ވިޔަފާރި

ތްރީއޭ ރިސޯޓުތަކުުގެ ކުލި 10 އަހަރަށް ބަހާލަން އެދުނު

May 28, 2019

ލައިސަންސް އަނބުރާ ދިން ރިސޯޓުތަކުގެ ތެރެއިން، އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަލީ ޝިޔާމުގެ އައިލާއަށް ނިސްބަތްވާ ރިސޯޓުތަކުގެ ކުލި 5 އަރާއި 10 އަހަރަށް ބަހާލައިގެން ދައްކަން، އެދުނު ކަމަށާ، ނަމަވެސް އެ ފަރާތަށް ވެސް ދީފައިވާނީ އެންމެ އަހަރެއް ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ލައިސަންސް ނެތި ހިންގަމުން ދިޔަ ހަ ރިސޯޓެއްގައި ހުރި ކަންކަން އިސްލާހުކޮށް، ދައުލަތަށް ފައިސާ ދައްކަން ޝަތުރުކޮށް ޓޫރިޒަމް މިނިސްޓްރީން ވަނީ މި މަހުގެ 23 ވަނަ ދުވަހު އަލުން ލައިސަންސް ދީފަ އެވެ. އަދި މި ނިންމުމާ ގުޅިގެން ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދަށް ސިޔާސީ ފަރާތްތަކާއި އާއްމުންގެ ފާޑު ކިއުންވަނީ އަމާޒުވެފަ އެވެ.

ފާޑުކިއުން އަމާޒުވި މައިގަނޑު ސަބަބަކީ އަލުން ލައިސަންސް ދިން ރިސޯޓުތަކުގެ ތެރޭގައި ރައީސް އޮފީހުގެ މިނިސްޓަރު އަދި އިކޮނޮމިކް ކައުންސިލްގެ ކޯޗެއާ އަލީ ޝިޔާމުގެ އާއިލާގެ މަސްލަހަތު އޮންނަ، ތްރީއޭ ކުންފުނީގެ ހޮނޑާފުށްޓާއި ފިލިތެޔޮ އަދި މެދުފުށި ހިމެނިފައިވާތީ އެވެ.

މި ފާޑުކިޔުންތަކާ ގުޅިގެން، މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މިއަދު ވިދާޅުވީ ޝަތުރުތަކާއެކު ފުރުސަތު ދިނުމުގައި ވަކި ބަޔަކަށް އިސްކަން ދީފައި ނުވާނެ ކަމަށެވެ. ދީފައިވާނީ އެންމެންނަށް ހަމަހަމަ ފުރުސަތުތަކެއް ކަމަށެވެ.

"އެ ބޭފުޅުން [ތްރީއޭ އިން] ނުުދައްކާ ހުރި ފައިސާ އެންމެ ގިނައީ. އެ ބޭފުޅުން އެދިފައި އެ ބައޮތް ވަރަށް ގިނަ ދުވަހަށް ބަހާލަން. އެކަމަކު ކާކު ހުރީ ކޮން މަގާމެއްގައިކަން ނުބަލައި އެންމެންނަށް ހަމަހަމަ ފުރުސަތެއް މިދިނީ. އެ ބޭފުޅުންނަށް ވެސް ދީފައިވާނީ ހަމައެއް އަހަރު. އެއް އަހަރު ނިމުމުން އަޅަން ޖެހޭ ފިޔަވަޅެއް އަޅާނަން،" އަލީ ވިދާޅުވި އެވެ.

މިނިސްޓްރީން ބުނެފައިވާ ގޮތުގައި ލައިސަންސް ދިން ރިސޯޓުތަކުގެ ތެރެއިން އެންމެ ބޮޑު އަދަދެއް ދައުލަތަށް ދައްކަން ޖެހެނީ ފިލިތެޔޮ ރިސޯޓުނެވެ. އެ ރިސޯޓުން 8.1 މިލިއަން ޑޮލަރު (124.9 މިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ. ދެ ވަނަ އަށް އެންމެ ބޮޑު އަދަދެއް ދައްކަން ޖެހޭ މެދުފުށިން 4.2 މިލިއަން ޑޮލަރު (64 މިލިއަން ރުފިޔާ) ރިސޯޓު ކުއްޔާއި މަނާގެ ގޮތުގައި ދައްކަން ޖެހެ އެވެ. އަދި ހޮނޑާފުށިން 409،575 ޑޮލަރު (6.3 މިލިއަން ރުފިޔާ) ދައްކަން ޖެހެ އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނެފައިވާ ގޮތުގައި ޝަރުތުތަކާއެކު އަލުން ލައިސަންސް ދިން ރިސޯޓު ތަކުން 2016 ވަނަ އަހަރުން ފެށިގެން ހިންގަމުން އައިސްފައިވަނީ ރިސޯޓު ހިންގުމުގެ ލައިސަންސް ނެތި ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ޑރ. އަހުމަދު ސޯލިހު ވިދާޅުވީ ފިނޭންސް މިނިސްޓްރީން 2011 ވަނަ އަހަރު ނެރެފައިވާ ސާކިއުލާއެއްގައި ދައުލަތަށް ފައިސާ ދައްކަން ހުރިނަމަ ހިދުމަތް ނުދެވޭނެ ކަމަށް ބުނެފައިވާ ކަމަށެވެ.

"ނަމަވެސް، މި ރިސޯޓުތައް ހިންގަމުން އަންނަތާ ދެ އަހަރަށްވުރެ ގިނަ ދުވަސް ވެއްޖެ. މި ރިސޯޓުތަކުގައި އެބަހުރި ޓޫރިސްޓުން މަރުވެފައި ވެސް. ނަމަވެސް މި ސަރުކާރު އައިސް މިވަނީ އަލުން އެގްރިމެންޓް އެކުލަވާލެވި ފައިސާ ދައްކާނެ ޕްލޭނަނާއެކު އެއްބަސްވުން އެކުލަވާލާފައި. ރިސޯޓެއް ބަންދު ކުރުމުންވާ ގޮތަކީ އެތައް ބައެއްގެ ވަޒީފާ ގެއްލިގެންދޭ. ދައުލަތަށް ޓެކްސް ތަކެއް ގެއްލިގެންދޭ،" ސޯލިހު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އަލުން ލައިސަންސް ދިނުމަކީ ދިވެހި ދައުލަތާއި ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ކަމަށް ދެކޭ ކަމަށެވެ.