ހަބަރު

މޫސުމީ ބަދަލުތަކަށް ބަލަހައްޓައިގެން ތިބޭނެ ވަގުތެއް ރާއްޖެއަކަށް ނެތް

Jun 5, 2019
5

މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކަށް ބަލަހައްޓައިގެން ތިބޭނެ ވަގުތެއް ރާއްޖެ ފަދަ ގައުމުތަކަށް ނެތް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު މިއަދު ވިދާޅުވެއްޖެ އެވެ.

މިއަދު ބާލިންގައި ބޭއްވުނު "ކްލައިމެޓް ޗޭންޖް އެންޑް ސެކިޔުރިޓީ ކޮންފަރަންސް" ގައި ތަގުރީރުކުރައްވަމުން ޝާހިދު ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ކާރިސާތަކުގައި ދިރިއުޅުން ހަލާކުވެ، ގެދޮރާއި މުދާ ގެއްލުމުގެ ހަގީގަތް ރާއްޖޭގެ ގިނަ ރައްޔިތުންތަކެއްވެސް ތަހައްމަލު ކުރަންޖެހިފައިވާ ކަމަށެވެ.

އޭޝިއާ ސަރަހައްދަށް 2004 ވަނަ އަހަރު އެރި ސުނާމީ ކާރިސާ މިސާލެއްގެ ގޮތުގައި ފާހަގަ ކުރައްވަމުން، މިނިސްޓަރު ވިދާޅުވި ގޮތުގައި އެ ހާދިސާގައި ވެސް ގިނަ ރާއްޖޭގެ ބައެއް ރަށްތަކުގައި ދިރިޅޫނެވޭވަރަށް ގެއްލުން ލިބި މީހުން ބަދަލުކުރަންޖެހުނު އިރު، އިގުތިސޯދު ބަރޯސާވާ ޓޫރިސްޓު ރިސޯޓުތަކަށްވެސް ބޮޑެތި ގެއްލުންތައް ވެފައިވާ ކަމަށެވެ.

"މިއަދު، ފިނި ކޮޓަރީގައި ތިބެ، އެކަހަލަ ހާދިސާއެއްގައި މީހުންނަށް ކުރިމަތިވާ ދެރަ ނިކަމެތި ހާލު އިހުސާސްކުރަން ދަތިވާނެ. އެ ފަދަ މީހުން މުޅި ހަޔާތުގައި ކުރި މަސައްކަތް ގެއްލިގެން ގޮސް، އެމީހުންގެ ދަރީންގެ މުސްތަގުބަލު ބެހިގެން ދިޔަ މަންޒަރު ސިފަ ކުރަން އުނދަގޫވާނެ. އެހެނަސް، އަޅުގަނޑު މި ގޮވާލަނީ އެފަދަ ނިކަމެތި ހާލަތެއް ހިތަށް ގެންނަން. އެފަދަ ވަގުތެއްގައި ހިތަށް ކުރާނެ އަސަރު އިހުސާސްކުރަން،" އެ ބައްދަލުވުމުގެ ބައިވެރިންނަށް ޝާހިދު ގޮވާލެއްވި އެވެ.

ޝާހިދު އިތުރަށް ވިދާޅުވި ގޮތުގައި، އެފަދަ ހާލަތެއް ހިތަށް ގެނެސްގެން މެނުވީ، މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާތަކަށް އެކަށީގެންވާ ފިޔަވަޅެއް ނޭޅޭނެ ކަމަށެވެ. އަދި އެފަދަ ފިޔަވަޅު އެޅުމަށްޓަކައި މިހާރުވެސް ވަގުތު ޖެހިފައިވާއިރު، މުޅި ދުނިޔެއަށް އޮތް ޒިންމާ އެއް ގައުމުން އަނެއް ގައުމުން އިނގިލި ދިއްކުރުމާއި ބަހުސް ކުރުމުގައި ހޭދަވެގެން ހިނގައިދާނެކަމަށް ޝާހިދު ވިދާޅުވި އެވެ.

އެގޮތުން، އިންޓަނޭޝަނަލް ޕެނަލް އޮން ކްލައިމެޓް ޗޭންޖް (އައިޕީސީސީ) އިން މިދިޔަ އަހަރު ނެރުނު ރިޕޯޓަށް އިޝާރާތް ކުރައްވަމުން ޝާހިދު ވިދާޅުވީ ދުނިޔޭގެ ފިނި ހޫނުމިން 1.5 ޑިގްރީސް ސެލްސިއަސްގައި ހިފެއްހެޓުނު ކަމުގައި ވީނަމަވެސް، ކަނޑުގެ ލޮނުގަނޑު އުފުލެމުންދާ މިންވަރަށް މަޑުޖެހުމެއް ނާންނާނެކަމަށާއި، ރާއްޖެފަދަ ޖަޒީރާ ގައުމުތައް ނެތިގެން ހިނގައިދާނެ ކަމުގެ ބިރު ބޮޑު ކަމަށެވެ.

"... އަޅުގަނޑުމެންނަކަށް މިހާރު ނެތް ވަގުތެއް. ރާއްޖެ ފަދަ ގައުމުތަކަކަށް ނެތް އުއްމީދުކޮށްލައިގެން ބަލަހައްޓައިގެން ތިބުމުގެ ފުރުސަތެއް،" މިނިސްޓަރު ވިދާޅުވި އެވެ.

މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކަލަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒުވާނުން ހޭލައިފި ކަމަށާއި، ފިޔަވަޅުތައް އަޅަންތިބި މީހުންނަށް އެކަން ކުރުމުގެ ގާބިލުކަމާއި ހިތްވަރު ނުނެރެވެންޏާ، މަސައްކަތުގައި ޒުވާނުންގެ ބައިވެރިކޮށް އެ ވިޔަވަޅުތައް އެޅުމުގެ ޒިންމާ އެމީހުންނާ ހަވާލުކުރަންޖެހިފައިވާކަން ވެސް ޝާހިދުގެ ސްޕީޗުގައި ވަނީ ފާހަގަ ކުރައްވައިފަ އެވެ.

މޫސުމަށް އަންނަ ބަދަލުތަކަށް ކުޑަކުރުމުގެ މަސައްކަތުގައި ރާއްޖެ އޮތީ ތައްޔާރަށް ކަމަށާއި، އެ ނުރައްކަލަށް މުޅި ދުނިޔެއިން ތެދުވެ އެކަށީގެންވާ ހަރުދަނާ ފިޔަވަޅުތަކެއް މިހާރުން މިހާރަށް ނާޅައިފިނަމަ، ދުނިޔެ ސަލާމަތްކޮށް އަންނަން އޮތް ޖީލުތަކަށް ދޫކޮށްފައިދާނެ އެއްޗެއް ނޯންނާނެކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.