ހަބަރު

ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި މީހަކު ގަން ހިންގުވައިފި

މާލޭގެ ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި ކަމަށް ބުނެ މީހަކު މިރޭ ގަން ހިންގުވައިފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފަންނު ބްލޫކިޔާ މަގާއި ދަކަނދާމަގު ގުޅޭ ހިސާބުގައި ހުރި ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި ކަމުގެ ތުހުމަތުގައި ބަޔަކު މީހަކު ހިފެހެއްޓި ކަމަށެވެ. ހިފެހެއްޓި 18 އަހަރުގެ އެ މީހާ ފަހުން ފުލުހުން ހައްޔަރުކޮށްފައިވާ ކަމަށެވެ.

މާފަންނުގައި ހުރި ފިހާރައަކުން ފެން ކޭހެއް ވަގަށް ނަގަން އުޅުނު ކަމުގެ ތުހުމަތު މިރޭ ބަޔަކު ހިފެހެއްޓި މީހާ ގަން ހިންގުވާފައި ވަނީ އޭނާގެ ބުރަކަށިމަތީގައި ސްޕްރޭއިން "ވަގު" ޖެހުމަށް ފަހު އެވެ.

ފިހާރައަކުން ފެން ކޭހެއް ވަގަށް ނެގި ކަމަށް ބުނެ މީހަކު މިރޭ ގަންހިންގުވިއިރު، ދާދި ފަހަކުން ވަނީ ހުޅުމާލޭގައި ދެ ފިރިހެން ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް އެއްބަސްވި ފިރިހެން މީހަކު ވެސް ގަން ހިންގުވާފަ އެވެ.