ދުނިޔެ

ސައުދީ ރަސްގެފާނާއި ހަމާސްގެ ވެރިޔާގެ ތާރީހީ ބައްދަލުވުމެއް!

Jul 19, 2015

ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލް އަޒީޒް ފަލަސްތީނުގެ ގާޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުގެ ވެރިޔާ ހާލިދު މިޝޭލްއާ ބައްދަލުކުރައްވައިފި އެވެ.

ސައުދީގެ ރަސްމީ ނޫސް އެޖެންސީން އިއްޔެ ބުނި ގޮތުގައި އަމިއްލަ އަށް އަރުވާލެއްވިގެން ގަތަރުގައި ދިރިއުޅުއްވަމުން ގެންދަވާ ހާލިދު މިޝޭލް ސައުދީ އަށް ވަޑައިގެންނެވީ އުމުރާގެ އަޅުކަން އަދާކުރެއްވުމަށެވެ. ރަސްގެފާނާ އެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި "ފަލަސްތީނުގެ މިނިވަންކަމަށް ސައުދީ އަަރަބިއްޔާ އިން ކުރަމުން ގެންދާ މަސައްކަތްތަކާއި ބަހައްޓާ އަހައްމިއްޔަތުކަމަށް" އޭނާ ރަސްގެފާނަށް ޝުކުރު އަދާކުރެއްވި ކަމަށް އެ އެޖެންސީން ބުންޏެވެ.

އެހެން ނަމަވެސް، އިތުރު އެއްވެސް ތަފްސީލެއް ދީފައެއް ނުވެ އެވެ.

މިއީ މިދިޔަ ހަތަރު އަހަރުދުވަހުގެ ތެރޭގައި ސައުދީގެ ރަސްގެފާނަކު ހަމާސްގެ ވެރިޔާއާ ރަސްމީކޮށް ބައްދަލުކުރެއްވި ފުރަތަމަ ފަހަރެވެ.

ސައުދީ އާއި ހަމާސްއާ ދެމެދު މި ފަހުން ވަނީ ގުޅުން ގޯސްވެފަ އެވެ. އެއީ ހަމާސްގެ ތާއީދާ އެކު މިސްރުގައި ވެރިކަންކުރި މުސްލިމް ބްރަދަހުޑްގެ ވެރިކަން އެ ގައުމުގެ އަސްކަރިއްޔާ އިން ނުކުމެ 2013 ގައި ވައްޓާލި ވައްޓާލުމަށް ސައުދީން ތާއީދުކުރުމުންނެވެ.

މީގެ އިތުރުން، ހަމާސް އާއި އީރާނާ ދެމެދު ގާތް ގުޅުމެއް އޮތުމަކީ ވެސް ސައުދީން ރުހޭ ކަމެއް ނޫނެވެ.