ވިޔަފާރި

އެމްފައިސާ މެދުވެރިކޮށް ވިލާގޭހަށް އޯޑަރުކުރެވޭ ގޮތް ހަދައިފި

އުރީދޫ އެމްފައިސާ މެދުވެރިކޮށް ވިލާ ގޭހަށް އޯޑަރު ކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތް ތައާރަފު ކޮށްފި އެވެ.

އުރީދޫ އާއި ވިލާ ގޭހުގެ ފަރާތުން މިއަދު ވަނީ އެ އެއްބަސްވުމުގައި ސޮއިކޮށްފަ އެވެ. އުރީދޫގެ ފަރާތުން މި ސޮއި ކުރެއްވީ އެ ކުންފުނީގެ ސީއީއޯ ނަޖީބުހާނެވެ. ވިލާ ގޭހުގެ ފަރާތުން ސޮއި ކުރެއްވީ ވިލާ ހަކަތަގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓާ މުހައްމަދު ރަޝީދެވެ.

މި ހިދުމަތް ތައާރަފު ކުރުމާ ގުޅިގެން ވާހަކަ ދައްކަވަމުން އުރީދޫގެ ސީއީއޯ ނާޖިބު ހާން ވިދާޅުވީ، މި ހިދުމަތާއެކު ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެ ކަމަށެވެ. އޭނާ ވިދާޅުވީ، ވިލާ ގޭސް އާއެކު މިފަދަ އެއްބަސްވުމަކަށް އައުމަކީ އުރީދޫއަށް ލިބޭ އުފަލެއް ކަމަށެވެ.

"އުރީދޫ އެމްފައިސާ އިން ވިލާ ގޭސް އޯޑަރު ކުރުމާއި ފައިސާ ދެއްކުމުގެ ހިދުމަތް ތައާރަފުކުރުމުން ކަސްޓަމަރުންނަށް ފަސޭހަ ކަމާއެކު ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖެހިގެންދާނެ. ވިލާ ގޭސް އާއެކު މިފަދަ އެއްބަސްވުމަކަށް އައުމަކީ އަޅުގަނޑު މެންނަށް ލިބުނު އުފަލެއް." ނަޖީބު ހާން ވިދާޅުވި އެވެ.