިއަން ރުފިޔާ) ގެ ރިސޯޓް ވިއްކާލައިފި އެވެ.

ރާއްޖޭގެ ހިންގާ ގިނަ ރިސޯޓުތައް ބޭރުގެ މާކެޓްތަކުގައި ޝޯކޭސްކޮށް ވިއްކައި ދިނުމުގައި ހަރަކާތްތެރިވާ ބައިނަލްއަގުވާމީ ކޮންސަލްޓަންސީ ފާމް ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ އިން ބުނެފައިވާ ގޮތުގައި މި އަހަރަކީ އެ ކުންފުނި މެދުވެރިކޮށް އެންމެ ގިނަ ރިސޯޓު ދިވެހި ރާއްޖެއިން ވިއްކުމުގެ ވިޔަފާރި މުއާމަލާތްތައް ހިންގާނެ ތާރީހީ އަހަރަށް ވެސް ވެގެން ދާނެ އެވެ.

އަދި މި އަހަރު މިހާތަނަށް ހިންގާފައިވާ މި ފަދަ ބޮޑެތި ވިޔަފާރި މުއާމަލާތްތަކުގެ އަގު ހަތް ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ވެސް ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ އިން ބުނެފައި ވެއެވެ.

އެ ކުންފުނި މެދުވެރި ވެގެން މި އަހަރު ވިއްކާލާފައިވާ އަގު ބޮޑު ބައެއް ޕްރޮޕަޓީތަކުގެ ތެރޭގައި ކްރައުން ކުންފުނިން އެމެރިކާގެ މަޝްހޫރު ބްލެކްސްޓޯން އަށް ވިއްކާލި ކޮންރަޑް މޯލްޑިވްސް ރަންގަލި ރިސޯޓްގެ އިތުރުން ކޯސްޓްލައިން ގްރޫޕުން ޖަރުމަނުގެ ސީސައިޑް ހޮޓެލްސް އެންޑް ރިސޯޓްސް އަށް ވިއްކާލި ފިނޮޅު މޯލްޑިވްސް ރިސޯޓުގެ މުއާމަލާތްތައް ހިމެނެ އެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ވެސް ވިޔަފާރީގެ ބޮޑެތި މުއާމަލާތްތަކެވެ.

އިންވެސްޓަރުންގެ އިތުބާރު ރާއްޖެއަށް ބޮޑު

ޖޭއެލްއެލްގެ މެނޭޖިން ޑިރެކްޓަރު އަދި ހެޑް އޮފް އިންވެސްޓްމަންޓް ސޭލްސް، ނިހާތު އާކަން ވިދާޅުވެފައިވާ ގޮތުގައި ކުރިން ރާއްޖޭގެ ރިސޯޓުތައް ގަންނަނީ ހަމައެކަނި އޭޝިއާގެ މަހުޖަނުންނެވެ. އެހެން ނަމަވެސް މިހާރު ރާއްޖޭގެ ޓޫރިޒަމް ޕްރޮޕެޓީތަކުގެ ތަރައްގީއަށް ގެނެސްފައިވާ ބޮޑެތި ބަދަލުތަކުގެ ސަބަބުންނާއި ރާއްޖޭގެ ބްރޭންޑްގެ މަޝްހޫރު ކަމާއި ވަރުދަ ކަމުން ދުނިޔޭގެ މާކެޓްގައި އެކަން ބަދަލުވަމުން އަންނަ ކަމަށެވެ.

މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި އޭޝިއާ ނޫން އެހެން ބައްރުތަކުގެ އިންވެސްޓަރުން ރާއްޖޭގެ ޓޫރިޒަމް ސިނާއަތުގައި 300 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 4.6 ބިލިއަން ރުފިޔާ) ގެ މުއާމަލާތް ހިންގާފައިވާ ކަމަށް ވެސް ނިހާތު އާކަން ފާހަގަ ކުރައްވަ އެވެ.

"ދިވެހި ރާއްޖެއަށް އަދި ދިވެހި ރާއްޖޭގެ ޓޫރިޒަމް ބްރޭންޑަށް އިންވެސްޓަރުންގެ ޑިމާންޑް ވަނީ ކުރިޔަށް ވުރެ އެތައް ތަނެއް ބޮޑުވެފައި. ރާއްޖޭގެ މާކެޓާ މެދު އޮތް އިތުބާރާއި ޔަގީންކަން ވެސް ވަނީ ބޮޑުވެފައި. ބޭރުގެ މާކެޓްތަކުގައި ރާއްޖެއާ މެދު އޮތް އުންމީދާއި އިތުބާރު ވެސް ވަރުގަދަވެ ހަރުދަނާ ވަމުން،" ނިހާތު ވިދާޅުވި އެވެ.

ޖޭއެލްއެލް އިން ދާދި ފަހުން ވަނީ ޖަރުމަނުގެ ކުންފުންޏަކުން ރާއްޖޭގެ ފިނޮޅު ރިސޯޓު 90 މިލިއަން ޑޮލަރު (1.4 ބިލިއަން ރުފިޔާ) އަށް ގަތްކަން އިއުލާނު ވެސް ކޮށްފަ އެވެ.

މިއަހަރު ރިސޯޓް ވިއްކުމުގެ މުއާމަލާތްތައް ރިކޯޑް މިންވަރަކަށް އުފުލިފައިވާއިރު ޓޫރިޒަމް މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި 140 އަށްވުރެ ގިނަ ރިސޯޓު ރާއްޖޭގައި ދަނީ ތަރައްގީ ކުރަމުންނެވެ. މިގޮތުން ބައެއް ކުންފުނިތަކުން ރިސޯޓު ތަރައްގީ ކުރުމަށްފަހު ފައިދާ ލާފައި ބޮޑު އަގުގައި ވިއްކާލަ އެވެ. އެފަދަ ވިޔަފާރި މުއާމަލާތްކުގައި މިހާތަނަށް އެންމެ ބޮޑަށް ހަރަކާތްތެރިވެފައި ވަނީ ޖޭއެލްއެލް ހޮޓެލްސް އެންޑް ހޮސްޕިޓަލިޓީ އެވެ.