ހަބަރު

ފެރީގެ ނިޒާމާއެކު އިންޑިިއާ-ރާއްޖެއާ ދެމެދު ގިނަ އެއްބަސްވުންތަކެއް

އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ މިހާރު ރާއްޖެއަށްކުރައްވަމުންގެންދަވާ ދަތުރުފުޅުގައި އިންޑިއާ އާއި ރާއްޖެއާ ދެމެދު ފެރީގެ ނިޒާމް ގާއިމް ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރައްވައިފި އެވެ.

އެއްބަސްވުންތަކުގައި ސޮއި ކުރައްވާފައިވަނީ މިހާރު ރައީސް އޮފީހުގައި ކުރިއަށްދާ ރަސްމިއްޔާތުގައި އެވެ. ރަސްމިއްޔާތުގައި ފަސް އެއްބަސްވުމެއްގައި ސޮއި ކޮށްފައިވެއެވެ.

އެގޮތުން އިންޑިއާގެ ކޮޗިން އާއި ރާއްޖެއާ ދެމެދުގައި ފެރީ ނިޒާމް ގާއިމް ކުރަން އެއްބަސްވެފައިވެ އެވެ. އެއެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއި ކޮށްފައިވަނީ ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ އެވެ. އަދި އިންޑިއާގެ ފަރާތުން ސޮއި ކޮށްފައިވަނީ ސަފީރު ސަންޖޭ ސުދީރު އެވެ.

މީގެ އިތުރުން ޑިފެންސް މިނިސްޓްރީއާ ދެމެދު ހައިޑްރޯގްރަފީ އެއްބަސްވުމެއްގައި ސޮއިކޮށްފައިވެ އެވެ. އަދި ސިވިލް ސާވިސްގެ ޓްރެއިނިން އެންޑް ކެޕޭސިޓީ ޕްރޮގްރާމްއެއް ކުރިއަށް ގެންދަންވެސް އެއްބަސްވެފައިވެ އެވެ. ވައިޓް ޝިޕިން އިންފޮމޭޝަނާއި ސިއްހީ ދާއިރާއާ ގުޅުންހުރި އެއްބަސްވުމެއްގައިވެސް ސޮއި ކޮށްފައިވެއެވެ.

ނަމަވެސް އެކަމާ ގުޅޭ މާބޮޑު ތަފްސީލެއް އަދި ހާމަކޮށްފައެއްނުވެ އެވެ.

އެބައްދަލުވުމުގައި ޅ. މާފިލާފުށީގައި ގާއިމްކޮށްފައިވާ ކޮމްޕޮސިޓް ޓްރެއިނިންގެ ސެންޓަރު ވަނީ އިފްތިތާހްކޮށްފަ އެވެ. އެޓްރެއިނިން ސެންޓަރަކީ އިންޑިއާއިން ދީފައިވާ ހަތް މިލިއަން ޑޮލަރުގެ އެހީގެ ދަށުން ގާއިމްކޮށްފައިވާ ސެންޓަރެކެވެ.

މީގެ އިތުރުން އިންޑިއާގެ އެހީގައި ގާއިމުކުރި ރާޑަރު ސިސްޓަމްވެސް ވަނީ އިފްތިތާހުކޮށްދެއްވާފަ އެވެ. ރާއްޖޭގެ އިގްތިސޯދީ ސަރައްދު ބަލަހައްޓަން އިންޑިއާއިން ދީފައިވާ 10 ރާޑަރު ސިސްޓަމުން އެއް ވިއުގަކުން، އިންޑިއާ، ސްރީލަންކާ އަދި މޮރިޝަސްގެ އިތުރުން ސީޝެލްސްގައި ގާއިމުކޮށްފައިވާ ސިސްޓަމުތަކާއި ގުޅާލެވޭނެ ނިޒާމެކެވެ. އެ ސިސްޓަމް އިފްތިތާހުކޮށްދެއްވީ ރައީސް ސޯލިހާއި ބޮޑުވަޒީރު މޯދީ އެވެ.