ހަބަރު

މިނިވަން ފަލަސްތީނެއް ގާއިމްކުރުމުގެ ހައްގަށް ތާއީދު: ޝާހިދު

May 30, 2019

މިނިވަން ދައުލަތެއް ގާއިމްކުރުމަށާއި ސުލްހަވެރި ދިރިއުޅުމެއް އުޅުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގަށް ރާއްޖެއިން ތާއީދުކުރާ ކަމަށާއި ރާއްޖެއިން އަބަދުވެސް ފަލަސްތީނުގެ ރައްޔިތުންނާއެކު ތިއްބެވި ކަމަށް ފޮރިން މިނިސްޓަރު އަބުދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ މައްކާގައި ބޭއްވުމަށް ހަމަޖެހިފައިވާ 14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސަށް ތައްޔާރުވުމުގެ ގޮތުން ބޭއްވި އޯގަނައިޒޭޝަން ފޯ އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)ގެ ހާރިޖީ ވަޒީރުންގެ ބައްދަލުވުމުގައި މިނިސްޓަރު ޝާހިދު ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

އެބައްދަލުވުމުގައި އޯއައިސީ މެމްބަރު ގައުމުތަކުގެ ހާރިޖީ ވަޒީރުން ވަނީ 14 ވަނަ އިސްލާމިކް ސަމިޓް ކޮންފަރެންސްގެ އެޖެންޑާ ފާސްކޮށްފަ އެވެ، އަދި ސަމިޓްގެ ފައިނަލް ކޮމިއުނިކޭ ކަމަށްވާ މައްކާ ޑެކްލަރޭޝަންއާ ފަލަސްތީނުގެ މައްސަލައިގެ ގަރާރުގެ ޑްރާފްޓާމެދު މަޝްވަރާކޮށްފައިވެ އެވެ.

ބައްދަަލުވުމުގައި މިނިސްޓަރު ވިދާޅުވީ، އިސްލާމީ އުއްމަތަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރިގަތުމަށް ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ އެއްބާރުލުން އިތުރުކޮށް، ތަޖުރިބާ ހި/އްސާކުރަންޖެހޭ ކަމަށެެވެ. އަދި އިސްލާމީ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުން ބަދަހި ކުރެވޭނީ ގައުމުތަކުގެ މެދުގައި އޮންނަ ޒަމާންވީ ރަހުމަތްތެރިކަމާއި މަޝްވަރާކުރުމުގެ އުސޫލު ދަމަހައްޓައިގެން ކަމަށެވެ.

"މިނިވަން ދައުލަތެއް ގާއިމްކުރުމަށާއި ސުލްހަވެރި ދިރިއުޅުމެއް އުޅުމަށް ފަލަސްތީނުގެ ރައްޔިތުންނަށް ލިބިގެންވާ ހައްގަށް ރާއްޖެއިން ތާއީދު ކުރަން، ދިވެހިން ތިބީ ފަލަސްތީނުގެ ރައްޔިތުންނާއިއެކު، މީގެ އިތުރުންވެސް ދުނިޔޭގެ އެކިކަންކޮޅުތަކުގައި އަނިޔާ ތަހައްމަލުކުރަމުންދާ މުސްލިމުންނާއިއެކު ދިވެހިން ދެމި ތިބިން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ޝާހިދު ވިދާޅުވީ، މޫސުމަށް އަންނަމުންދާ ބަދަލުތަކުގެ މައްސަލައަށް އަވަސް ހައްލެއް ހޯދަންޖެހޭ ކަމަށާއި މޫސުމީ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ވަރަށް ބޮޑަށް ނުރައްކާތެރިކަން ކުރިމަތިވެފައިވާ ކަމަށެވެ.