ހަބަރު

އަފްރާޝީމް މައްސަލައިގެ ދެކޮޅެއް މީޑިއާ ނުގެނެސްދޭ، އަޒްލިފު ފުރި މައްސަލަ ބަލަން އަންގައިފިން: ރައީސް

Jul 18, 2015

ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ހިމެނޭ ހ. ހިލްޓަން އަޒްލިފް ރައޫފް ރާއްޖެއިން ބޭރަށް ފުރައިގެން ދިޔަ މައްސަލަ އިތުރަށް ބަލައި ތަހުގީގު ކުރަން ފުލުހުންނަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އެންގެވުމުން ފުލުހުން އެ ތަހުގީގު ފަށައިފި އެވެ.

އެ މަނިކުފާނު މިހެން ވިދާޅުވި އިރު އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ގުޅި ހަނގުރާމަ އަށް ގޮސް އުޅެނިކޮށް އޭނާ މަރުވެފައިވާ ކަމަށް ބުނާ އަޑުތައް ވަނީ ފެތުރިފަ އެވެ. 

މުލީއާގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ދެ މަޖައްލާއެއް އިފްތިތާހުކޮށް ދެއްވުމަށްފަހު ރައީސް ވިދާޅުވީ އަޒްލިފު ރާއްޖެއިން ފުރައިގެން ދިޔަ މައްސަލައިގެ ތަހުގީގެއްކޮށް އިތުރަށް ހިންގަން އެންގުމުން ފުލހުން އެޗމަސައްކަތް ފަށާފައިވާ ކަަމަށާއި އޭނާއަށް ރާއްޖެއިން ބޭރަށް ފުރައިގެން ދަތުރު ކުރެވެންވީ ކީއްވެގެންތޯ އެމަނިކުފާނު ސުވާލު އުފައްދަން ބޭނުންފުޅުވާ ކަމަށެވެ.

އަދި ވިދާޅުވީ  އެ ދުވަސްވަރު އިމިގްރޭޝަންގައި ތިބި ވެރިންނާއި އޭރު އިމިގްރޭޝަނާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރުވެސް އެކަމުގައި ޖަވާބުދާރީވެވަޑައިގަންނަވަންޖެހޭ ކަމަށެވެ.

ރައީސް ވިދާޅުވީ އަފްރާޝީމްގެ މައްސަލައިގައި ބައެއް ނޫސްވެރިން  ދެކޮޅު ފުރިހަމައަށް ނުގެނެސްދޭ ކަމަށާއި ބައެއް ނޫސްވެރިން ރިޕޯޓްތައް ލިޔާއިރު މުޅިން ވެސް ދައްކައިދެނީ މައްސަލައިގެ އެއް ފަރާތް ކަމަށާއި ހީއެއްގެ ގެ މައްޗަށް ނުވަތަ ޝައްކުގެ މައްޗަށް ބިނާކޮށް އެފަދަ ކަންކަމުގައި ވާހަކަ ނުދެއްކޭނެ ކަމަށެވެ.

ރައީސް ވިދާޅީވީ ރާއްޖޭގެ މީޑިއާގެ ހައުސްތައް ހުރީ ބާރުގަދަ ނުފޫޒް ގަދަ ފަރާތްތަކުގެ ބާރުގެ ދަށުގައި ކަމަށާއި އެ ފަރާތަކުން ވާހަކަ ޓްވިސްޓް ކުރަން ބޭނުންވާ ގޮތަކަށް ވާހަކަ ފެތުރި ނަމަވެސް ކޮންމެ ވެސް ބަޔަކު ހަގީގަތާއި އެއްގޮތަށް ވާހަކަ ގެނެސްދޭނެ ޖެހޭނެ ކަމަށާއި އެ މަނިކުފާނުގެ އިސްތަށިފުޅުގައި އެ މަރުގެ ތުހުމަތު އަޅުވަމުންދާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

"ސަރުކާރަށް، ރައީސުލްޖުމްހޫރިއްޔާ އަށް ރައްދުވާ މައްސަލައަކާއި ބެހޭގޮތުން ލިޔުއްވާނަމަަ އެކަމުގައި ސަރުކާރުގެ ބަހެއް ހޯދަން ޖެހޭ. ރައީސުލްޖުމުހޫރިއްޔާ އަށް ސީދާ ނުގުޅޭނަމަ އެ މައްސަލަ އޮޅުންފިލުވައިދޭ ފަރާތަކާއި ގުޅައިގެން މައުލޫމާތު ހޯދަންޖެހޭނެ،" ރައީސް ވިދާޅުވި އެވެ. 

ރައީސް މިރޭ ނެރެދެއްވީ "ތިން ހަމަ" މަޖައްލާ އާއި "ރުމާލު 2" އެކެވެ. މިއީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކާއި އެކި ހަރަކާތްތަކުގެ ހަބަރު ގެނެސް ދިނުމުގެ ގޮތުން ނެރޭ މަޖައްލާތަކެކެވެ.