އިންޑިއާގެ އެހީގައި ރާއްޖޭގައި ގާއިމު ކުރި ރާޑަރު ސިސްޓަމްތަކާއި ދިވެހި ސިފައިންނަށް ކޮމްޕެސިޓް ޓްރެއިނިން ސެންޓަރު އިފުތިތާހުކޮށްފި އެވެ.
އިންޑިއާއިން ހަދިޔާ ކޮށްފައިވާ 10 ރާޑަރު ސިސްޓަމާއި ޅ. މާފިލާފުށީގައި ގާއިމުކޮށްފައިވާ ސިފައިންގެ ކޮމްޕެސިޓް ޓްރެއިނިން ސިސްޓަމް އިފުތިތާހު ކުރެއްވީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ދެ މަޝްރޫއު އިފުތިތާހު ކުރެއްވީ ރިމޯޓު ލިންކު ބޭނުން ކުރައްވައިގެންނެވެ.
ރާއްޖޭގެ އިގްތިސާދީ ސަރަހައްދު ބަލަހައްޓަން އިންޑިއާއިން ހަދިޔާކޮށްފައިވާ 10 ރާޑަރު ސިސްޓަމުން އެއް ވިއުގައަކުން އިންޑިއާ، ސްރީލަންކާ، އަދި މޮރިޝަސްގެ އިތުރުން ސީޝެލްގައި ގާއިމުކޮށްފައިވާ ސިސްޓަމުތަކާއި ގުޅާލެވޭނެ ނިޒާމެއް ކަމަށް އެމްއެންޑީފުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އެ ސިސްޓަމްގެ ޒަރިއްޔާއިން މި ސަރަހައްދުގައި ހަރަކާތްތެރިވާ އުޅަނދުތަކުގެ މައުލޫމާތުތައް ކަމާ ބެހޭ އިދާރާތަކަށް ވަގުތުން ލިބިގެން ދާނެ ކަމަށް ވެސް އެމްއެންޑީއެފުން ބުނެ އެވެ.
މޯދީ މިއަދު ރާއްޖެ ވަޑައިގަތުމުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މޯދީއަށް މަރުހަބާ ދެންނެވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އެއާޕޯޓުން މާލޭގެ ރަސްމީ ފާލަމަށް މޯދީ ވަޑައިގަތުމުން، މާލެއިން އެމަނިކުފާނަށް މަރުހަބާ ދެންނެވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ. އެ ގޮތުން މޯދީއަށް މަރުހަބާ ދެންނެވުމުގެ ގޮތުން ޖުމްހޫރީ މައިދާނު ސަރަހައްދުގައި 21 ބަޑީގެ ސަލާމެއް ވަނީ އަރުވާފަ އެވެ. އަދި އިންޑިއާއާއި ރާއްޖޭގެ ގައުމީ ސަލާމް ވެސް ވަނީ އިއްވާފަ އެވެ.
އިންޑިއާގެ ބޮޑުވަޒީރު މޯދީ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ދިވެހި ސަރުކާރާއެކު ހަ އެއްބަސްވުމެއްގައި ސޮއި ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި މޯދީ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައިވާއިރު، އެ ޖަލްސާ އޮންނާނީ މިއަދު އިރުއޮއްސި 6:45 ގަ އެވެ.