ހަބަރު

ރިޒާ މެންބަރުކަމުގެ ހުވާ ކުރައްވައިފި

Jun 10, 2019
5

ނަވާރަ ވަނަ މަޖިލީހުގެ މެންބަރުން ހުވާކުރި ރަސްމިޔާތުގައި ރާއްޖޭން ބޭރުގައި ހުންނެވުމުގެ ސަބަބުން ބައިވެރިވެވަޑައިނުގެންނެވުނު، ގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ރިޒާ މިއަދު މެންބަރުކަމުގެ ހުވާކުރައްވައިފި އެވެ.

މިއަދު މަޖިލީހުގެ އިދާރާގައި ބޭއްވި ރަސްމިއްޔާތެއްގައި ރިޒާއަށް މެންބަރުކަމުގެ ހުވާލައިދެއްވީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އެވެ. އެ ރަސްމިއްޔާތުގައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

މެއި 28 ގައި ބޭއްވި ރަސްމިއްޔާތުގައި އިދިކޮޅު ޕީޕީއެމަށް ނިސްބަތްވާ ރިޒާއަށް ބައިވެރިވެވަޑައިނުގެންނެވުނީ އުމްރާއަށް ވަޑައިގެން އުޅުއްވާތީކަމަށް މަޖިލީހުގެ އިދާރާއިން ކުރިން ވަނީ ބުނެފަ އެވެ.

އާ މަޖިލީހަށް 87 މެންބަރުން އިންތިހާބުވެފައިވާ އިރު މިފަހަރު މަޖިލީހުގެ ބޮޑު އަގުލަބިއްޔަތެއް އެމްޑީޕީއިން ވަނީ ހޯދައިފަ އެވެ. އެގޮތުން އެ ޕާޓީއިން އެކަނި 64 ގޮނޑި ވަނީ ކާމިޔާބު ކުރައްވައިފަ އެވެ.