ހަބަރު

ޖަމީލް ވަކިކުރުމުގެ މައްސަލަ އަންގާރަ ދުވަހަށް އެޖެންޑާކޮށްފި

Jul 19, 2015

ނައިބު ރައީސް މުހައްމަދު ޖަމީލްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަންނަ އަންގާރަ ދުވަހުގެ ޖަލްސާގައި ބާއްވަން މަޖިލީހުން އެޖެންޑާކޮށްފި އެވެ.

މީގެ ކުރިން ހަމަޖައްސާފައި އޮތީ މާދަމާގެ ޖަލްސާގައި އެ މައްސަލައާ މެދު ބަހުސްކުރުމަށެވެ. އެހެން ނަމަވެސް ކޮމަންވެލްތުން ރާއްޖެ ވަކިވުމާ މެދު މަޖިލީހުގެ ލަފަޔަކަށް ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފައި ވާތީ މާދަމާގެ ޖަލްސާއަށް އެޖެންޑާ ކޮށްފައި ވަނީ އެ މައްސަލަ އެވެ.

އެހެން ނަމަވެސް މަޖިލީހުން މިހާރު ނައިބު ރައީސްއަށް އަންގަވާފައި ވަނީ އަންނަ އަންގާރަ ދުވަހުގެ ޖަލްސާއަށް ޖަވާބުދާރީވެ ވަޑައިގަތުމަށެވެ. އަދި ޖަވާބު ދާރީވުމަށް ލިބިވަޑައިގަންނަވާނީ 30 މިނެޓްގެ ފުރުސަތެއް ކަމަށް ވެސް ބުނެފައިވެ އެވެ. ނައިބު ރައީސް ނިންމަވާފައި ވަނީ ވަކީލަކު މެދުވެރި ކުރައްވައި އެ މައްސަލައިގައި ލިޔުމުން ޖަވާބުދާޜީ ވުމަށެވެ. ލަންޑަންގައި ހުންނެވި ޖަމީލް ވަކީލެއްގެ ގޮތުގައި ހަމަޖެއްސެވީ ހުސްނުއްސުއޫދެވެ.

ނައިބު ރައީސްގެ އިތުބާރު ނެތް ކަމުގެ ގަރާރުގައި 61 މެންބަރަކު ސޮއިކޮށްފައިވާ އިރު، އެ މައްސަލަ ފާސްވާން ބޭނުން ވަނީ 57 މެންބަރުންގެ ވޯޓެވެ.