ހަބަރު

ނައިބު ރައީސްގެ ތަރި އޮއްސުނީ ރައީސަށް ވަފާތެރިނުވެވިގެންތަ؟

Jul 19, 2015
1

އިސްރާއީލް - ފަލަސްތީނުގެ ޕީސްއެކޯޑް ކޭމްޕް ޑޭވިޑްގައި ތައްޔާރު ވަމުން އައި އުނދަގޫ މަރުހަލާގައި ފެނުނު އެންމެ ތަފާތު މަންޒަރަކީ މިސްރުގެ ރައީސް އަންވަރު ސާދާތުގެ ނައިބު ރައީސް، ހުސްނީ މުބާރަކް އިރުއިރުކޮޅާ ހެން އެމަނިކުފާނަށް ކޮފީ ހައްދަވައި ދެއްވައި އަތްޕުޅަށް އެރުވުމެވެ. މި މަންޒަރު ފެނި، ބައެއް ޑިޕްލޮމެޓުން އޭރު ހުސްނީ މުބާރަކު ސިފަ ކުރީ، އަންވަރު ސާދާތުގެ "ކޮފީ ބޯއީ" ގެ ގޮތުގަ އެވެ. އެ ވާހަކަތަކަށް ސަމާސާ ކުރައްވަމުން އަންވަރު ސާދާތު ވިދާޅުވެފައި ވަނީ، ހުސްނީ މުބާރަކަކީ އަޅުގަނޑުގެ ނައިބު ރައީސް ކަމަށާއި ހުރިހާ ގޮތަކުން ވަފާތެރި ވާން ޖެހޭ ބޭފުޅަކު އެގޮތަށް ކޮފީ ހައްދަވައި ދެއްވުމުން ވެސް އެ ވަފާތެރިކަން ފެންނަ ކަމަށެވެ.

ރާއްޖޭގެ މިހާރުގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދާއި ރައީސް އަބްދުﷲ ޔާމީނާ ދެމެދު ހިލިފައިވާ ބޮޑު ކޯޅުންގަނޑާ މި މިސާލާ ގުޅުވާލަމާ ހިނގާށެވެ. ނައިބު ރައީސް ޖަމީލަށް އިތުބާރު ނުކުރެވި، ހަޑި ގޮތަކަށް އެމަނިކުފާނު ބޭރު ކުރާ ހިސާބަށް މައްސަލަ ދިޔައީ ހުސްނީ މުބާރަކު ދެއްކެވި ފަދަ ވަފާތެރި ކަމެއް ޖަމީލްގެ ފަރާތުން ހަމަ އަސްލު ވެސް ނުފެނުނީމަ ހެއްޔެވެ؟ މިއީ ނައިބު ރައީސްގެ ކުރިމަތީގައި އޮތް އިތުބާރު ނެތް ކަމުގެ ވޯޓާ އެކު އެތައް ބަޔަކު އުފައްދާ ސުވާލެވެ.

ރިޔާސީ ނިޒާމުތަކުގައި ނައިބު ރައީސަކީ ރަމްޒީ މަގާމެކެވެ. މިސާލަކަށް އެމެރިކާ، މިސްރު ފަދަ ގައުމުތަކުގައި ނައިބު ރައީސްގެ ރޯލެއް ވެރިކަން ހިންގުމުގައި ނުފެންނާނެ އެވެ. ނައިބު ރައީސް އަކީ ހަގީގަތުގައި ބާރެއް ނެތް، ރައީސްގެ ހާދިމެކެވެ. ރައީސް ވިދާޅުވާ މަސައްކަތެއް އެގޮތަށް ކުރުން ނޫން އެހެން މެންޑޭޓެއް ރިޔާސީ ނިޒާމުތަކުގައި ރައީސްގެ ނައިބަކަށް ލިބިވަޑައެއް ނުގަންނަވަ އެވެ. އެ މަގާމު އެގޮތަށް ބާއްވަނީ ވެސް، ރައީސްގެ މަގާމުގެ މަސްއޫލިއްޔަތު އަދާ ނުކުރެވޭ ފަދަ ހާލަތެއް ނޫނީ، ގައުމުން ބޭރަށް ވަޑައިގަންނަވަން ޖެހޭ ފަދަ ހާލަތެއް ކުރިމަތި ވެއްޖެ ނަމަ، މުޅި ނިޒާމު ހުސްކަމަކަށް އަޔަ ނުދިނުމަށް ޓަކައި އެ ހާލަތަށް ބަލައިފަ އެވެ.

ރާއްޖޭގެ ގާނޫނު އަސާސީގައި ވެސް ނައިބު ރައީސްގެ މަފްހޫމް އޮތީ ހަމަ އެހެންނެވެ. އެއީ ރައީސް ހަވާލު ކުރާ މަސައްކަތެއް ކުރާ ބޭފުޅެއްގެ ގޮތުގަ އެވެ. އެ ނޫން ދެން އެހެން ވަކި ގާނޫނީ މަސްއޫލިއްޔަތެއް ނެތެވެ. އަދި އެ ޒިންމާތައް އަދާ ނުކުރާ ނަމަ، ނައިބު ރައީސް ކަމުގައި ހުރި މީހަކު ނަގައި އެއްލާލުމުގެ ބާރު ވެސް އޮތީ މަޖިލީހަށް ދީފަ އެވެ.

ޕީޕީއެމްގެ މަޖިލީހުގެ މެންބަރަކު ވިދާޅުވި ގޮތުގައި ނައިބު ރައީސްއަށް އިތުބާރު ނުކުރައްވާ ކަމަށް ރައީސް މަޖިލީހުގެ މެންބަރުންނަށް ދެންނެވި ބައްދަލުމުގައި އިދިކޮޅު އެކި ފަރާތްތަކާ އެކު ޖަމީލް މި ސަރުކާރާ ދެކޮޅަށް ހިންގާފައިވާ މުއާމަލާތްތައް ހެއްކާ އެކު ރައީސް ވަނީ ޕާލިމަންޓްގެ މެންބަރުންނަށް ހުށަހަޅުއްވައިފަ އެވެ. އަދި އޭގެ ތެރޭގައި ބައެއް ޗެޓް ލޮގްތައް ހިމެނޭ ކަމަށް އެބޭފުޅާ ވިދާޅުވި އެވެ. އެގޮތުން މޭޑޭގެ މުޒާހަރާޔަށް ތާއީދުކޮށް ޖަމީލް ދައްކަވާފައި ހުރި ވާހަކަތައް ރައީސްއާ ހިސާބަށް ފޯރާފައިވާ ކަމަށް އެ މެންބަރު ވިދާޅުވި އެވެ.

"ރައީސް ދެކެވަޑައިގަންނަވަނީ ނައިބު ރައީސެއްގެ ކިބާގައި ހުންނަންޖެހޭ އެންމެ މުހިންމު ސިފަޔަކީ އިހުލާސްތެރިކަންކަން. އެހެން ނޫނީ ނައިބު ރައީސްއެއްގެ ބޭނުމެއް ނެތް ކަމަށް،" މެންބަރު ވިދާޅުވި އެވެ.

އެ ވިދާޅުވާ ގޮތަށް އެކަން ހިނގާފައިވާ ނަމަ، ރައީސްގެ އިތުބާރު ނެތް ބޭފުޅަކު ނައިބު ރައީސް ކަމުގައި ބެހެއްޓެވުމުގެ ބޭނުމެއް އޮތް ކަަމަކަށް ގަބޫލެއް ނުކުރެވެ އެވެ. ނައިބު ރައީސް އަކީ ރައީސް ހަވާލު ކުރައްވާ ކަމެއް ކުރައްވާ ބޭފުޅަކަށް ވާ އިރު، ރައީސްގެ ބަސް ނާހާ ނައިބު ރައީސެއް ހުރެއްޖެ ނަމަ، އެ ގާނޫނީ މަސްއޫލިއްޔަތު އަދާ ކުރާނެ ކަމަށް ގަބޫލު ކުރުން ވާނީ ވެސް މޮޔަ ހިޔާލަކަށެވެ.

އެހެން ވީމާ ނައިބު ރައީސް ޖަމީލަށް ހެއްދެވުނު އެންމެ ބޮޑު ގޯހަކީ، ގާނޫނީ މަސްއޫލިއްޔަތުތަކަށް ވެސް ފައިން އަރުއްވައި، ވަފާތެރިކަމުގެ އިމުން ބޭރުވެވުނީ އެވެ. ނަތީޖާ އަކަށް މި ވަނީ ލަދުވެތި ގޮތަކަށް މާދަމާގެ ވޯޓާ ޖަމީލު ކުރިމަތިވެ ވަޑައިގަންނަވަން ޖެހުމެވެ. ނައިބު ރައީސެއްގެ އެންމެ މުހިންމު ސިފަ އެމަނިކުފާނުގެ ގައިން ގެއްލުމުން، އެއް ޒަމާނެއްގައި އަޑުގަދަ ނުފޫޒު ގަދަ، ޖަމީލުގެ ތަރި ވެސް މި އޮއްސެނީ އެވެ.