ރިޕޯޓް

ދިވެހި ވަރަ ބިންމަތީގައި!

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަކީ ދިވެހިންގެ ފަހުރެކެވެ. ރާއްޖޭގައި އުފެއްދި ފުރަތަމަ އެއާލައިން އެއާ މޯލްޑިވްސްގެ މަތިންދާބޯޓް ފްލީޓަށް ކެރެބިއަން ޔުނައިޓެޑް އެއާލައިން އިން ގަތް ދެ ފުލައިޓުގެ ތެރެއިން ފުރަތަމަ ފުލައިޓް ހުޅުލޭ އެއާޕޯޓްގައި ޖައްސާފައިވަނީ އޮކްޓޫބަރު 9، 1974 ގައެވެ.

ގައުމީ ފްލެގް ކެރިއާގެ ގޮތުގައި އެއާ މޯލްޑިވްސް އުދުހޭން ފެށި ހިސާބެވެ. އެވެސް ދިވެހިންގެ ފަހުރެކެވެ. މި ދެ ބޯޓަށް ނަން ދީފައިވަނީ ދިވެހިންގެ ލޭ ނާރު ކަމަށްވާ މަސްވެރިކަމާ ގުޅުވައިގެންނެވެ. އެއީ "ފްލައިން ފިޝް" ގެ ނަމުންނެވެ. އެ ވެސް ފަހުރެކެވެ.

އެއަށްފަހު އެއާ މޯލްޑިވްސް އިން ބޭނުން ކުރަމުން ދިޔަ މަތިންދާބޯޓުތަކުގެ އަދަދު ނުވަ އަކަށް އިތުރުކޮށް 14 މަންޒިލަކަށް ދަތުރުކުރަން ފެށި އެވެ. އޭގެ ތެރޭގައި ފްރާންސާއި ޖަރުމަނާއި އިންޑިއާ އާއި ޖަޕާނާއި މެލޭޝިއާ އާއި ސައުތު ކޮރެ އާއި ސްރީލަންކާ އާއި ތައިލެންޑާއި ޔޫއޭއީ، އިގިރޭސިވިލާތް، ހދ. ހަނިމާދޫ އަދި އައްޑޫ ސިޓީ ހިމެނެ އެވެ. މީގެ ތެރެއިން އައްޑު އަތޮޅަށާއި ހދ. ހަނިމާދޫ އަށް ދަތުރުކުރަން ބޭނުން ކުރީ ޝޯޓް ސްކައި ވޭން އެވެ.

ނަވާރަސަތޭކެ ނުވަދިހަ ވަނަ އަހަރު އެއާ މޯލްޑިވްސްއިން ބޭރުގެ މަންޒިލްތަކަށް ދަތުރުކުރަން ފެށީ ޖޮއިންޓް ވެންޗާ އެއާލައިނެއްގެ ގޮތުގައި މެލޭޝިއާ އެއާލައިންގެ 51 ޕަސަންޓް ޝެއާ ހޮލްޑާއަކަށް ހަދައިގެންނެވެ. އެކަމަކު ދެހާސް ވަނަ އަހަރު އެ ކުންފުނީގެ 69.2 މިލިއަން ޑޮލަރަށް ވީނުވީ ނޭނގި ދިވެހިންގެ ގައުމީ ވަރަ "އެއާ މޯލްޑިވްސް" ބިންމައްޗަށް ތިރިވި އެވެ.

އެއާ މޯލްޑިވްސްގެ ދެ ބޯޓެއް މިހާރުވެސް ފެންނަން އެބަ އޮވެ އެވެ. އެއީ އެންމެ ފުރަތަމަ އެއާ މޯލްޑިވްސް އިން ގެނައި ދެ އެއާ ބަހެވެ. އެހެން މަތިންދާ ބޯޓުތައް ވަނީ ތަފާތު ސަބަބުތަކާހެދި ބޭރުގެ އެކި ފަރާތްތަކަށް ވިއްކާލާފަ އެވެ.

އަމިއްލަ އެއާލައިނެއްގެ ގޮތުގައި އުފެއްދި އެއާމޯލްޑިވްސް ބަނގުރޫޓްވުމާއެކު އެކަމުގެ ޒިންމާ މިހާތަނަށް އެކި ފަރާތްތަކުގެ ބޮލުގައި އެޅުވުން ފިޔަވައި ކުރެވުނު މާ ބޮޑު ކަމެއް ފެންނާކަށް ނެތެވެ.

ރަނގަޅު ފެންވަރެއްގައި ހިންގަމުން އައި ދިވެހިންގެ އެ އެއާލައިން ކުއްލިއަކަށް ބަނގުރޫޓުވެ ހުއްޓާލަން ޖެހުނު ސަބަބެއް އަދި މިހާތަނަށްވެސް ސީދާކޮށް ބުނާކަށް ނޭގެ އެވެ. އެމައްސަލަ ތަހުގީގު ކުރި ނަމަވެސް އެކަމުގެ މައުލޫމާތު އާއްމުކޮށްފައެއް ވެސް ނުވެ އެވެ.