ހަބަރު

އައްޑޫގައި އައިސިސްއަށް ތާއީދު ކުރާ ގްރެފިޓީތަކެއް، ތަހުގީގެއް ފަށައިފި

ޓެރަރިސްޓް ޖަމާއަތެއް ކަމަށްވާ އިސްލާމިކް ސްޓޭޓް (އައިސިސް) އަށް ތާއީދު ކުރާ ގްރެފިޓީތަކެއް އައްޑޫ ސިޓީން ފެނުނު މައްސަލައެއް ފުލުހުން ބަލަން ފަށައިފި އެވެ.

އައިސިސްއަށް ތާއީދު ކުރާ ގްރެފިޓީތަކެއް އައްޑޫ ސިޓީ ހިތަދޫ މައިލޯ ޓާފް ބޭރުގައި ހުރި ފޮޓޯތަކެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ. އަދި އައްޑޫ ކޮންވެންޝަން ސެންޓަރު ކައިރީ ވެސް އެފަދަ ގްރެފިޓީތަކެއް ވަނީ ކުރަހައިފަ އެވެ. ފުލުހުންގެ އޮފިޝަލަކު "އަވަސް" އަށް ވިދާާޅުވީ ގްރެފިޓީތައް ފެނުނު މައްސަލަ ކަމާ ބެހޭ ޑިޕާޓްމަންޓް އިން ބަލަމުން އަންނަ ކަމަށެވެ. އަދި އެ ގްރެފިޓީތައް މިހާރު ފޮހެލާފައިވާ ކަމަށް ވެސް އޮފިޝަލް ވިދާޅުވި އެވެ.

ސީޕީ ހަމީދު ކުރެއްވި ޓްވީޓް

އެ ފޮޓޯތައް އާމުވުމާ ގުޅިގެން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކޮށް، އެ މީހުންގެ ފިކުރު ފެތުރުމަށް މަސަައްކަތް ކުރަމުންދާ ފަރާތްތަކާއި އިސްލާމް ދީނަށް މަލާމަތްކޮށް ފުރައްސާރަ ކުރާ ފަރާތްތަކުގެ މައްސަލަތަކަށް ބޮޑު އަހަންމިއްޔަތު ކަމެއް ދީގެން ބަލަން ޖެހޭ ކަމަށެވެ.

އަދި އެފަދަ މައްސަލަތައް ހައްލު ކުރުމުގެ މަސައްކަތް ވެސް ކުރަމުންދާނެ ކަމަށް ހަމީދު ވިދާޅުވި އެވެ.