މާޒީގެ ރޮނގު މަތިން: ބޮޑު ވަޒީރު ނަރެންދްރަ މޯދީ

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ނުވަތަ ނަރެންދުރަ ދާމޮދަރްދާސް މޯދީ އުފަންވެވަޑައިގަތީ ސެޕްޓެމްބަރު 17، 1950 ގައި އިންޑިއާގެ ގުޖަރާތުގެ ވަދްނާގަރް އަވަށަށެވެ. އެ މަނިކުފާނަކީ ތަރުކާރީ ވިއްކާ އާދައިގެ ދެމަފިރިން ކަމަށްވާ ދާމޮދަރްދާސް މުލްޗާންދް މޯދީ އަދި ހިރަބެން މޯދީއަށް ލިބިފައިވާ ހަ ކުދީންގެ ތެރެއިން ތިންވަނަ ދަރިފުޅެވެ.

މޯދީ ތުއްޕުޅު އިރު އެ މަނިކުފާނުގެ ބައްޕާފުޅު މުލްޗާންދް މޯދީއާއެކު ވަދްނާގަރްގެ ރޭލް ސްޓޭޝަންގައި ސައި ވިއްކަވަން އުޅުއްވުމަށް ފަހު ބަސް ޓާމިނަލެއްގެ ކައިރީގައި ފަހުން އެ މަނިކުފާނުގެ ބޭބެއާއެކުގައި ވެސް އެ މަސައްކަތް ކުރައްވާފައިވާ ކަމަށް މޯދީ ވިދާޅުވެ އެވެ.

މަތީ ސާނަވީ ތައުލީމު މޯދީ ފުރިހަމަ ކުރައްވާފައި ވަނީ 1967 ވަނަ އަހަރު އެވެ. އެ މަނިކުފާނަށް އުނގަންނަވައި ދެއްވި މުދައްރިސަކު ވިދާޅުވެފައިވާ ގޮތުގައި މޯދީއަކީ ކިޔެވުމުގައި އާާދައިގެ ފެންވަރެއްގެ ދަރިވަރެއް ކަމަށް ވިޔަސް ތަމްސީލު ކުޅުއްވުމާއި ބަހުސް ކުރެއްވުމުގައި މޯދީގެ ވިސްނުންފުޅު ތޫނުކަން އޭރު ވެސް މުދައްރިސުންނަށް އޮތީ ވަރަށް ބޮޑަށް ފާހަގަ ކުރެއްވިފަ އެވެ.

މޯދީގެ އުމުރުފުޅުން 8 އަހަރުގައި އިންޑިއާގެ ގައުމީ ވޮލަންޓިއާ ޖަމާއަތެއް ކަމަށްވާ ރަކްޝަތުރިޔާ ސްވަޔަމްސެވަކް ސަންގް (އާރްއެސްއެސް) އާއި ގުޅިވަޑައިގަތެވެ. އާރްއެސްއެސް އާއި ގުޅިވަޑައިގަތުމަށް ފަހު އެ ޖަމާއަތުގެ އިސް ބޭފުޅެއް ކަމަށްވާ ލަކްޝްމަން ރާއޯ އިނާމްދާރް އާއި ބައްދަލުވެ ވަޑައިތެވެ. އެއަށް ފަހު އެ ޖަމާއަތުގެ އަމިއްލަ ސިފައިންގެ ކެޑޭޓެއްގެ ގޮތުގައި މޯދީ ހަރަކާތްތެރިވާން ފެއްޓެވި އެވެ.

އިންޑިއާގެ އާދަކާދައިގެ މަތިން ހަޔާތުގެ ކުރީ ކޮޅުގައި މޯދީ ޖަޝޯދަބެން ޗިމަންލާލް އާއެކު ކައިވެންޏަށް ހުށަހެޅި، ޒުވާން އުމުރު ފުރައިގައި ދެ ބޭފުޅުން ކައިވެނި ބައްލަވައިގަތެވެ. ނަމަވެސް އޭގެ ދުވަސްކޮޅެއް ފަހުން ކައިވެނީގެ އެހެން އިތުރު އެއްވެސް ކަމެއް ފުރިހަމަ ނުކުރައްވާ މޯދީ ވަނީ ގެ ދޫކުރައްވާ ދުރަށް ވަޑައިގެންފަ އެވެ. އެއަށް ފަހު އަމިއްލަ ދިރި އުޅުއްވުމެއްގައި ވޭތު ކުރައްވަމުން ވަޑައިގެންނެވި ނަމަވެސް މޯދީ އަދި ޖަޝޯދަބެން ވެސް އިތުރު ކައިވެނިފުޅެއް ކުރައްވާފައެއް ނުވެ އެވެ. 2014 ވަނަ އަހަރުގެ އިންތިހާބާއި ހަމައަށް މޯދީ ވިދާޅުވަމުން ގެންދެވީ އެމަނިކުފާނު ދުވަހަކުވެސް ކައިވެންޏެއް ނުކުރައްވަވާކަމަށެވެ. ނަމަވެސް 2014 ވަނަ އަހަރު އިންތިހާބުގައި އެމައްސަލަ ފެންމަތިވުމާއި ހަމައިން ފުރަތަމަ ފަހަރަށް މޯދީ ވަނީ އެމަނިކުފާނު ކައިވެންޏެއްކުރެއްވި ކަމަށް އެއްބަސްވެ ވަޑައިގެންފައެވެ. އަދި އެކައިވެނީގައި މިހާރުވެސް ދެމިހުންނެވިކަމަށް އެއްބަސްވެވަޑައި ގަތެވެ. އެކައިވެނި ކުރެވުނީ މޯދީ ގެ އުމުރުފުޅުން 18 އަހަރުގައެވެ.

މޯދީ އިސްކޮށް ހުންނަވައި ބާރަތިޔާ ޖަނަތާ ޕާޓީ (ބީޖޭޕީ) އަށް 2014 ވަނަ އަހަރު އިންޑިއާގައި ބޭއްވި ލޮކްޝަބާ އިންތިހާބު ކާމިޔާބު ކޮށްދެއްވުމުގައި އިސް ރޯލެއް އަދާ ކުރެއްވި އެވެ. ބޮޑުވަޒީރު ކަމަށް ވަޑައިގަތުމުގެ ކުރިން އެ މޯދީ ވަނީ ގުޖަރާތުގެ ޗީފް މިނިސްޓަރުގެ މަގާމު 2001 ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާއި ހަމަށް ފުރިހަމަ ކުރައްވާފަ އެވެ.

މޯދީ އާރްއެސްއެސްގައި އުޅުއްވި ދުވަސްވަރު ލިބި ވަޑައިގެންނެވި ތަމްރީނާއި ހޯއްދާފައިވާ ކުރިއެރުމާއި ތަޖުރިބާގެ އެހީގައި ބީޖޭޕީ އާއި ގުޅިވަޑައިގަތީ 1987 ވަނަ އަހަރުގަ އެވެ. އޭގެ އަހަރެއް ފަހުން އެ ޕާޓީގެ ގުޖަރާތުގެ ޖެނަރަލް ސެކްރެޓަރީގެ މަގާމަށް ވަޑައިގެންނެވި އެވެ. އަދި ޖެހިގެން އައި އަހަރުތަކުގެ ތެރޭގައި ބީޖޭޕީ ވަރުގަދަ ކުރުމުގައި އެ މަނިކުފާނު އިސް ރޯލެއް އަދާކުރައްވާފައި ވެއެވެ.

އެ މަނިކުފާނުގެ އެހީތެރިކަމާއެކު 1995 ވަނަ އަހަރުގެ ލޮކްޝަބާ އިންތިހާބު ކާމިޔާބު ކުރައްވާ ފުރަތަމަ ފަހަރަށް ބީޖޭޕީގެ ދަށުން ހިންގި ސަރުކާރެއް އިންޑިއާގައި ގާއިމް ކުރެވުނެވެ. ޕާޓީގެ ސެކްރެޓަރީގެ ގޮތުގައި 1995 ވަނަ އަހަރުން ފެށިގެން ތިން އަހަރު ހުންނެވުމަށް ފަހު ޕާޓީގެ ޖެނަރަލް ސެކްރެޓަރީ ކަމަށް މޯދީ ޕްރޮމޯޓްވެ ވަޑައިގެންނެވި އެވެ.

ކަން ދިމާކުރިގޮތުން 2001 ވަނަ އަހަރުގެ ކުރީކޮޅު ގުޖަރާތުއަށް އައި ވަރުގަދަ ބިންހެލުމާއި ގުޅިގެން 20،000 މީހުން މަރުވެ، އެކަމާ ގުޅޭ އަވަސް ފިޔަވަޅުތައް އެޅުއްވުމުގައި އޭރު ހުންނެވި ގުޖްރާތުގެ ޗީފް މިނިސްޓަރުގެ ނުކުޅެދުންތެރި ކަމުގެ ސަބަބުން އެ ބޭފުޅާ މަގާމުން ދުރުކުރެވި 2001 ވަނަ އަހަރު އެ މަގާމު ލިބިވަޑައިގެންނެވީ މޯދީ އަށެވެ.

އަދި 2002 ވަނަ އަހަރު މޯދީ ފުރަތަމަ ފަހަރަށް އިންތިހާބަކާއި ކުރިމަތި ލައްވަވައި ގުޖަރާތުގެ ގޮނޑި ކާމިޔާބު ކުރެއްވި އެވެ.

މޯދީގެ ސިޔާސީ ނިންމުންތައް ވެފައި އޮންނަނީ ގިނަ ބަޔަކު ބަހުސް ކުރާ ކަމެއްގެ ގޮތުގަ އެވެ. ގުޖަރާތުގައި 2002 ވަނަ އަހަރު ހިންދޫ ޕަސިންޖަރުން ދަތުރު ކުރަމުން ދިޔަ ރޭލެއްގައި ރޯކޮށްލައި އެތައް ބަޔަކު މަރުވުމާ ގުޅިގެން ހިނގާފައިވާ ހަޅުތާލުތަކުގައި ގިނަ އަދަދެއްގެ މުސްލިމުން ހިމެނޭ ގޮތަށް ހާހަކަށްވުރެ ގިނަ މީހުން މަރާލާފައި ވާއިރު އެކަންތައް ހުއްޓުވުމަށް އެކަށީގެންވާ ފިޔަވަޅު މޯދީ އަޅުއްވާފައި ނުވާ ކަމަށް މަސްރަހު ދިރާސާ ފަރާތްތަކުން ތުހުމަތު ކޮށްފައި ވެއެވެ. އަދިވެސް އެ ތުހުމަތުތައް އެ ގޮތުގައި އެބަ އޮތެވެ.

އެމެރިކާއާއި އިނގިރޭސި ވިލާތުން، 2002 ވަނަ އަހަރުގެ އެ ހަޅުތާލުތަކަކީ މޯދީގެ އިހުމާލުން ހިންގާފައިވާ ހަޅުތާލުތަކެއް ކަމަށް ތުހުމަތުކޮށް އެ ގައުމުތަކުން ޑިޕްލޮމެޓިކް ވިސާ ދޭން އިންކާރު ކޮށްފައި ވެއެވެ. އެއަށް ފަހު ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މޯދީގެ މައްޗަށް އޭގެ އެއްވެސް ތުހުމަތެއް ސާބިތުވެފައި ނުވި ނަމަވެސް އެ މަނިކުފާނުގެ ގާތް ބޭފުޅުންގެ މައްޗަށް ބޮޑެތި ހުކުމްތައް އައެވެ.

މޯދީގެ ސަރުކާރުގައި ފުލުހުންނާއި ސިފައިންގެ ބާރު ބޭނުން ކޮށްގެން އެތައް ބަޔަކު މަރާފައިވާ ކަމަށް ވެސް ބައެއް ފަރާތްތަކުން ތުހުމަތު ކުރެ އެވެ. ފާހަގަ ކޮށްލެވޭ އެއް ހާދިސާއެއްގައި ޕާކިސްތާނުގެ ލަޝްކަރޭ ތައިބާ ޓެރަރިސްޓް ޖަމާއަތަށް ނިސްބަތްވާ ކަމަށް ބެލެވޭ އަންހެނަކާ ތިން ފިރިހެނުން މޯދީ އަވަހާރަ ކޮށްލަން އުޅުނު ކަމަށް ތުހުމަތުކޮށް ފުލުހުންގެ ކުރިމަތިލުމެއްގައި މަރާލާފައިވާ ކަމަށް ބުނެވެ އެވެ

ނަމަވެސް ސިޔާސީ ގޮތުން މޯދީ ހޯއްދަވަމުންދާާ ކާމިޔާބީއަށް ބުރަވެ ބީޖޭޕީގެ މުހިންމު ލީޑަރަކަށް އެ މަނިކުފާނު ވެގެން ދިޔައީ އެވެ. އެ މަނިކުފާނުގެ މަސައްކަތުން 2002 ގައި ގުޖްރާތުގެ ގާނޫނުހަދާ މަޖިލީހުގެ 182 ގޮނޑިން 122 ގޮނޑި ބީޖޭޕީއަށް ކާމިޔާބު ކޮށްދެއްވި ވެއެވެ.

އަދި 2007 ވަނަ އަހަރު ގުޖްރާތުގެ ސްޓޭޓް އެސެމްބްލީ އިންތިހާބުގައި 117 ގޮނޑި ކާމިޔާބު ކުރައްވާ 2012 ވަނަ އަހަރު 115 ގޮނޑި ބީޖޭޕީއަށް ކާމިޔާބު ކޮށްދެއްވި އެވެ. އެއިން ކޮންމެ ފަހަރަކު ވެސް ގުޖަރާތުގެ ޗީފް މިނިސްޓަރުކަމުގެ ގޮނޑި އެ މަނިކުފާނު ވަނީ ކާމިޔާބު ކުރައްވާފަ އެވެ.

އެ މަނިކުފާނު ގުޖަރާތުގެ ޗީފް މިނިސްޓަރުގެ މަގާމުގައި ހުންނަވައި އިންޑިޔާގެ ވިޔަފާރީގެ އަދި އިގްތިސޯދުގެ މުހިއްމު ހަބަކަށް ގުޖުރާތު ބަދަލުކޮއްލެއްވިއެވެ. މި ބަދަލުތަކުގެ ސަބަބުން މޯދީ ބެލެވިފައިވަނީ ވިޔަފާރިޔާ ބޮޑެތި އިންވެސްޓްމަންޓްތަކާ ރައްޓެހި ބޭފުޅެއްގެ ގޮތުގައެވެ. އަދި ގުޖުރާތައް އަންނަމުދާ ތަރައްގީ އާއި ކާމިޔާބަކީ މޯދީގެ ހިކުމަތު އަމަލީކަން ފާހަގަކުރެވި ވަަރަށް ބޮޑު މަޝްހޫރުކަމެއް އެމަނިކުފާނުވަނީ ބީޖޭޕީގެ ތެރެއިންނާއި ޖުމްލަކޮށް މުޅި އިންޑިޔާއިންވެސް ހޯދާފައެވެ. އެ މަނިކުފާނު ޕާޓީގެ ތެރެއިންނާއި ޖުމްލަކޮށް މުޅި އިންޑިޔާއިން ހޯއްދަވާފައިވާ އިހްތިރާމްގެ ސަބަބުން 2014 އަހަރު ބޭއްވި ލޮކްޝަބާާ އިންތިހާބުގައި ބީޖޭޕީގެ ފަރާތުން ބޮޑުވަޒީރުގެ މަގާމަށް ކުރިމަތި ލެއްވުމުގެ ފުރުސަތު އެމަނިކުފާނަށް ފަހިވެގެން ދިޔައެވެ.

މޯދީ ނިސްބަތްވެ ވަޑައިގަންނަވާ ބީޖޭޕީއިން 2014 ވަނަ އަހަރުގެ ލޮކްޝަބާ އިންތިހާބު ކާމިޔާބު ކުރައްވާ ބޮޑުވަޒީރު ކަމަށް ވަޑައިގެންނެވީ މެއި 26، 2014 ގައެވެ.

ބޮޑުވަޒީރު ކަމާއި ހަވާލުވެ ވަޑައިގެންނެވިތާ މަދު ދުވަސްކޮޅެއްގެ ތެރޭގައި އިންޑިއާގެ ކުރިމަގަށް ފައިދާ ކުރަނިވި ކެމްޕޭނުތަކެއް މޯދީ ފެއްޓެވި އެވެ. އޭގެ ތެރޭގައި އެހެން ގައުމުތަކުން އިންޑިއާގައި އިންވެސްޓުކުރާނެ މަގުތައް ފަހިކޮށް ދަތުރުފަތުރު ކުރުމުގެ ނިޒާމުގެ އޮނިގަނޑަށް ހެޔޮ ބަދަލުތަކެއް ގެނެސް ދެއްވާފައި ވެއެވެ.

އެ މަނިކުފާނުގެ ސަރުކާރުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އެ ގައުމަށް ވަޑައިގަންފައި ވާއިރު އެއީ ޗައިނާގެ ލީޑަރަކު އަށް އަހަރު ތެރޭގައި އިންޑިއާއަށް ވަޑައިގަތް ފުރަތަމަ ފަހަރަށް ވެގެން ދިޔަ އެވެ. އަދި މޯދީ ބޮޑުވަޒީރު ކަމަށް ހޮވި ވަޑައިގެން އެއް މަސް ތެރޭގައި އެމެރިކާގެ ވިސާ ހާސިލްކޮށް ނިއުޔޯކަށް ކުރެއްވި ކާމިޔާބު ދަތުރުފުޅުގައި އެމެރިކާގެ އޭރުގެ ރައީސް ބަރަކް އޮބާާމާއާއި ވެސް ބައްދަލު ކުރެއްވި އެވެ.

މިއަހަރު އިންޑިއާގައި ބޭއްވި ލޮކްޝަބާ އިންތިހާބު މުޅި ދުނިޔެ ހައިރާންކޮއްލާ، މީގެ ކުރިން އިންޑިޔާގެ ތާރީހްގައި ދުވަހަކުވެސް ހޯދިފައިނުވާ ވަރުގެ ބޮޑު އަޢްލަބިއްޔަތަކާއި އެކު ބީޖޭޕީ ވެރިކަމަށް ގެނެސް ދިނުމުގެ އެންމެ މުހިއްމު އާރުކާޓީއަކީ މޯދީކަމާ މެދު ޝައްކެއްނެތެވެ. އިންޑިޔާގެ ގާނޫނުހަދާ މަޖިލިހުގެ 543 ގޮނޑިގެ ތެރެއިން 303 ގޮނޑިކާމިޔާބު ކުރެއްވީ މޯދީގެ ބީޖޭޕީއެވެ. އަދި މީގެ އިތުރުން އިތުރު 50 ގޮނޑި ބިޖޭޕީއާއި އިއްތިހާދުވެފައިވާ ނެޝަނަލް ޑިމޮކްރެޓިކް އެލައިންސުން ކާމިޔާބު ކުރި އެވެ. ވާދަވެރި އިދިކޮޅު ޕާޓީ ކަމުގައިވާ އިންޑިޔަން ނެޝަނަލް ކޮންގްރެސް އަށް ކާމިޔާބު ކުރެވުނީ 52 ގޮނޑިއެވެ. ދެންހުރި ގޮނޑިތައްކާމިޔާބު ކުރީ ސަރައްހައްދީ އެކި އެކިޕާޓީތަކެވެ.

ނެރެންދުރަ މޯދީގެ ސިޔާސީ ހަޔާތުގައި ހޯއްދެވި އެންމެ ފަހުރުވެރި ކާމިޔާބީއަށް ފަހު އިންޑިޔާއިން ބޭރަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެއްގެ ގޮތުގައި މިއަދު ދިވެހިރާއްޖެއަށް ވަޑައިގަތުން ވެގެން ދާނީ މިދެ ގައުމުގެ މެދުގައި ޒަމާނުއްސުރެ އޮތް ޒަމާންވީ ގުޅުމަށް އިތުރު ބަދަހުިކަމެއް ގެނުވާނެ ހެޔޮ ފާލަކަށެވެ.