އަބްދުއްރަހީމް އަބްދުﷲ

ތާރީހުގައި އިއްޔެއަކީ ހިތާމަވެރި ދުވަހަށް ވާނެ: އަދުރޭ

އިއްޔެއަކީ ފަހުގެ ތާރީހެއްގައި ދިވެހި ރައްޔިތުން ދެކުނު އެންމެ ހިތާމެވެރި ދުވަހަށް ވާނެ ކަމަށް ކޮންގްރެސްގެ ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެ އެވެ.

އަދުރޭ މިހެން ވިދާޅުވެފައި ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އިއްޔެ ރާއްޖެއަށް ރަސްމީ ދަތުރުފުޅެއް ކުރައްވައި، ދެ ގައުމުގެ ދެމެދުގައި މުހިއްމު އެއްބަސްވުންތަކެއްގައި ސޮއިކޮށްފައި ވަނިކޮށެވެ. އެ ދަތުރުފުޅުގައި މޯދީއަށް ދިވެހި ދައުލަތުގެ ނިޝާން އިއްޒުއްދީން އިއްޒަތުގެ ވެރިކަމުގެ ލަގަބުވެސް ވަނީ އަރުވާފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި ރޭ ބޭއްވި ހާއްސަ ޖަލްސާއެއްގައި މޯދީ ވަނީ ހިންދީ ބަހުން ތަގުރީރު ކުރައްވާފަ އެވެ.

ރޭ އަދުރޭ ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިއްޔެއަކީ ފަހުގެ ތާރީހުގައި ދިވެހިން ދެކޭނެ އެންމެ ހިތާމަވެރި ދުވަހޭ މިހާރު ބުނުމުން ބަޔަކަށް އެ ކަން ގަބޫލު ކުރަން އުނދަގޫ ވެދާނެ އެވެ. ނަމަވެސް ހަގީގަތަކީ އެއީ ކަމަށާއި، މާދަމާ އަމިއްލައަށް އެކަން ތަޖުރިބާ ކުރެވުމުން ކޮންމެ މީހަކަށް ވެސް އެ ކަން ކަށަވަރުވާނެ ކަމަށެވެ.

މާދަމާ އެ ހަގީގަތް އިހުސާސް ކުރެވޭއިރު އޮންނާނީ ވަގުތު ފާއިތުވެފައި ކަމަށް ވެސް އަދުރޭ ވިދާޅުވި އެވެ. އެއިރު ޒަމާންވީ އަމިއްލަވަންތަކަން ގެއްލި އަޅުވެތި ކަމުގެ އިހުސާސް ކުރަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެއް ދީނަކަށް ތަބާވެ އެއް ބަހަކުން ވާހަކަ ދައްކާ އެއް ނަސްލަކަށް ނިސްބަތްވާ އެއް އުސޫލުތަކެއް ގެންގުޅޭ އެއް ހަމަތަކެއް ގަބޫލު ކުރާ ބައެކޭ ކިޔާނެ ޖާގައެއް ނޯންނާނެ އެވެ. އަމިއްލަ ގައުމުގައި، އަމިއްލަ ރަށުގައި، އަމިއްލަ ގޭގައި އަޅުވެތިކަމުގެ ހިތްދަތިކަން އިހުސާސް ކުރާށެވެ. ހިތާމައިގެ ކޮޅެއް ވެސް ނެތެވެ." ފޮނަދޫ ދާއިރާގެ މެންބަރު ކަން ވެސް ކުރިން ކުރެއްވި އަދުރޭގެ ޕޯސްޓުގައިވެ އެވެ.

އަދުރޭ އިތުރަށް ވިދާޅުވީ ދިވެހި ގައުމުގެ ތާރީހުން ފެށުނު ފަދަ ބަތަލުންގެ ބޭނުން މިއަދު ޖެހިފައިވާ ކަމަށެވެ. އަދި ވިދާޅުވީ މިއަދު ދީނާއި ގައުމަށްވުރެ އަމިއްލަ ފައިދާއާއި މަސްލަހަތު އިސްކުރާ މީހުން މާދަމާ ނުކުމެ ދީނާއި ގައުމާއި ރައްޔިތުންގެ ހައްގުތަކޭ ގޮވަން ފެށުމުން މީހުންގެ ނުރުހުން ލިބޭނެ ކަމަށެވެ.

އިއްޔެއަކީ ދިވެހި ތާރީހުގައި ފެނުނު އެންމެ ހިތާމަވެރި ދުވަސް ކަމަށް ވިދާޅުވެ އަދުރޭ ކޮންބޮޑުވުން ފާޅު ކުރެއްވިއިރު، ޕީޕީއެމްގެ ނައިބު ރައީސް އަދި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވެސް ވަނީ މޯދީގެ ދަތުރުފުޅުގައި ރާއްޖެއިން ސޮއިކުރި ބައެއް އެއްބަސްވުންތަކަށް ފާޑުވިދާޅުވެފަ އެވެ. އެ ގޮތުން ރާއްޖެ-އިންޑިއާ ކާގޯ ޝިޕިން ފެރީ ނިޒާމުގެ ސަބަބުން ހިއުމަން ޓްރެފިކިންއާއި ޑްރަގް ޓްރެފިކިންގެ މައްސަލަތައް އިތުރުވެ، އެ ފަރާތްތަކަށް ދިވެހި ރަށްވެހިކަން ދޭ ތަން ފެނިގެންދާނެ ކަމަށް ޝިޔާމް ވަނީ ވިދާޅުވެފަ އެވެ.