ދުނިޔެ

ސައުދީގައި ހަމަލާތަކެއް ދޭން އުޅުނު އައިއެސްގެ ބަޔަކު ހައްޔަރުކޮށްފި

Jul 19, 2015

ސައުދީ އަރަބިއްޔާގެ އެކި ތަންތަނަށް އަމާޒުކޮށް ހަމަލާތަކެއް ދޭން ރާވަމުން ދިޔަ ކަމުގެ ތުހުމަތުގައި 431 މީހަކު ހައްޔަރުކޮށްފި އެވެ.

ސައުދީގެ އިންޓީރިއާ މިނިސްޓްރީން އިއްޔެ ބުނި ގޮތުގައި އެ މީހުން ރާވަމުން ދިޔައީ ކޮންމެ ހުކުރު ދުވަހަކު، ހުކުރު ވަގުތު އެ ގައުމުގެ ކޮންމެވެސް މިސްކިތަކަށް ޖާނުން ފިދާވުމުގެ ހަމަލާއެއް ދިނުމަށެވެ. އަދި ހަމަ އެ ވަގުތު، އިރުމަތީ ބިތުގެ އަވަށްތަކުގައި ހަރަކާތްތެރިވާ ސިފައިންނަށް އަމާޒުކޮށް ހަމަލާ ދިނުމަށް ވެސް ރާވާފައިވާ ކަމަށް އެ މިނިސްޓްރީން ތުހުމަތުކުރި އެވެ.

"އެއާ އެކު، ބޭރު ގައުމެއްގެ އެމްބަސީއަކާއި ސައުދީ ސަރުކާރުގެ އެކި އިމާރާތްތަކުގެ އިތުރަށް ސިފައިންނަށް އަމާޒުކޮށް ދޭން އުޅުނު އެހެން ހަމަލާއެއް ވެސް ވަނީ ނާކާމިޔާބުކޮށްލާފައި،" އިންޓީރިއާ މިނިސްޓްރީން ނެރުނު ބަޔާނުގައިވެ އެވެ.

ހައްޔަރުކުރި މީހުންގެ ތެރޭގައި ގިނައީ ސައުދީ ރައްޔިތުންނެވެ. އޭގެ އިތުރުން ހައްޔަރުކުރި ބޭރު ގައުމުތަކަށް ނިސްބަތްވާ ހަ މީހުންގެ ތެރޭގައި ޔަމަނާއި ސީރިއާ އަށް ނިސްބަތްވާ މީހުން ވެސް ހިމެނެ އެވެ.

ޔަމަނަށް ވެރިވެގެންފައިވާ ހޫތީ ހަނގުރާމަވެރިންނާ ދެކޮޅަށް ސައުދީ އިސްވެ އޮވެ އުފައްދާފައިވާ ގަލްފުގެ ގައުމުތަކުގެ ކޯލިޝަނަކުން ދަނީ ކެނޑިނޭޅި ވައިގެ ހަމަލާތައް ދެމުންނެވެ. އަދި އައިއެސްއާ ދެކޮޅަށް އެމެރިކާ އާއި ގުޅިފައިވާ ފައުޖުތަކުން ސީރިއާގައި ދެމުން ގެންދާ ވައިގެ ހަމަލާތަކުގައި ވެސް ސައުދީ ސިފައިން ބައިވެރިވެ އެވެ.

ސައުދީން ވަނީ އައިއެސް އަށް ނިސްބަތްވާ ކަމަށް ބެލެވޭ 93 މީހަކު މިދިޔަ އޭޕްރީލް މަހު ވެސް ހައްޔަރުކޮށްފަ އެވެ. ސަރުކާރުން އެ ފަހަރު ވެސް ބުނެފައިވަނީ އެ މީހުން އުޅުނީ ސައުދީގައި ޓެރަރިސްޓް ހަމަލާތަކެއް ދޭން ކަމަށެވެ.