ހަބަރު

އުތުރު ތިލަފަޅާބެހޭ ބޮޑެތި މައްސަލަތަކެއް އޭސީސީން ތަހުގީގު ކުރަން އޮޑިޓަ ޖެނެރަލް އަންގައިފި

Jul 19, 2015

އުތުރު ތިލަފަޅާބެހޭ ބޮޑެތި މައްސަލަތަކެއް އޭސީސީއަށް އަށް ހުށަހަޅައި ތަހުގީގު ކުރަން އޮޑިޓަޖެނަރަލް ހަސަން ޒިޔަތު އަންގަވައިފި އެވެ.

މިދިއަ ޖޫން މަހުގެ 30 ވަނަ ދުވަހު އެމަނިކުފާނު ސޮއި ކުރައްވާފައިވާ ސިފައިންގެ ވެލްފެއާ ކުންފުނި ޕްރައިވެޓް ލިމިޓެޑް (ސިވެކް) ގެ ހާއްސަ އޮޑިޓް ރިޕޯޓްގެ ކޮޕީ އަވަސް އަށް ލިބިފައިވާއިރު އެ ރިޕޯޓްގައި ބުނެފައި ވަނީ މާލެ އަތޮޅު އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ސިވެކް އާއެކު ޖޮއިންޓްވެންޗާއެއް ކުންފުންޏެއް ހަދާނެ ފަރާތެއް ކަނޑައަޅާފައި ވަނީ ޕްރޮޕޯސަލް ހުށަހަޅަން އާންމުކޮށް ހުޅުވާލައިގެން ނޫން ކަމަށެވެ. އުތުރު ތިލަފަޅު ތަރައްގީ ކުރަން ސިވެކްއާއެކު ޖޮއިންޓްވެންޗާ ކުންފުންޏެއް ހަދާނެ ފަރާތެއް ހޯދަން ޕްރޮޕޯސަލް ހުށަހެޅުމުގެ ދައުވަ އާންމުކުރުމަށްފަހު އެންމެ ރަނގަޅު ހުށަހެޅުމެއް ހުށަހަޅާ ގާބިލު ފަރާތަކާ ހަވާލުކޮށްގެން އެ މަސައްކަތް ކުރަން އަންގާ ކަމަށެވެ.  

މި ރިޕޯޓް ރަސްމީކޮށް އަދި އާންމުކޮށްފައެއް ނުވެ އެވެ. ނަމަވެސް މި ރިޕޯޓް ރައީސުލްޖުމްހޫރިއްޔާގެ އޮފީހާ ހިއްސާކޮށްފައިވާ ކަމަށް އަވަސް އަށް ވަނީ އެނގިފައެވެ.

އުތުރު ތިލަފަޅު ތަރައްގީ ކުރުމަށް ސިވެކުން ޖޮއިންޓްވެންޗާ ކުންފުނި ހަދާފައި ވަނީ 2013 ވަނަ އަހަރު ޕީއެމްއޯ ޕްރައިވެޓް ލިމިޓެޑާއެކު އެވެ.

އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ އުތުރު ތިލަފަޅު ހިއްކުމާ ހަވާލުވި ފަރާތުން ހުށަަހަޅާ ކެއުމާއި ތެލުގެ ބިލުތަކަށް ސިވެކުން ފައިސާ ދައްކާ ގޮތަށް އެއްބަސްވުން އެކުލަވައިލުމަށްފަހު މަސައްކަތް ހަވާލުވި ފަރާތުން ހުށަހެޅި ބިލުތަކުގައިވާ ހަރަދުތަކަކީ ހިނގާފައިވާ ހަރަދުތަކެއްތޯ ކަށަވަރު ނުކޮށް ބލްތަކަށް ފައިސާ ދައްކާފައިވާ ކަމަށެވެ. އަދި އެމަސައްކަތް މުއްދަތަށް ނުނިމިއްޖެނަމަ މަސައްކަތް ލަސްވުމުގެ އަގުގެ ގޮތުގައި ފައިސާ ނަގާނެ އުސޫލެއް އެއްބަސްވުމުގައި ނުހިމަނާއި މަސައްކަތް ކުރުވާފައިވާތީ ކުންފުނީގެ ފައިސާއަށް އިހުމާލުވުމާއި ހަވާލުވި ފަރާތަށް ނާޖާއިޒު ފައިދާތަކެއް ހޯދައިދީފައިވާ ކަމަށް ތުހުމަތު  ކުރެވޭ ކަމަށެވެ. އެހެން ކަމުން އެ މައްސަަލަ އޭސީސީއަށް ހުށަހަޅައިގެން  ތަހުގީގު ކުރަން އަންގާ ކަމަށެވެ.

މަސައްކަތް ހަވާލުވި ފަރާތުން ހުށަހަޅާ ކެއުމާއި ތެލުގެ ބިލްތަކަށް ސިވެކުން ސިވެކުން ފައިސާ ދައްކާ ގޮތަށް ހަމަޖައްސާނަމަ ކަނޑައެޅޭ ރޭޓް ތަކާއި ލިމިޓްތައް ކުރިޔަށް އޮތްތަނުގައި އެއްބަސްވުމުގައި ހިމެނުމަށާއި އެއީ ހިނގާފައިވާ ހަރަދުތޯ ކަށަވަރު ނުކޮށް ފައިސާ ދޫނުކުރަން އޮޑިޓާ ޖެނެރަލް އަންގާފައިވެއެވެ.  

ރިޕޯޓް ބުނާ ގޮތުގައި އުތުރު ތިލަފަޅު ހިއްކުމަށް ލަފާ ކުރި ހަރަދަށްވުރެ 2.6 މިލިޔަން ރުފިޔާ އިތުރުވެފައިވާއިރު މަސައްކަތް ނުނިމި އިތުރު ފަސް މަސް ހޭދަވި އެވެ. އެ ފަޅުން އެއް ހެކްޓަރުގެ ބިން ހިއްކުމަށާއި 100 މީޓަރުގެ ރިވެޓްމެންޓް ޖެހުމަށް 50 މީޓަރުގެ އެލޯންސައިޑް ބާތިން ފެސިލިޓީސް ގާއިމު ކުރަން ދީފައި ވަނީ ސީޕީއެސް މޯލްޑިވްސް އަށެވެ. އެކުންފުންޏަށް ދިނީ 5.3 މިލިޔަން ރުފިޔަށެވެ.

މީގެ އިތުރުން އުތުރު ތިލަފަޅުގައި އިމާރާތް ކުރި މިސްކިތުގެ ބައެއް މަސައްކަތް ކުރުމަށް ބަޔަކާ ހަވާލުކޮށްފައި ވަނީ އެކަން ކުރާނެ ބަޔަކު ހޯދަން އިއުލާން ނުކޮށް ކަމަށް ވެސް ރިޕޯޓްގައި ވެއެވެ. އޭގައި ބުނެފައި ވަނީ  އެގޮތަށް  މަސައްކަތް ކުރުވާފައި ވަނީ އެއްބަސްވުމެއް އޮވެގެން ކަމަށް ނުވާތީ އެއީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދައިދޭން ކޮފައިވާ ކަމެއް ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލަ އޭސީއަށް ހުށަހަޅާއި ތަހުގީގު ކުރަންޖެހޭނެ ކަމަށެވެ.

ރިޕޯޓްގައި ބުނާ މިސްކިތަކީ އަމިއްލަ ފަރާތަކުން މިސްކިތް ބިނާކުރަން ސިވެކަށް އެހީއެއްގެ ގޮތުގައި ދިން 1.47 މިލިޔަން ރުފިޔާ އާއި ސިވެކްގެ 998 ހާސް ރުފިޔާ އާއެކު 2.47 މިލިޔަން ރުފިޔާ ހަރަދުކޮށްފައިވާ މިސްކިތެކެވެ. މި މިސްކިތުގެ މަސައްކަތް ދީފައި ވަނީ އެމްޑަބްލިޔުއެޗް ކޮންސްޓްރަކްޝަނަށެވެ. އެކުންފުންޏަށް 565،987ރ. ދީފައި ވެއެވެ.