ހަބަރު

ހިޔާނާތުގެ މައްސަލައިގެ ހުކުމުން އަދީބު ސަލާމަތްވެއްޖެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް އިއްވާފައިވާ އަށް އަހަރު ދުވަހުގެ ޖަލު ހުކުމް މިއަދު ހައިކޯޓުން ބާތިލްކޮށް، އެ މައްސަލަ އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް އަންގައިފި އެވެ.

ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އޭނާގެ މައްޗަށް އިއްވި 10 އަހަރުގެ ޖަލު ހުކުމް މި ހަފުތާގެ ތެރޭގައި ސުޕްރީމް ކޯޓުން ވަނީ ބާތިލްކޮށްފަ އެވެ. ލޯންޗުކޮޅު ގޮވި މައްސަލާގައި އޭނާގެ މައްޗަށް އިއްވި 15 އަހަރުގެ ޖަލު ހުކުމް ވެސް ހައިކޯޓުން ވަނީ ބާތިލްކޮށް، މައްސަލަ އަލުން ބެލުމަށް އަންގާފަ އެވެ.

މިއަދުގެ ހައިކޯޓުގެ ހުކުމްގެ ނަތީޖާއަކީ އަދީބުގެ މައްޗަށް އިއްވާފައިވާ ބޮޑެތި ޖަލު ހުކުމްތަކުން އޭނާ ސަލާމަތްވުމެވެ. ނަމަވެސް ކުރިމިނަލް ކޯޓުގެ ހުރުމަތް ކެނޑި ކަމަށް ބުނެ، އޭނާގެ މައްޗަށް އިއްވި 15 ދުވަހުގެ ޖަލު ހުކުމެއް އަދި އެބަ އޮތެވެ. އަމަލު ކުރަމުން އަންނަ ގޮތަށް ބަލާއިރު ގިނަ ހުކުމްތަކެއް އޮތްނަމަ، އެންމެ ފުރަތަމަ ތަންފީޒުކުރަނީ އެންމެ ބޮޑު ހުކުމެވެ. އެހެންވީއިރު 15 ދުވަހުގެ ޖަލު ހުކުމް މިއަދުން ފެށިގެން ތަންފީޒުކުރަން ފަށާނެ އެވެ.

އޭގެއިތުރުން ލޯންޗުކޮޅު މައްސަލަ އަލުން ބަލަން ހައިކޯޓުން އެންގީ، އަދީބު 15 ދުވަހު ރިމާންޑް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށްފަ އެވެ. އެ 15 ދުވަސް އަދި ހަމައެއް ނުވެ އެވެ. އަދީބު މިހާރު ހުންނެވީ ގޭބަންދުގަ އެވެ. އެއީ އޭނާގެ ސިއްހީ ހާލަތަށް ބަލައި ގޭބަންދުގައި ބެހެއްޓުމުގެ އަމުރެއް ސުޕްރީމް ކޯޓުން ނެރެފައިވާތީ އެވެ.

އަދީބުގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމް ކުރިމިނަލް ކޯޓުން އިއްވާފައި އޮތީ ޅ. މާބިންހުރާ ކުއްޔަށް ދޫކުރުމުގައި ހިޔާނާތްތެރިވެފައިވާ ކަމަށް ބުނެ އެވެ. އެއީ ފަސް މިލިއަން ޑޮލަރުގެ ހިޔާނާތެކެވެ. އެ މައްސަލާގައި އެމްއެމްޕީއާރްސީގެ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތާއި ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލްގެ މައްޗަށް ވެސް ދެ އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. އެ ހުކުމް ހައިކޯޓުން ކުރިން އޮތީ ދަމަހައްޓާފަ އެވެ. އެކަމަކު، ހުކުމް ތަންފީޒުކޮށް މިހާރު ވަނީ ނިމިފަ އެވެ.

ކުރިމިނަލް ކޯޓުގެ ހުކުމް ހައިކޯޓުން ބާތިލް ކުރަން ނިންމި އެންމެ މައިގަނޑު ސަބަބަކީ އެކެއް ފެބުރުއަރީގައި ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރެވެ. އެގޮތުން ހައިކޯޓުގެ ހުކުމްގައި ފާހަގަކުރީ އެކެއް ފެބުރުއަރީގެ އަމުރުގައި ބައެއް މައްސަލަތައް ހާއްސަކޮށް ސިޔާސީ ފަރާތަކަށް ކުރި ޓެރަރިޒަމްގެ ދައުވާތަކަކީ ސިޔާސީ ނުފޫޒުގައި ގާނޫނު އަސާސީއިން ކަށަވަރުކޮށްދީފައިވާ ހައްގުތަކާ ހިލާފަށް، ޖިނާއީ އިޖުރާއަތްތަކާ ވެސް ހިލާފަށް އުފުލާފައިވާ ދައުވާތަކެއްކަން ފާހަގަކޮށްފައިވާ ކަމަށެވެ.

ސުޕްރީމް ކޯޓުން އަމުރުގެ ބޮޑު ބައެއް ބާތިލްކުރިއިރު ވެސް އެ ބައި ބާތިލްކޮށްފައިނުވާކަން ފާހަގަކުރި އެވެ. އަމުރުގެ އެ ބައިން ވެސް ބާތިލް ކުރީ ސިޔާސީ ނުވަ މީހުން ވަގުތުން ދޫކޮށްލުމަށް އެންގި ބައިކަން ހުކުމްގައި ފާހަގަކުރި އެވެ. އެހެންވެ، އެފަދަ މައްސަލަތަކީ އަލުން ބަލައި ޝަރީއަތް ހިންގަންޖެހޭ މައްސަލަތަކެއްކަން އެނގެން އޮންނަ ކަމަށެވެ. އެފަދަ އެއް މައްސަލައަކީ އަދީބުގެ މައްޗަށް ހިންގާފައިވާ ޝަރީއަތްތައް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ.

މިގޮތަށް ހުކުމްކުރީ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން ދެ ފަނޑިޔާރުންގެ އިއްތިފާގުންނެވެ. އެއީ އިސް ފަނޑިޔާރު ސުޖާއު އުސްމާނާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ރަޔުއު ތަފާތުވެފައިވަނީ ފަނޑިޔާރު ޝުއައިބު ޒަކަރިއްޔާގެ އެވެ.

ފަނޑިޔާރު ޝުއައިބުގެ ރައުޔުގައިވާ ގޮތުން ކުރިމިނަލް ކޯޓުގެ ހުކުމް ރަނގަޅެވެ. މައްސަލާގައި ދައުލަތުން ހުށަހަޅާފައިވާ ހެކިތަކަށް ބަލާއިރު، އަދީބުގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. ޒިޔަތާއި ހާމިދުގެ ހުކުމް ވެސް ދަމަހައްޓާފައިވާކަން ފާހަގަ ކުރައްވައި ފަނޑިޔާރު ޝުއައިބު ރައުޔު ނެރުއްވީ ދަށު ކޯޓުގެ ހުކުމަށް ބަދަލު ގެންނަން ނުޖެހޭ ކަމަށެވެ.