ވިޔަފާރި

އެސްއެމްއީ ވިޔަފާރިވެރިންގެ ޖަމިއްޔާއަށް އާ ބޯޑެއް

May 31, 2019
5

މި އަހަރުގެ ކުރީކޮޅު އުފެއްދި، ރާއްޖޭގެ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންގެ ޖަމިއްޔާ، އެސްއީއެފްއެމް އަށް އާ އެގްޒެކެޓިވް ބޯޑެއް އައްޔަން ކޮށްފި އެވެ.

އެމްސެވަން ޓަވަރުގައި މިދިއަ އަންގާރަ ދުވަހު ބޭއްވި އެ ޖަމިއްޔާގެ އަހަރީ އާއްމު ޖަލްސާގައި އަންނަ އަހަރުގެ ނިޔަލަށް ހޮވާފައިވާ އާ ބޯޑުގެ ރައީސަކީ އިބްރާހިމް ލަތީފެވެ. ނައިބު ރައީސުންގެ ގޮތުގައި ހޮވާފައިވަނީ އިބްރާހިމް އަލީ ޖަލީލު އާއި ސައުދުﷲ އަހުމަދު އެވެ. އަދި މި ޖަމިއްޔާގެ ސެކްރެޓެރީ ޖެނެރަލްއަކީ މުހައްމަދު އަބްދުއް ސައްތާރެވެ.

ފެޑަރޭޝަންގެ ރައީސް އިބްރާހިމް ލަތީފު އަވަސް އަށް ވިދާޅުވީ މި ޖަމިއްޔާ އުފެއްދުމުގެ މަގުސަދަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރި ތަކަށް ފުރުސަތު ތަކެއް ތަނަވަސްކޮށްދިނުން ކަމަށާ، އެ ކުންފުނިތަކުގެ ވަރުން މަސައްކަތް ކުރުމަށް މަގު ފަހި ކޮށްދިނުން ކަމަށެވެ.

"ބޮޑެތި ކުންފުނި ތަކަށް ބޭރުން އިންވެސްޓަރުން ގެނެސް މަސައްކަތް ކުރަން ފުރުސަތު އޮވޭ. އެހެންވެ، ކުދި އަދި މެދުފަންތީގެ ވިޔަފާރި އަށް ވެސް އެ ފުރުސަތު އޮންނަން ވާނެ. އެ މީހުންގެ ވަރުން ކުރުމުގެ. މިސާލަކަށް، ގެސްޓްހައުސްއެއް ހަދާ މީހަކަށް ބޭރުން 500،000 ޑޮލަރުގެ އިންވެސްޓަރެއް ގެނެސްގެން ގުޅިގެން، މަސައްކަތް ކުރުމަށް ފުރުސަތު އޮންނަން ވާނެ. ބޭނުން ވަނީ މިގޮތަށް ހުރި ފުރުސަތުތައް ތަނަވަސް ކޮށްދިނުން،" ލަތީފު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެސްއެމްއީ ސެކްޓާގައި ހުރި މައްސަލަތައް އެނގޭނީ މި ދާއިރާގައި ހަރަކާތްތެރިވާ މީހުންނަށް ކަމަށެވެ.

"ސިޔާސީ ބޭފުޅުންގެ ހަގީގަތުގައި އިންޓްރެސްޓެއް ވެސް ނުހުންނާނެ. ވަގުތެއްވެސް ނޯންނާނެ. މި ސެކްޓާގައި ހުރި ދަތިތައް އެނގޭނީ މި ދާއިރާގެ މީހުންނަށް. އެހެންވެ މި ޖަމިއްޔާގެ މަގުސަދަކީ ސަރުކާރާވެސް ގުޅިގެން، ތަން ކޮޅެއް ތަހުޒީބު ގޮތަކަށް މި ހުރި މައްސަލަ ތަކަށް ހައްލު ހޯދުން،" ލަތީފު ވިދާޅުވި އެވެ.