ހަބަރު

އިންޑިއާއިން ދިން ރާޑަރު ސިސްޓަމް މޯދީ އިފްތިތާހުކޮށް ދެއްވާނެ

Jun 7, 2019
5

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މާދަމާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި އިންޑިއާގެ އެހީގައި ގާއިމުކުރި ރާޑަރު ސިސްޓަމްގެ އިތުރުން ދިވެހި ސިފައިންނަށް ބޭނުންވާ ކޮމްޕޮސިޓް ޓްރެއިނިންގް ސިސްޓަމެއް އިފްތިތާހު ކޮށްދެއްވާނެ ކަމަށް އިންޑިއާ ސަރުކާރުން ބުނެފި އެވެ.

ރާއްޖޭގެ އިގްތިސޯދީ ސަރައްދު ބަލަހައްޓަން އިންޑިއާއިން ދީފައިވާ 10 ރާޑަރު ސިސްޓަމުން އެއް ވިއުގަކުން، އިންޑިއާ، ސްރީލަންކާ އަދި މޮރިޝަސްގެ އިތުރުން ސީޝެލްސްގައި ގާއިމުކޮށްފައިވާ ސިސްޓަމުތަކާއި ގުޅާލެވޭނެ ނިޒާމެއްކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ބުނެފަ އެވެ.

އެ ސިސްޓަމްގެ ޒަރިއްޔާއިން މި ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ މައުލޫމާތުތައް ކަމާބެހޭ އިދާރާތަކަށް ވަގުތުން ލިބިގެންދާނެކަމަށްވެވެސް އެމްއެންޑީއެފުން ވަނީ މައުލޫމާތުދީފަ އެވެ.

މޯދީގެ ދަތުރުފުޅާއި ގުޅޭގޮތުން މީޑިއާއަށް މައުލޫމާތު ދެއްވަމުން އެ އިންޑިއާގެ ފޮރިން ސެކްރެޓަރީ ވިޖޭ ގޯކަލޭ ވިދާޅުވީ 26 މިލިއަން އެމެރިކާ ޑޮލަރުގެ އެ ދެ މަޝްރޫއަކީ ވަރަށް މުހިންމު ދެ މަޝްރޫއުއެއް ކަމަށެވެ.

ދެ ދުވަހުގެ މުއްދަތަށް މޯދީ ކުރައްވާ ދަތުރުފުޅުގައި، ދެ ގައުމުގެ ދެމެދުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއި ކުރުމަށް ހަމަޖެހިފައިވާކަމަށް އިންޑިއާ ސަރުކާރުން ވަނީ ބުނެފަ އެވެ.

ބޮޑުވަޒީރުގެ ދަތުރުފުޅާ ގުޅޭ ގޮތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކްސްޓާނަލް އެފެއާޒް މިނިސްޓްރީގެ އިސް ބޭފުޅުން ވިދާޅުވީ ސިވިލް ސާވެންޓުންނަށް ތަމްރީނު ދިނުމާ ގުޅޭ އެއްބަސްވުމަކާއި ކަސްްޓަމްސް އާއި ޝިޕިން އާއި ގުޅޭ މުހިއްމު އެއްބަސްވުންތަކެއްގައި ވެސް ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. މީގެ އިތުރުން ވެސް އެކި ދާއިރާތަކުން އެހީވުމުގެ އެއްބަސްވުންތަކުގައި ސޮއިކުރާނެކަމަށް އެ މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އަދި މޯދީގެ ދަތުރުފުޅުގައި، އާ އިންޑިއާ ހައިކޮމިޝަން އެޅުމަށް ހުޅުމާލޭން ދޭން ނިންމާފައިވާ ބިމުގައި އެ އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވާނެކަމަށް ވެސް މައުލޫމާތު ވަނީ ލިބިފަ އެވެ.

އޭގެ އިތުރުން، ހޮނިހިރު ދުވަހު ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފަ އެވެ.