ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރައީސް ސޯލިހު މާދަމާ ސައުދީއަށް ވަޑައިގަންނަވަނީ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ސައުދީ އަރަބިއްޔާއަށް ފުރާވަޑައިގަންނަވަން ނިންމަވައިފި އެވެ.

މި ދަތުރު ފުޅަކީ އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ 14 ވަނަ ބައްދަލުވުމުގައި ބައިވެރިވުމުގެ ގޮތުން ކުރައްވާ ދަތުރު ފުޅެކެވެ. ރައީސް އޮފީހުގެ ސްޕޯކްސް ޕާސަން އިބްރާހީމް ހޫދް އަވަސް އަށް ވިދާޅުވީ، ރައީސްގެ މިދަތުރުފުޅުގައި ސައުދީގެ ރަސްގެފާނާއި ބައްދަލުކުރައްވާނެ ކަަމަށެވެ. އަދި ބައްދަލުވުން ބޭއްވުމަށް މިހާރު ސައުދީ ރަސްގެފާނަށް ދައުވަތު ފޮނުވައިފައިވާ ކަމަށެވެ.

އޯއައިސީގެ ދަތުރުފުޅު ނިންމާލުމަށްފަހު ރައީސް ސޯލިހު ރާއްޖެ ވަޑައިގަންނަވާނީ އަންނަ ހޯމަ ދުވަހު އެވެ. އޯއައިސީގައި ރައީސްގެ އަރިހުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައިވެރިވާއިރު މިއަދު ޝާހިދު ވަނީ ސައުދީއަށް ފުރާ ވަޑައިގެންފަ އެވެ.

މައްކާގައި މިފަހަރު ބާއްވާ އޯއައިސީ ގައި އިސްލާމީ އުއްމަތަށް ދިމާވާ ގިނަ ގޮންޖެހުންތަކާ މެދު މަޝްވަރާ ކުރާނެ އެވެ.