ވިޔަފާރި

ގެސްޓްހައުސް އެސޯސިއޭޝަންގެ އޭޖީއެމް މި މަހު 15 ގައި

ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ގޭމް) ގެ އަހަރީ އާއްމު ޖަލްސާ މިމަހުގެ 15 ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ގޭމްގެ ރައީސް އަހުމަދު ކަރަމް ވިދާޅުވީ މި މަހުގެ 15 ވަނަ ދުވަހު އުނިމާ ގްރޭންޑް ހޮޓެލްގައި ބާއްވާ އަހަރީ އާއްމު ޖަލްސާ އަށް މުހިންމު ބައެއް ކަންތައްތައް ފާސް ކުރަން ހުށަހަޅާނެ ކަމަށެވެ.

"އެންމެ މުހިންމު ކަމަކީ އެކްސްކޯއަށް މެންބަރުން އިތުރު ކުރުން. މިހާރު މެންބަރުންގެ ގޮތުގައި ތިބީ ނުވަ ބޭފުޅުން. ނަމަވެސް މި އަަދަދު 15 އަށް އިތުރު ކުރަން ހުށަހަޅާނަން،" ކަރަމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ގެސްޓްހައުސް އެސޯސިއޭޝަނުން ބޭނުންވަނީ ވީހާވެސް ގިނަ މީހުންނަށް ފުރުސަތު ދޭން ކަމަށެވެ.

"ގެސްޓްހައުސް އިންޑަސްޓްރީއަކީ ގަވަރުމެންޓް ޕްރޯ އެއްޗަކަށްވުމުން އިތުރު ފުރުސަތުތަކެއް ހުޅުވިގެން އެބަދޭ. ވަރަށް ގިނަ މަސައްކަތް ކުރަން އެބަހުރި،" ކަރަމް ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީން އެންމެ ފަހުން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިހާރު ރާއްޖޭގައި 538 ގެސްޓްހައުސް ހިންގަ އެވެ.