ހަބަރު

މަޖިލީހުގައި އިތުރު ފަސް ކޮމިޓީއެއް އުފައްދަން ފާސްކޮށްފި

Jun 3, 2019
3

ރައްޔިތުންގެ މަޖިލީހުގައި މިހާރު ހުރި ކޮމިޓީތަކުގެ އިތުރުން އިތުރު ފަސް ކޮމިޓީއެއް އުފެއްދުމަށް މިއަދު ފާސްކޮށްފި އެވެ.

މަޖިލީހުގެ ގަވައިދު ކުރިން އޮންނަ ގޮތުން 13 ކޮމިޓީއެއް އޮންނަންވާނެ އެވެ. ނަމަވެސް އާ ގަވައިދު އެކުލަވައިލުމަށް އިއްޔެ ނެގި ވަގުތީ ކޮމިޓީ އިން ނިންމާފައި ވަނީ އެ އަދަދު 17 އަށް ބަދަލު ކުރުމަށެވެ. އެ ކޮމީޓީގެ ރިޕޯޓު މަޖިލީހަށް ހުށަހެޅުމުން 77 މެންބަރުން ވަނީ އެ ބަދަލު ގެނައުމަށް ތާއީދު ކުރައްވާ ވޯޓު ދެއްވައިފަ އެވެ.

އަލަށް އުފެއްދި ކޮމިޓީތަކުގެ ތެރޭގައި ލާމަރުކަޒީ ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ އާއި ސަރުކާރު ހިއްސާވާ ކުންފުނިތަކާ ބެހޭ ކޮމިޓީ އާއި އެންވާރަމަންޓަލް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ އަދި ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީ ހިމެނެ އެވެ.

އޭގެ އިތުރުން ކުރިން ހުރި ބައެއް ކޮމިޓީތަކުގެ ނަންތަކަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން ގައުމީ ސަލާމަތުގެ ކޮމިޓީގެ ނަން ދާހިލީ އަދި ގައުމީ ސަލާމަތުގެ ނަމަށް ބަދަލުކޮށްފަ އެވެ. އަދި ގައުމީ ތަރައްގީ ކޮމިޓީގެ ނަން ގައުމީ ތަރައްގީ އާއި ތަރިކަގެ ނަމަށް ވެސް ވަނީ ބަދަލުކޮށްފަ އެވެ.