ހަބަރު

ރާއްޖެ ވާނީ އިންޑިޔާގެ ތެދުވެރި އެކުވެރިއަކަށް: ރައީސް

ވެރިކަމާ ހަވާލުވެވަޑައިގަތް ދުވަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަނީ އިންޑިޔާ އާއި ރާއްޖެ ދެމެދު އޮތް ގުޅުން އަލުން އިއާދަކޮށް ވަރުގަދަ ކުރުމަށް ކަމަށާއި ރާއްޖެ އަބަދުވެސް ދެމި އޮންނާނީ އިންޑިޔާގެ ތެދުވެރި އެކުވެރިއެއް ގޮތުގައި ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އިންޑިޔާގެ ޕްރައިމް މިނިސްޓަރު ނަރެންދުރަ މޯދީއާއެކު ރައީސް އޮފީހުގައި މިއަދު ބޭއްވި ޖޮއިންޓް ސްޓޭޓްމަންޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ސަރުކާރާ ހަވާލުވި ދުވަހުން ފެށިގެން މަސައްކަތް ކުރަމުން އަންނަނީ ރައްޔިތުން ޝާމިލުވާ އަދުލުވެރި ސަރުކާރެއްގެ ޒަރީއާއިން ރައްޔިތުންގެ ކުރިއެރުމަށް އިސްކަންދޭ ތަރައްގީއެއް ގެނެސްދިނުމަށް ކަމަށެވެ. އެގޮތުން އިންޑިޔާ އާއި ރާއްޖެ ދެމެދު އޮތް ގުޅުން އަލުން އިއާދަކޮށް ބަދަހި ކުރުމަށާއި އަވަށްޓެރި އެހެން ގައުމުތަކާއެކުގައި ވެސް ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.

މިއަދާ ހަމަޔަށް އައިއިރު އިންޑިޔާ އާއި ރާއްޖެ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ވަރުގަދަވެފައިވާ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ. އަދި ރާއްޖޭ އަބަދުވެސް އޮންނާނީ ސަރަހައްދީ ސުލްހަޔަށް މަސައްކަތް ކުރާ އިންޑިޔާގެ ތެދުވެރި އެކުވެރިއެއްގެ ގޮތުގައި ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ރާއްޖޭގެ ރަހުމަތްތެރިއެއްގެ ގޮތުންނާއި ބައިވެރިއެއްގެ ގޮތުގައި، ރާއްޖެއާމެދު މަނިކުފާނު އަމިއްލަފުޅު ހައިސިއްޔަތުން ބަހައްޓަވާ ގާތްކަމަށްޓަކައި، ނުހަނު އިހުލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. މަނިކުފާނު [މޯދީ]އަށާއި އިންޑިއާގެ ރައްޔިތުންނަށް، އަޅުގަނޑު އެދެނީ ސުލްހަވެރިކަމާއި ކުރިއެރުމާއި ތިޔާގިކަން. ދިވެހިރާއްޖެ އަބަދުމެ ދެމިއޮންނާނީ، އަޅުގަނޑުމެންގެ ދެ ގައުމާއި ސަރަހައްދުގެ ތަރައްގީއާއި ސުލްހައަށް މަސައްކަތްކުރާ، އިންޑިއާގެ ތެދުވެރި އެކުވެރިއެއްގެ ގޮތުގައި," ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ މިދިޔަ އަހަރު ޑިސެމްބަރު މަހު އެމަނިކުފާނު އިންޑިޔާއަށް ވަޑައިގެން ސޮއި ކުރެއްވި ވިސާ ފެސިލިޓޭޝަން އެގްރީމަންޓްއަށް މިހާރު އަމަލު ކުރަން ފަށާފައިވާ އިރު އޭގެ ސަބަބުން ދެ ގައުމުގެ ރައްޔިތުންނަށް ވަރަށް ބޮޑަށް ފަސޭހަވެފައި ކަމަށެވެ. އަދި މިއަދު އިފްތިތާހު ކުރެއްވި ކޮމްޕޮސިޓް ޓްރޭނިންގެ ފެސިލިޓީ އާއި ކޯސްޓަލް ސަވެއިލެންސް ރާޑާ ސިސްޓަމްގެ ސަބަބުން ދެ ގައުމުގެ ގުޅުމާއި ސަލާމަތީ ކަންކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ.

އިންޑިޔާ އާއި ރާއްޖެ ދެމެދު މިއަދު ސޮއި ކުރި އެއްބަސްވުންތަކަށް އަލިއަޅުވައިލައްވަމުން ރައީސް ސޯލިހު ވިދާޅުވީ ދެ ގައުމުގެ ދެމެދުގައިވާ ދަތުރުފަތުރުކުރުމުގެ ނިޒާމު ވަރަގަދަ ކުރުމުން ދެ ގައުމަށް ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމަށެވެ. އެގޮތުން ކޮޗީ އާއި ކުޅުދުއްފުށްޓާއި މާލެއާ ދެމެދު ފެރީގެ ހިދުމަތް ގާއިމުކުރުމާ ގުޅޭގޮތުން ސޮއި ކުރުމުން ވިޔަފާރިއާއި، ފަތުރުވެރިކަމާއި، އަދި މުދަލާއި މީހުން އެކުލެވޭ މުއާމަލާތްތަކުގައި، ދެ ގައުމުގެ ދެމެދުގައި ގުޅުންތައް އިތުރަށް ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި އެ މަޝްރޫއުގެ އަމަލީ މަސައްކަތް ވީހާވެސް އަވަހަށް ފެށި ހިދުމަތް ލިބެން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

މަސައްކަތްތެރިންގެ ހުނަރުވެރިކަން ތަރައްގީ ކުރުމަށް އިންވެސްޓް ކުރުމަށް މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަން ދެއްވާާ ކަމަށް ރައީސް ވިދާޅުވި އެވެ. އެގޮތުން އިންޑިޔާއާއެކު ވެވުނު ފުރަތަމަ އެއްބަސްވުމުގެ ދަށުން ފަސް އަހަރުގެ ތެރޭގައި 1000 ސިވިލް ސަރވަންޓުން ތަމްރީނު ކުރާނެ ކަމަށާއި ދެވަނަ އެއްބަސްވުމުގެ ދަށުން ކަސްޓަމްސް އޮފިޝަލުންގެ މަސްއޫލިއްޔަތުތައް އަދާކުރެއްވުމުގެ ގާބިލުކަން އިތުރުކުރުމަށް ތަމްރީނުތައް ހިންގާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

ބަޖެޓަރީ ސަޕޯޓާއި، ޓީ-ބިލް، ކަރެންސީ ސްވަޕް އަދި ލައިން އޮފް ކްރެޑިޓް ފޯރުކޮށްދިނުމަށް އިންޑިއާއިން އެހީވެފައިވާ އިރު ރައީސް ސޯލިހު ވިދާޅުވީ އޭގެ ތެރެއިން ބަޖެޓަރީ ގްރާންޓް އަދި ޓީ-ބިލްތަކުގެ ސަބްސްކްރިޕްޝަންތައް މިހާރު ލިބިފައިވާ ކަމަށެވެ. އަދި ލައިން އޮފް ކްރެޑިޓްގެ ދަށުން ހިންގުމަށް ކަނޑައެޅިފައިވާ ތަރައްގީގެ މަޝްރޫއުތައް، ދާދި އަވަހަށް ފަށައި، ކުރިއަށް ގެންދިޔުމަށް ދެ ގައުމުން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް ރައީސް ވިދާޅުވި އެވެ.