ހަބަރު

ކޮމަންވެލްތުން ރާއްޖެ ވަކިވުމާބެހޭ ކުއްލި މައްސަލައެއް މާދަމާ މަޖިލީހަށް ވައްދަނީ

Jul 19, 2015

ކޮމަންވެލްތުން ރާއްޖެ ވަކިވުމާ ގުޅޭ ކުއްލި މައްސަލައެއް މާދަމާގެ މަޖިލީހަށް ވައްދަން ނިންމައިފި އެވެ.

ޕީޕީއެމާއި އެމްޑީއޭ ގުޅިފައިވާ ޕާލަމެންޓްރީ ގްރޫޕްން މީގެ ދެ ގަޑިއިރެއްހާއިރު ކުރިން މުލިއާގޭގައި ފެށި ބައްދަލުވުމުގައި މިއަދު ނިންމާފައި ވަނީ އެ މައްސަލަ މާދަމާގެ ޖަލްސާއަށް ހުށަހެޅުމަށެވެ. އެ ގްރޫޕުން އެގޮތަށް ނިންމީ ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބާއި އެޓާނީ ޖެނެރަލް މުހައްމަދު އަނިލް ވެސް އެ ބައްދަލުވުމުގައި ބައިވެރި ކުރައްވައިގެން އެ މައްސަލައިގައި ދިގުކޮށް މަޝްވަރާ ކުރުމަށްފަހު އެވެ. 

ޕީޖީ ލީޑަރު އަހުމަދު ނިހާން މިއަދު ވިދާޅުވީ މަޖިލީހުގެ މާދަމާގެ ހެނދުނުގެ ޝެޝަންގައި މުޅީންވެސް އޮންނެ ކަމަށް ބެލެވެނީ ކޮމަންވެލްތުގެ މައްސަލަ ކަމަށާއި ކޮމަންވެލްތުގައި ރާއްޖެއޮތުމަކީ ރަނގަޅު ކަމެއްތޯ ނޫންތޯ މެމްބަރުން މާދަމާ ހާމަކޮށްދޭނެ ކަމަށެވެ.

ޕީޕީއެމް/އެމްޑީއޭ ގެ ޕީޖީން މިގޮތަށް ނިންމި އިރު މީގެ ތިން ދުވަސް ކުރިން މި މައްސަލައިގައި ކެބިނެޓްގައި ވެސް ވަނީ މަޝްވަރާކޮށްފަ އެވެ. އެދުވަހު ނިންމާފައި ވަނީ ކޮމަންވެލްތުގައި ރާއްޖެ ތަމްސީލު ކުރާ ގޮތާއި އެ ޖަމިއްޔާގައި އަދާކުރާނެ ދައުރު އަލުން މުރާޖާކޮށް ދިރާސާ ކުރުމަށެވެ.