ހަބަރު

އިންޑިއާއިން ދިން 100 މިލިއަނުން 13 މަޝްރޫއުއެއް

އިޖުތިމާއީ އަދި އިގުތިސޯދީ މަޝްރޫއުތައް ހިންގުމަށް އިންޑިއާ ސަރުކާރުން ހިލޭ އެހީގެ ގޮތުގައި ދީފައިވާ 100 މިލިއަން ދިވެހި ރުފިޔާ (6.9 މިލިއަން އެމެރިކާ ޑޮލަރު) ޖުމްލަ 13 މަޝްރޫއަކަށް ކަނޑައަޅައިފި އެވެ.

އިޖްތިމާއި އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ޕްރޮޖެކްޓްތަށް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީ ދޭން އެއްބަސްވީ މިދިޔަ މާޗު މަހު އެގައުމުގެ ފޮރިން މިނިސްޓަރު ޝުޝްމާ ސުވަރާޖް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދިން ގޮތުގައި، އެ ފައިސާ މިހާރު ޖުމްލަ 13 މަޝްރޫއުއަކަށް ކަނޑައަޅާފައިވާއިރު، އެ މަޝްރޫއުތަކަކީ ރަށު ކައުންސިލްތަކުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހު އެދިފައިވާ މަޝްރޫއުތަކުގެ އިތުރުން، ކެމްޕެއިން ދަތުރުތަކާއި، އެކި މިނިސްޓްރީތަކުން ރައީސްގެ ސަމާލުކަމަށް ގެނެސްފައިވާ މުހިންމު މަޝްރޫއުތައް ކަމަށެވެ.

ފައިސާ ކަނޑައަޅާފައިވާ މަޝްރޫއުތަކުގެ ތެރެއިން، އެންމެ ބޮޑު އަދަދެއް ދޭން ނިންމާފައިވަނީ ނ. ޅޮހީގެ އިތުރުން، ރ. ކިނޮޅަސް ގައި އިތުރު ކްލާސްރޫމްތަކެއް އެޅުމަށެވެ. އެގޮތުން، 12 މިލިއަން ރުފިޔާ ހަރަދުކުރަން ނިންމާފައިވަނީ އެ ދެ ރަށުގައި އިތުރު ކްލާސްތައް އެޅުމަށްފަހު، އެއް ދަންފަޅިއަށް އެ ސްކޫލްގެ ކިޔެވުން ބަދަލުކުރުމަށްކަމަށްވެސް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ހިލޭގެ އެހީގެ ދަށުން ހިންގާ މަޝްރޫއުތައް

 • އއ. އުކުޅަސްގައި އިންޓަނޭޝަނަލް ކޮންވެންޝަން ސެންޓަރެއް - 7.8 މިލިއަން
 • ދ. ވާނީގައި ފުލުހުންގެ ތަމްރީން އެކެޑެމީ - 7 މިލިއަން
 • ހއ. އިހަވަންދޫގައި އެމަޖެންސީގައި ސިއްހީ ފަރުވާދޭ ޔުނިޓެއް - 7.4 މިލިއަން
 • ނ. ޅޮހި އަދި ރ. ކިނޮޅަސް ސްކޫލްގައި އިތުރު ކްލާސްރޫމްތައް - 12 މިލިއަން
 • 61 ރަށެއްގައި އައުޓްޑޯ ފިޓްނަސް އިކުއިޕްމަންޓް - 8 މިލިއަން
 • އެކި ރަށްތަކަށް 11 އެމްބިއުލަންސް - 7.7 މިލިއަން
 • އއ. ރަސްދޫގެ ގޮނޑުދޮށް ހިމާޔަތްކުރުން - 8 މިލިއަން
 • ދެ ރަށެއްގައި އައިސް ޕްލާންޓް - 8 މިލިއަން
 • ބ. ފެހެންދޫ އާ ބ. ގޮއިދޫ އާ ދެމެދު ދަރިވަރުންނަށް ފެރީ - 1.5 މިލިއަން
 • ސ. ހުޅުދޫގައި ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރެއް - 6 މިލިއަން
 • މާލޭ ސިޓީ ކައުންސިލަށް ވެހިކަލާއި އިކުއިޕްމަންޓް - 8 މިލިއަން
 • ށ. ފޯކައިދޫގައި ކޮމިޔުނިޓީ ސެންޓަރެއް - 5 މިލިއަން
 • މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އިތުރު ވެހިކަލް - 8 މިލިއަން

އެންމެ ގިނަ ރަށްތަކެއް ހިމެނޭގޮތަށް ހިންގަން ހަމަޖެހިފައިވާ މަޝްރޫއުއަކީ ދުޅަހެޔޮ ސިއްހަތެއްގެ މުޖުތަމައުއެއް ބިނާކުރުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން ހޯދާ އައުޓްޑޯ ފިޓްނަސް އިކުއިޕްމަންޓްތަކެވެ. އެ ގޮތުން، 61 ރަށަކަށް ފިޓްނަސް އިކުއިޕްމަންޓް ހޯދަން އަށް މިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

އޭގެ އިތުރުން، މާލޭގެ އެކި ކަންކޮޅުތަކުގައި ހުރި ހެލްތު ސެންޓަރުތަކާއި ހޮސްޕިޓަލްތަކަށް އަމާޒުކޮށް 11 އެމްބިލުއަންސް ގަތުމަށް 7.7 މިލިއަން ރުފިޔާ ވަނީ ކަނޑައަޅައިފަ އެވެ.

މުޅި އައްޑޫ ސިޓީއަށް އަމާޒުކޮށް ސ. ހުޅުދޫގައި ހަ މިލިއަން ރުފިޔާ ހަރަދުކޮށްގެން އަޅަން ނިންމާފައިވާ ޑްރަގް ރީހެބިލިޓޭޝަން ސެންޓަރުގެ ބޭނުމަކީ މަސްތުވާތަކެއްޗާ ދުރުވާން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދިނުން ކަމަށް މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެ އިމާރާތުގެ އިތުރުން، އެ ސެންޓަރުގައި މަސައްކަތްކުރާ ކައުންސެލަރުންނާއި މުވައްޒަފުންގެ ތަމްރީންވެސް އެ މަޝްރޫއުގައި ހިމެނޭނެކަމަށް މިނިސްޓްރީން މައުލޫމާތުދެ އެވެ.

އިންޑިއާއިން ދިން ހިލޭ އެހީގެ ދަށުން ގައިދީން އުފުލުމަށް އެހީތެރިވެދިނުމުގެ މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއަށް އިތުރު ވެހިކަލާއި ލޯންޗު ހޯދުމަށް އަށް މިލިއަން ރުފިޔާ ކަނޑައަޅާފައިވާއިރު، މާލޭ ސިޓީ ކައުންސިލަށް ބޭނުންވާ ވެހިކަލާއި، އިކުއިޕްމަންޓް ހޯދުމަށްވެސް ހަމަ އެ އެދަދަށް ފައިސާ ވަނީ ހަމަޖައްސައިފަ އެވެ.

މިހާރު ކަނޑައަޅާފައިވާ 13 މަޝްރޫއުއަށް ގާތްގަނޑަކަށް 94.5 މިލިއަން ރުފިޔާ ހިމަނާފައިވާއިރު، 100 މިލިއަނުން ބާކީ ހުރި ފައިސާއަކީ އެ މަޝްރޫއުތަކަށް އިތުރު ބަޖެޓް ބޭނުންވެއްޖެ ހިނދެއްގައި ބޭނުންކުރާނެ ފައިސާކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

"މިހާރު ކަނޑައަޅާފައިވާ މަޝްރޫއުތަކަށް ބާކީ ހުރި ފައިސާ ބޭނުންކުރަން ނުޖެހިއްޖެނަމަ، އެ ފައިސާ ކޮންމެވެސް އެހެން މަޝްރޫއުއަކަށް ހަރަދުކުރާ ގޮތަށް ވަނީ ނިންމާފައި،" ފޮރިން މިނިސްޓްރީގެ އޮފިޝަލަކު "އަވަސް" އަށް ވިދާޅުވި އެވެ.

އޮފިޝަލް އިތުރަށް ވިދާޅުވި ގޮތުގައި، އެ ހުރިހާ މަޝްރޫއުތަކަކީ އެންމެ ގިނަ ރައްޔިތުންތަކަކަށް މަންފާކުރާނެ ގޮތަކަށް ބަލައިގެން ކަނޑައަޅާފައިވާ މަޝްރޫއުތައް ކަމަށެވެ. އަދި އެ މަޝްރޫއުތައް ހިންގާނީ ސީދާ އެ މަޝްރޫއުއެއް ނިސްބަތްވާ މިނިސްޓްރީއެއް، އިދާރާއެއް ނުނީ ރަށު ކައުންސިލަކުން ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އަވަށްޓެރި އިންޑިއާއާއެކު އޮންނަ ގުޅުން ވަރަށް ބޮޑަށް ހީނަރުވެފައިވަނިކޮށް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ އެ ގުޅުން އަލުން ބަދަހިކޮށްދީފަ އެވެ.

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އަލަށް ރާއްޖެ އަށް ވަޑައިގަތީ ރައީސް ސޯލިހް ވެރިކަމާ ހަވާލުވެވަޑައިގަތް ރަސްމިއްޔާތަށް، މިދިޔަ އަހަރުގެ ނޮވެމްބަރު މަހެވެ. އަދި ރައީސް ސޯލިހް ވެރިކަމުގެ ހުވާ ކުރެއްވުމަށް ފަހު، ރާއްޖެ އިން ބޭރަށް ކުރެއްވި ފުރަތަމަ ރަސްމީ ދަތުރުފުޅުގައި އިންޑިއާ އަށް ވަޑައިގަތުމުން، އެ ގައުމުން ވަނީ ބޮޑެތި އެހީތަކެއް ރާއްޖެ އަށް ދިނުމަށް އެއްބަސްވެފަ އެވެ. އެގޮތުން 1.4 ބިލިއަން ޑޮލަރުގެ ކްރެޑިޓް ފެސިލިޓީއެއް ދޭން އިންޑިއާ އިން ވަނީ ނިންމައިފަ އެވެ.

އިންޑިއާގެ އާންމު އިންތިހާބު ބޮޑުތަނުން ކާމިޔާބުކޮށް ދެވަނަ ދައުރަކަށް އިންތިހާބުވެ ވަޑައިގެންނެވުމަށްފަހު މޯދީ ބޭރު ގައުމަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ރާއްޖެ އަށް ވަޑައިގަންނަވާނީ މާދަމާ އެވެ.