ހަބަރު

މޯދީގެ ދަތުރުފުޅަށް ބަންދުކުރި މާލޭގެ މަގުތައް ހުޅުވާލައިފި

އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރެއްވި ދަތުރުފުޅާ ދިމާކޮށް ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދުކުރި މާލޭގެ މަގުތައް، އާންމު ދަތުރުފަތުރަށް އަލުން ހުޅުވާލައިފި އެވެ.

ބޮޑުވަޒީރު މޯދީގެ ދަތުރުފުޅާ ދިމާކޮށް ރެއިން ފެށިގެން ބޮޑުތަކުރުފާނު މަގުގައި ހުންނަ މަސްވެރިންގެ ޕާކުން ފެށިގެން ގޮސް ދަތުރުވެރިންގެ މާރުކޭޓާ ހަމައަށް ވަނީ އާންމު ދަތުރުފަތުރަށް އުޅަނދުފަހަރުތަކަށް ބަންދުކޮށްފަ އެވެ. މޯދީގެ ދަތުރުފުޅާ ގުޅިގެން މާދަމާ ހެނދުނުގެ ނިޔަލަށް މަގުތައް ބަންދުކޮށްފައި ބެހެއްޓުމަށް ކުރިން އޮތީ ނިންމާފަ އެވެ.

ނަމަވެސް ފުލުހުން މިރޭ ބުނީ ބޮޑުވަޒީރު މޯދީގެ ދަތުރުފުޅާ ގުޅިގެން ސަލާމަތީ ސަބަބުތަކަށްޓަކައި ބަންދު ކުރި ހުރިހާ މަގެއް މިހާރު އާންމު ދަތުރުފަތުރަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި މޯދީގެ ދަތުރުފުޅާ ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި އާންމުންގެ ފަރާތުން ލިބުނު އެއްބާރުލުމަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.

ބޮޑުވަޒީރު މޯދީގެ ދަތުރުފުޅުގައި ދިވެހި ސަރުކާރާއެކު ރަސްމީ ހަ އެއްބަސްވުމެއްގައި ވަނީ ސޮއިކުރައްވާފަ އެވެ. އިންޑިއާއިން ހަދިޔާކޮށްފައިވާ ރާޑަރު ސިސްޓަމްތަކާއި ޅ. މާފިލާފުށީގައި ގާއިމު ކުރި ދިވެހި ސިފައިންގެ ކޮމްޕެސިޓް ޓްރެއިނިން ސެންޓަރު ވެސް ވަނީ އިފުތިތާހުކޮށްފަ އެވެ. މީގެ އިތުރުން މޯދީ ވަނީ ރައްޔިތުންގެ މަޖިލީހުގައި ތަގުރީރު ކުރައްވާފަ އެވެ.

މޯދީގެ ދަތުރުފުޅު ނިންމަވާލައްވައި މާދަމާ ހެނދުނު ފުރާވަޑައިގަންނަވާނެ އެވެ. ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅަށްފަހު، ސްރީލަންކާއަށް ވެސް މޯދީ ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.