ހޮލީވުޑް

"އަންހެން މިނިއަންސް" ނުއުފައްދަނީ ކީއްވެ؟

Jul 19, 2015

ޔަގީނަށް ވެސް ތިޔައީ "މިނިއަންސް" ގެ ފޭނެކެވެ. އަމުދުން މި ދުވަސްކޮޅު، ރީނދޫ ކުލައިގެ މި ކުދިކުދި "މިނިއަންސް" ތަކަށް މަރުދޭ މީހުން ގިނަވާނެކަން ޔަގީނެވެ.

އެނިމޭޓެޑް ފިލްމު "ޑެސްޕިކަބްލް މީ" އިން ބެލުންތެރިންގެ ހިތް އަތުލުމަށް ފަހު އެންމެ ފަހުން މި މިނިއަންސްތައް އެމީހުންގެ ވާހަކަ އަށް ހާއްސަ ފިލްމަކާ އެކު ބޮޑު ސްކްރީނަށް ވެސް އައިސްފައިވާތީ އެވެ. މި ޖުލައި މަހުގެ 11 ވަނަ ދުވަހުން ފެށިގެން "މިނިއަންސް" އޭ ކިޔުނު މި ފިލްމެއްގެ ޝޯތައް ކުރިއަށްދާއިރު ބޮކްސް އޮފީހުގައި ވަނީ މިހާތަނަށް 454 މިލިއަން ޑޮލަރު ނަގައިފަ އެވެ. ފިލްމުގެ 74 މިލިއަން ޑޮލަރުގެ ބަޖެޓަށް ބަލާއިރު މިއީ މާ ބޮޑަށް ވެސް "ހިޓެކެވެ".

ކޮންމެއަކަސް މި ފިލްމަކާ އެކު މިނިއަންސް ކެރެކްޓާސްތަކުގެ މަގްބޫލުކަން މި ވަނީ އިހުނަށް ވުރެ ވަކިން ބޮޑުވެފަ އެވެ. އެކަމަކު އެންމެންގެ ވެސް އެއް ޝަކުވާއެއް އެބައޮތެވެ.

އެއީ މިނިއަންސްގެ އަންހެން ކެރެކްޓާސްތަކަށް ވާނުވާއެއް ނޭނގޭތީ އެވެ. މި ކުދިކުދި މިނިއަންސްތަކެއް އުފެއްދި ފްރެންޗް އާޓިސްޓް، ޕިއޭރް ކޮފިން ބުނަނީ އޭނާގެ މި އުފެއްދުމުގައި "އަންހެން ޖިންސެއް" ނެތީ ސަބަބަކާ ހެދި ކަމަށެވެ.

"މި އެއްޗެހިތަކުގެ މޮޔަކަމާއ ގަމާރުކަން ހިތަށް އަރާފައި އަޅުގަނޑަކަށް ހަމަ ހިޔާލަކަށް ނުގެނެވޭ މިނިއަންސްގެ ތެރޭގައި އަންހެން އެއްޗެހިތަކެއް ތިބެދާނެ ކަމަކަށް،" ދަ ރެޕް އަށް ދިން އިންޓަވިއުއެއްގައި ޕިއޭރް ބުނެފައި ވަނީ މިހެންނެވެ.

އެހެންވީމަ "ގަޅި ގަމާރު" ބަޔަކީ ފިރިހެނުންނެއް ނޫން ހެއްޔެވެ؟

ކޮންމެއަކަސް ޕިއޭރް މިހެން ބުންޏަސް މިފަހުން ނެރުނު "މިނިއަންސް" ފިލްމުގެ ސުޕަ-ވިލަން އަކީ އަންހެން ކެރެކްޓާއެކެވެ. އެކަމަކު ޕިއޭރްގެ ތިއަރީ އަށް ބުރަވާ ނަމަ މިއީ އަންހެން ހެދުން އަޅައިގެން އުޅޭ ނުވަތަ އަންހެނަކަށް ވެގެން އުޅޭ "އަންހެން މިނިއަން" އަކަށް ވެދާނެ އެވެ.

މިނިއަންސްތަކަކީ ބައެއް ފަހަރަށް އަންހެން ހެދުން އަޅައިގެން ނުވަތަ އަންހެނުންނަށް ހާއްސަ ސިފަތައް ޖައްސައިގެން ވެސް އުޅޭތަން ފެންނަ އެއްޗެހިތަކެކެވެ. ނަމަވެސް ހަގީގަތަކީ މިނިއަންސްގެ އަންހެން އެއްޗެހިތަކެއް ނެތް ކަމެވެ.

މި މިނިއަންސްތަކުގެ ވެރިޔާ ބުނަނީ މިނިއަންސްތަކަކީ ރީޕްރޮޑިއުސްކުރުމުގެ ބާރެއް ވެސް އަދި އެކަތިން އަނެކަތި އުފެއްދުމުގެ ބާރެއް ވެސް ލިބިފައިވާ އެއްޗެހިތަކެއް ނޫން ކަމަށެވެ.

އެހެންވީމަ މިނިއަންސްގެ ތެރޭގައި ފިރިހެން މިނިއަންސްތަކެއް ވެސް ނެތެއް ނޫން ހެއްޔެވެ؟ މިނިއަންސް އަކީ މިނިއަންސް އެވެ. މިއީ މި އެއްޗެހިތައް އެންމެ ރަނގަޅަށް ސިފަކޮށްދެވޭނެ ގޮތެވެ.