ކުޅިވަރު

ލަބާންއަށް އަނިޔާވެ ގްރީން ސްޓްރީޓަށް ކަންބޮޑުވުން

ކީޕަރު އިބްރާހިމް ލަބާން ޝަރީފަށް އަނިޔާވެ، ގްރީން ސްޓްރީޓަށް އުނދަގޫ މައްސަލަތަކެއް ކުރިމަތިވެއްޖެ އެވެ.

ލަބާންގެ ކޮނޑުހުޅަށް އަނިޔާވީ، މީގެ ދެ ހަފުތާ ކުރިންނެވެ. އޭނާގެ ބަދަލުގައި ބިދޭސީ ކީޕަރެއް ގެނައުމަށް، ތިން ކީޕަރުން ޝޯޓްލިސްޓް ކުރި ނަމަވެސް އެ ކުޅުންތެރިންނަށް ރާއްޖޭގެ ވިސާ ލިބޭ ގޮތެއް ނުވި އެވެ.

ގުރީންގެ އޮފިޝަލަކު ވިދާޅުވީ ލަބާންގެ އަނިޔާ މަޑުމަޑުން ރަނގަޅުވަމުން އަންނަ ކަމަށާއި 100 ޕަސަންޓަށް ފިޓް ނޫން ނަމަވެސް އޭނާއަށް ކުޅެވޭނެ ކަމަށެވެ.

"މުޅިން ފިޓެއް ނޫން، އެހެން ނަމަވެސް މެޗު ކުޅެލެވޭވަރު ވާނެ،" އޮފިޝަލް ވިދާޅުވި އެވެ. "ލަބާންވެސް އެބަ ބުނޭ ކުޅެވޭނެޔޭ، ޓީމުގެ ޕްރެކްޓިސްވެސް ކުރިއަށް މިހާރު ގެންދަނީ އޭނާއަށް ފަސޭހަ ވާނެ ގޮތަށް."

އޮފިޝަލް ވިދާޅުވީ ގެންނަން މަސައްކަތް ކުރި ކީޕަރުންނަށް ވިސާ ނުލިބުމުން، އިތުރު ކީޕަރަކަށްވެސް ބެލި ކަމަށެވެ. އެހެންނަމަވެސް އޭނާއަށް ފުރުސަތު ލިބޭ ގޮތް ނުވި ކަމަށެވެ.

"މިހެން ދިމާވީމަ ލަބާންވެސް ބޭނުންވޭ ޓީމަށް އެހީވާން، އޭނަ އެބުނަނީ ކުޅެން ބޭނުމޭ."