ދުނިޔެ

"ދަންނަ އިބިލީސް" އެނބުރި އަންނަނީތަ؟

Jul 19, 2015

ސްރީ ލަންކާގައި ކުރިއަށް އޮތް އާންމު އިންތިޚާބުގައި އެގައުމުގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ނުވަތަ އޭނާ އެމަނިކުފާނު އަމިއްލަފުޅަށް ވިދާޅުވާ ގޮތަށް ނަމަ "ދަންނަ އިބްލީސް" ވާދަކުރައްވާނެ އެވެ. އޭނާ މަޖިލީހުގެ ރޭހަށް ނުކުމެ ވަޑައިގަންނަވަނީ ވެރިކަން ކުރާ ޔޫޕީއެފްއޭ އިއްތިހާދުގެ ކެންޑިޑޭޓެއްގެ ގޮތުގަ އެވެ.

އެހެންވީމަ "ދަންނަ އިބިލީސް" ގޮނޑިއެއް ކަށަވަރުކުރައްވާނެކަން މިހާރު ވެސް ޔަގީނެވެ. މިއީ ފަހަރެއްގައި މިހާރުގެ ކޯލިޝަން ރައީސް، މައިތިރިޕަލާ ސިރިސޭނާ އަށް ކުރިމަތިވެ ވެޑައިގަންނަވާނެ ނުރައްކަލެކެވެ. ވެރިކަން ކުރާ ޕާޓީގެ ޓިކެޓްގައި ރާޖަޕަކްސަ އަށް އިންތިހާބުގެ ރޭހަށް ނުނިކުމެވޭ ގޮތް ހެއްދެވުމަށް ސިރިސޭނާ މަސައްކަތްކުރެއްވީ ވެސް މި ވިސްނުމުގެ ތެރެއިން ކަމަށް ބެލެވެ އެވެ.

ކޮންމެއަކަސް އެ މަސައްކަތްވީ ނާކާމިޔާބެވެ. ލަންކާގެ އާންމު އިންތިހާބު އޮންނާނީ އޯގަސްޓް 17ގަ އެވެ.

އެހެންވީމަ ދަންނަ އިބިލީސް، ރާޖަޕަކްސަގެ ދުވަސްތައް އެނބުރި އަންނަނީ ހެއްޔެވެ؟ ބޮޑުވަޒީރު ކަމަށް ދެން ވަޑައިގަންނަވާނީ ރާޖަޕަކްސަ ކަމަށް އޭނާގެ ވަފާތެރިން ދަނީ ބުނަމުންނެވެ.

ކުރިއަށް އޮތް އާންމުއިންތިޚާބުން ރާޖަޕަކްސަ އަށް ކޯލިޝަންގެ ޓިކެޓް ލިބިވަޑައިގަތުމަކީ ރައީސް ސިރިސޭނާގެ ބާރު އެ ބޭފުޅާގެ އަމިއްލަ ސަރުކާރުގައި ނެތް ކަމުގެ ހެއްކެކެވެ.

ރާޖަޕަކްސަ އަށް ޓިކެޓް ދިނުމުގެ މައްސަލާގައި ސިރިސޭނާ އަށް ވަނީ އެ ބޭފުޅާގެ އަމިއްލަ ޕާޓީގެ ސަޕޯޓް ވެސް ގާތްގަނޑަކަށް ގެއްލިފަ އެވެ. ހަގީގަތަކީ ސިރިސޭނާ ވަށައިގެން ތިއްބެވި ގިނަ ސިޔާސީ ބޭފުޅުން ރާޖަޕަކްސަގެ ވަފާތެރިންނަށް ވުމެވެ. އަދި ރާޖަޕަކްސަ އަލުން ވެރިކަމަށް ގެނައުމަށް ތާއީދުކުރާ މީހުންނަށް އެ ފަރާތްތައް ވުމެވެ.

ކޮންމެއަކަސް ރާޖަޕަކްސަގެ ވަފާތެރިން ތިބީ އެމީހުންނަށް މަޖިލީހުގެ ބޮޑު އަޣުލަބިއްޔަތެއް ލިބޭނެ ކަމުގެ އުއްމީދުގަ އެވެ.

އިންތިޚާބުގައި ރާޖަޕަކްސަ ނުކުމެ ވަޑައިގަންނަވަނީ 1.6 މިލިއަން މީހުންގެ އާބާދީއެއް އޮތް ކުރުނީގަލާ އަށެވެ. މިއީ ލަންކާގައި ތިން ވަނަ އަށް އެންމެ ބޮޑު އިލެކްޓޯރަލް ޑިސްޓްރިކްޓެވެ.

ލަންކާގެ ހުޅަނގު އުތުރު ބިތުގައި އޮތް މި ޑިސްޓްރިކްޓަށް ރާޖަޕަކްސަ ކުރިމަތި ލައްވަނީ ރިސްކެއް ވެސް ނަންގަވައިގެންނެވެ. އެ ބޭފުޅާ އަށް ގޮނޑި އެންމެ ފަސޭހައިން ކަށަވަރުކުރެވޭނީ އެ ބޭފުޅާގެ ބާރު އެންމެ ގަދަ ދެކުނު ބިތުގައި އޮތް ހަމްބަންޓޯޓާ އިންނެވެ.

ނަމަވެސް އެ ޑިސްޓްރިކްޓްގެ އާބާދީ އަކީ ރާޖަޕަކްސަ އަށް ބޮޑުވަޒީރުކަން ލިބޭ ވަރުގެ އާބާދީއެއް ނޫނެވެ.

ބޮޑުވަޒީރުކަން ކާމިޔާބުކުރުމަށް ކުރުނީގަލާގެ އާބާދީ މުހިންމެވެ.

ރާޖަޕަކްސަ އަށް ކޯލިޝަންގެ ތެރެއިން އިންތިހާބުގެ ޓިކެޓް ދިނުމުން ސިރިސޭނާ އަށް އަމާޒުވެފައިވާ ފާޑުކިޔުންތައް ވަރަށް ވެސް ގިނަ އެވެ. ހުދުމުހުތާރުވެރިޔަކު ދުރުކުރުމަށް ކުރި މަސައްކަތް ބޭކާރުވެއްޖެ ކަމަށް ސިރިސޭނާ އަށް ވޯޓް ދިން މީހުން މިހާރު ވެސް ނިންމައިފި އެވެ.

އަދި އެ މީހުން ބުނަނީ ސިރިސޭނާ ރައްޔިތުންނަށް ބޭވަފާތެރިވެ، ސިޔާސީ މައިދާނުގައި "ވިކިއްޖެ" ކަމަށެވެ. ނަމަވެސް ސިރިސޭނާ ބުނަނީ ޑިމޮކްރަސީގެ ފޮނި މީރުކަން ލަންކާގެ ރައްޔިތުންނަށް ލިބެން ފަށައިފި ކަމަށާއި އެމީހުން ހިތަށް އެރިހައި އެއްޗެއް ރައީސް އަށް ގޮވުމުގެ މިނިވަންކަމަކީ ވެސް ޑިމޮކްރަސީ ފައްކާވަމުން ދާ ކަމުގެ މިސާލެއް ކަމަށެވެ.

ރާޖަޕަކްސަ އަށް ޓިކެޓް ލިބުނު މައްސަލައާ ގުޅޭ ގޮތުން ސިރިސޭނާ ވިދާޅުވެފައި ވަނީ ރިއާސީ އިންތިހާބުގައި ރާޖަޕަކްސަ ނާކާމިޔާބުވި ގޮތަށް މިފަހަރު ވެސް އެބޭފުޅާ ބަލިވެގެން ހިނގައިދާނެ ކަމަށެވެ.

ނަމަވެސް ހިޔާލު ހޯދުމުގެ ވޯޓްތައް ދައްކާ ގޮތުން އަދި ލަންކާގެ ސިޔާސީ އޮއިވަރު އޮތްގޮތަށް ބަލާއިރު ރާޖަޕަކްސަ އާއި އެބޭފުޅާގެ ޕާޓީން މަޖިލިސް ކާމިޔާބުކުރައްވާނެ އެވެ. މި ނަތީޖާ ނުކުމެއްޖެ ނަމަ ސިރިސޭނާގެ ސަރުކާރުގެ ބޮޑުވަޒީރު ކަމަށް ރާޖަޕަކްސަ ގެންނަން މަޖުބޫރުވާނެ އެވެ.

ރާޖަޕަކްސަ ނާކާމިޔާބުވެއްޖެ ނަމަ އެކަން ވެގެންދާނީ ވަރަށް ވެސް ބޮޑު ލަދަކަށެވެ. ނަމަވެސް އޭނާ އަށް މަޖިލީހުގެ އަޣުލަބިއްޔަތު ލިބިއްޖެ ނަމަ ލަންކާ މީހުން އެ ކިޔާ "ސައިލެންޓް ރިވޮލިއުޝަން" ވެސް ނިމުމަކަށް އައީ އެވެ.