ހަބަރު

"ރާއްޖެއަށް އެހީތެރިކަން ދޭން އިންޑިއާ އޮންނާނީ އެންމެ ކުރީގައި"

ރާއްޖެއަށް ދިމާވާ ކޮންމެ ދަތި އުނދަގޫ ހާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަށް އެންމެ ކުރީސަފުގައި އަބަދުވެސް އިންޑިއާ އޮންނާނެ ކަމަށް އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރަންސްގައި ބޮޑުވަޒީރު މޯދީ ވިދާޅުވީ، ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިކަމުގެ ލަގަބަކީ މުޅި އިންޑިއާ އަށް ދެއްވި ޝަރަފެއް ކަމަށާއި އެޝަރަފު އިންޑިއާގެ ރައްޔިތުންގެ ނަމުގައި ބަލައިގަންނަ ކަމަށެވެ.

މޯދީ ވިދާޅުވީ، ރާއްޖެ އާއި އިންޑިއާ އަކީ ޒަމާނުއްސުރެ ވަރަށް ގާތް ގުޅުމެއް އޮންނަ ދެގައުމު ކަމަށެވެ. ހާއްސަކޮށް އެންމެ ދަތި އުނދަގޫ ވަގުތުތަކުގައި ދެގައުމުގެ ގުޅުމުގެ މުހިންމުކަން ވަރަށް ބޮޑަށް ހާމަވެގެން ގޮސްފައިވާ ކަމަށެވެ.

"އެއީ 2004 ވަނަ އަހަރުގެ ސުނާމީ ހާދިސާވީ ނަމަވެސް، ނުވަތަ 2014 ވަނަ އަހަރު ދިމާވި ފެނުގެ ހާދިސާކަމުގައިވީ ނަމަވެސް، އިނޑިއާއިން އަބަދުވެސް ރާއްޖެއަށް އެހީތެރިކަން ފޯރުކޮށް ދިނުމަށް ތިބީ ސާބިތުވެ، އަދި އެންމެ ކުރިން އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޑިއާ އަބަދުވެސް ،" މޯދީ ވިދާޅުވި އެވެ.

މޯދީ ވިދާޅުވީ، އިންޑިއާގެ އިންތިހާބާއި ރާއްޖޭގެ އިންތިހާބުން ހާމަކޮށްދެނީ ރައްޔިތުން ބޭނުންވަނީ ހަމަޖެހުމާއި ތަރައްގީ ކަމަށެވެ. އެހެންކަމުން އެކަން ރައްޔިތުންނަށް ފޯރުކޮށްދިނުމަކީ ޒިންމާއެއް ކަމަށެވެ.

ރައީސް އިބްރާޙިމް މުހައްމަދު ސޯލިހް ވެރިކަމާއި ހަވާލުވެލެއްވުމަށްފަހު ދެގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެން ގޮސްފައިވާ ކަމަށެވެ. އެގޮތުން ޑިސެމްބަރު މަހު ރައީސް ސޯލިހް ކުރެއްވި ދަތުރުފުޅުގައި ވެފައިވާ އެއްބަސްވުންތަކުގައިވާ ކަންކަން ވަރަށް ހަލުވިކަމާއެކު ކުރިއަށްދާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.

މޯދީ ވިދާޅުވީ، ދެގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމަށް ފުޅާދާއިރާއެއްގައި މިއަދު މަޝްވަރާ ކުރެވުނު ކަމަށެވެ. އިންޑިއާއިން އެންމެ އިސްކަމެއްދޭނެ އެއް ކަމަކީ ރާއްޖެއާ އޮތް ގުޅުން ދެމެހެއްޓުން ކަމަށެވެ. ދެގައުމުގެ ގުޅުން އަބަދުވެސް ދެމެހެއްޓުމަކީ ދެގައުމަށް އެންމެ ފައިދާހުރި ގޮތް ކަމަށްވެސް މޯދީ ވިދާޅުވި އެވެ.

މޯދީ އިތުރަށް ވިދާޅުވީ، ރާއްޖޭގެ ހަމަޖެހުމާއި ޑިމޮކްރަސީއަކީ މުޅި މި ރީޖަނަށް ވަރަށްވެސް މުހިންމުކަމެއް ކަމަށެވެ. ރާއްޖެއާ ދެމެދު ގުޅުން ބަދަހި ކުރުމަށް އިންޑިއާއިން އަބަދުވެސް މަސައްކަތް ކުރައްވާނެ ކަމަށެވެ.

މޯދީގެ ވާހަކަފުޅު ނިންމާލައްވާފައިވަނީ ދިވެހި ބަހުންނެވެ. މޯދީ ވިދާޅުވީ "ދިވެހިރާއްޖެ އާއި އިންޑިއާގެ ރަހުމަތްތެރިކަން އަބަދަށް" ކަމަށެެވެ.