ޓީސީ

ކީޕަރު ޓްރޭނަރުންގެ ކޮންފަރެންސަށް ޓީސީގެ އަހްސަން ޔޫކޭއަށް

ތަޖުރިބާކާރު ގޯލްކީޕަރު ކޯޗުން ބައިވެރިވާ، 'ގޯލްކީޕާ ކޮންފަރެންސް' ގައި ބައިވެރިވުމަށް، ޓީސީ ސްޕޯޓްސް ކުލަބުގެ ގޯލްކީޕަރު ޓްރެއިނަރު އަހްމަދު އަހްސަން އަިނގިރޭސި ވިލާތަށް ފުރައިފި އެވެ.

އިނގިރޭސި ޗެމްޕިއަންޝިޕްގައި ވާދަ ކުރާ، ރީޑިން އެފްސީ ނިސްބަތްވާ ރީޑިންގައި ބާއްވާ ކޮންފަރެންސް އޮންނާނީ މިއަންނަ ހުކުރު ދުވަހުން ފެށިގެން އަންނަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ.

އިނގިރޭސި ފުޓްބޯޅައިގައި މަސައްކަތް ކުރި އެންމެ ތަޖުރިބާކާރު ގޯލްކީޕަރު ކޯޗުން މި ކޮންފަރެންސްގައި ބައިވެރި ވާނެ އެވެ. އެގޮތުން މެންޗެސްޓާ ޔުނައިޓަޑްގައި، އެ ޓީމުގެ އެއް ވަނަ ކީޕަރު ޑޭވިޑް ޑެހެއާ އަށް ކުރިން އިރުޝާދު ދިން އެރިކް ސްޓީލް، އަދި ޓޮޓެންހަމްގެ ކުރިގެ ގޯލްކީޕަރު އަދި އެ ޓީމުގެ ކުރީގެ ގޯލްކީޕިން ކޯޗް ޓޯނީ ޕާކުސް، އަދި ކުރިން ޓޮޓެންހަމްއަށް ކުޅުނު އަދި މިހާރު ސްޓޯކް ސިޓީގެ ގޯލްކީޕަރު ކޯޗް އެންޑީ ކްއައި، ސްޕެނިޝް ލަލީގާގެ އެލްޗޭ އާއި ޕްރިމިއާ ލީގްގައި މިޑްލްސް ބަރާގެ ގޯލްކީޕަރު ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރި، އަދި މިހާރު ލީޑްސް ޔުނައިޓަޑްގެ ގޯލްކީޕަރު ކޯޗް، މާކޯސް އަބާޑް ޕެއިޑްރޯވެސް މި ކޮންފަރެންސްގައި ބައިވެރިވާނެ އެވެ.

ތޯނީ ޕާކްސް ވަނީ 1984 ވަނަ އަހަރު ޔޫއެފާ ކަޕު (މިހާރުގެ ޔޫރޮޕާ ލީގް) ގެ ފައިނަލުގައި ޓޮޓެންހަމްގެ ޓީމުގައި ކުޅެފަ އެވެ. ބެލްޖިއަމްގެ އަންޑާލެކްޓްއާ ދެކޮޅަށް ކުޅުނު ފައިނަލު މެޗު އެއްވަރުވެ ޕެނަލްޓީ ޝޫޓް އައުޓްގައި ޓޯނީ ވަނީ އަންޑަލެކްޓުން އެންމެ ފަހުން ޖެހި ޕެނަލްޓީ މަތަކޮށް ޓޮޓެންހަމްއަށް ޗެމްޕިއަންކަން ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާ ކޮށްފަ އެވެ.

ކޮންމެ އަހަރެއްގެ ސީޒަން ނިމުމުން ހޫނު މޫސުމުގައި ބާއްވާ މި ކޮންފަރެންސްގައި އިތުރަށް ދެން ބައިވެރިވާ ތަޖުރިބާކާރުންނަކީ، މިދިޔަ ދެ ސިޒަންގައި ޕްރިމިއާ ލީގްގައި ވާދަ ކުރި ހަޑާސްފީލްޑް ޓައުންގެ ގޯލްކީޕަރު ކޯޗް، ޕައުލް ކްލެމެންޓްސް އަދި ސްޕޯޓްސް ސައިންސްގެ ދާއިރާގެ ތަޖުރިބާކާރެއްގެ އިތުރުން، ބޯންމައުތުގެ ސީނިއާ ޓީމުގެ އެސިސްޓެންޓް ގޯލްކީޕަރު ކޯޗް އެންތޮނީ ވައިޓް އެވެ.

މިޔަންމާގައި، މި އަހަރު ބޭއްވި ގޯލްކީޕަރު ކޯޗުންގެ ކޯހުގައި ބައިވެރިވި އަހްސަންއަށް މި ފުރުސަތު ލިބުނީ، އެ ކޯހުގައި ކިޔަވައިދިން، އިނގިރޭސި ވިލާތުގެ ޑީން ވޭ ހޯދައިދިން ފުރުސަތަކުންނެވެ.

އަހްސަން ބުނީ، އެ ކޮންފަރެންސްގެ ބޭނުން ހިފީ ކީޕަރު ޓްރެއިނަރެއްގެ ގޮތުގައި އާ ކަންކަން ދަސް ކުރަން ބޭނުންވާތީ ކަމަށެވެ. އޭނާ ބުނީ އޭނާ އަށް ފުރުސަތު ތަނަސްވަސް ކޮށްދިނުމުގައި އެހީތެރިވި ހުރިހާ ފަރާތްތަކަށް ޝުކުރު އަދާ ކުރާ ކަމަށެވެ.

ކުރިން ވިކްޓަރީގެ ޓީމުގައި ހިމެނުނު އަހްސަން އަކީ ޓީސީގެ އިތުން ގައުމީ އަންހެން ޓީމުގެ ގޯލްކީޕަރު ކޯޗުވެސް މެ އެވެ. އަދި އޭނާ އަކީ 19 އަހަރުން ދަށުގެ ގައުމީ ޓީމުގެ ގޯލްކީޕަރު ކޯޗަކީވެސް އޭނާ އެވެ.