ވިޔަފާރި

ލިކަމެކް ހުޅުމާލޭ ބޮޑު ނައިޓް މާކެޓުގެ މޭޒު ދޫކުރުން ފަށައިފި

Jun 12, 2019
1

މާލެއިން ހިލޭ މުދާ ގެންގޮސް ދިނުމުގެ ހިދުމަތާއެކު ހުޅުމާލޭގައި ލިކަމެކް ކުންފުނިން، ބާއްވާ ބޮޑު ނައިޓް މާކެޓުގެ މޭޒު ދޫކުރުން މިއަދު ފަށައިފި އެވެ.

މި އަހަރުގެ އޮގަސްޓް 29 އިން ސެޕްޓެމްބަރު 7 ގެ ނިޔަލަށް ބޭއްވުމަށް ތައްޔާރު ވަމުން އަންނަ މި ނައިޓް މާކެޓް ބާއްވާނީ ހުޅުމާލެ ސެންޓަރަލް ޕާކް ސަރަހައްދުގަ އެވެ. މި ނައިޓް މާކެޓްގެ މޭޒުތައް ދޫކުރާނީ އަސަރީ މާލަމުންނާއި ހުޅުމާލެ ކޮމިއުނިޓީ ސެންޓަރުން މިއަދު ހެނދުނު 9:00 އިން ފެށިގެންނެވެ.

މި ނައިޓް މާކެޓުގައި ހަ މީޓަރުގެ ޖުމްލަ 450 ސްޓޯލް ދޫކުރާނެ އެވެ. މީގެ މޭޒެއް ދޫކުރަނީ 6،000ރ. އެވެ.

ހުޅުމާލޭގައި އޮންނަ މި ހާއްސަ މާކެޓްގައި ހާއްސަ ގިނަ ހިދުމަތް ތަކެއް ލިބޭނެ އެވެ.

މާލެ އިން މުދާ ގެންގޮސް ދިނުން ހިލޭ

މި އަހަރުގެ ނައިޓް މާކެޓް ބާއްވަނީ އާއްމުކޮށް މާކެޓުތައް އޮންނަ ގޮތާ ތަފާތު ކޮށެވެ. މި މާކެޓަށް ހުޅުމާލެއަށް މުދާ ގެންދާ ފަރާތްތަކަށް މުދާ ގެންދިއުމުގެ ހިދުމަތް ލިބޭ ލިބޭނެ އެވެ. މިގޮތުން މާލޭގެ ވިޔަފާރިވެރިންނަށް ހުޅުމާލެއަށް ހިލޭ މުދާ ގެންދެވޭނެ މަގު ފަހިކޮށް ދިނުމަށް ކޮންމެ ދުވަހަކު 80 ފޫޓުގެ މުދާ އުފުލާ ދޯންޏެއް މާލެ އިން ހުޅުމާލެއަށް ބާއްވާނެ އެވެ.

"އާއްމު ގޮތެއްގައި ހުޅުމާލެއަށް ޕިކަޕެއް މިގޮސްދެނީ 200ރ. އަށް ލޮރީއެއް 400ރ. އަށްވުރެ ބޮޑު. އެހެންވެ މިއީ ބޮޑު ފަސޭހައެއް ނައިޓް މާކެޓުގައި ބައިވެރިވާ ފަރާތްތަކަށް. މާލެއިން މުދާ ގެންނަން ލުއިތަކެއް ލިބިގެންދާނެ،" ލިކަމެކް ކުންފުނީގެ އޮފިޝަލް ވިދާޅުވި އެވެ.

ވިޔަފާރި ކުރަން ރަށުން ސީދާ ހުޅުމާލެ އަށް

މި މާކެޓުގެ އަނެއް ތަފާތަކީ ވިޔަފާރި ކުރަން އަންނަ މީހުންނަށް ހަމަ ޖައްސައިދޭ ފަސޭހަ ކަމެވެ. މިގޮތުން ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ މީހުންނަށް މުދާ ގަތުމަށް ހުޅުމާލެ އަށް އާދެވޭނެ މަގު ފަހި ކޮށްދޭނެ އެވެ. ހއ. އާއި ކ. އަތޮޅުގެ ރަށްރަށުން އަންނަ ލޯންޗު ފަހަރު ސީދާ ހުޅުމާލެއަށް ދެވޭނެ އިންތިޒާމު އެ ކުންފުނިން ވަނީ ހަމަޖައްސައިފީދަ އެވެ. އަދި އެމީހުންނަށް މުދާ ގެނެގެން އަނބުރާ ރަށަށް ދެވޭނެ އެވެ.

މުދާ ބަހައްޓަން ޗެކިން ކައުންޓަރުތަކެއް

މި މާކެޓުގައި ލިކަމެކުން ވަނީ އެހެން ފަސޭހައެއްވެސް ގެނެސްދީފަ އެވެ. އެގޮތުން، ސެންޓަރަލް ޕާކް ސަރަހައްދުގައި ހާއްސަ "ހެލްމެޓް ސްޓޭންޑު" ތަކެއް ހުންނާނެ އެވެ. އެއީ ވިޔަފާރި ކުރަން މާލެއިން ދާ މީހުންގެ ހެލްމެޓްތައް ރައްކާތެރިކަމާއެކު ބަހައްޓަން ހާއްސަ ތަންތަނެވެ. އަދި ހުޅުމާލެ އިން މާލެ އަށް ދިއުމަށް ލިކަމެކް އިން ހާއްސަ ކައުންޓަރުތަކުން "މުދާ ޗެކިން" ކުރުމުގެ ހިދުމަތް ވެސް ދޭނެ އެވެ. މި ކައުންޓަރުގެ ބޭނުމަކީ މުދާ ގެނެގެން ގޮސް އެ ކައުންޓަރާ ހަވާލުކޮށް ލުމަށްފަހު ޖެހިގެން އަންނަ ދުވަހު އެ މުދާ މާލެ އިން ލިބޭނެ އިންތިޒާމް ހަމަޖެއްސުމެވެ.

ސެކިއުރިޓީ ވަރުގަދަ ވާނެ

ނައިޓް މާކެޓު ކުރިއަށްދާއިރު ލިކަމެކް ކުންފުނިން ވަނީ އެ ސަރަހައްދުގެ ސެކިއުޓީ ވަރުގަދަ ކުރަން ފިޔަވަޅު އަޅާނެ އެވެ. މުޅި ސަރަހައްދު ސެކިއުރިޓީ ކެމެރާ ވިއުގައަކުން ގުޅާލާނެ އެވެ.

ލިކަމެކް ކުންފުނިން ވަނީ މި އަހަރު ދަރުބާރުގޭގައި ވެސް ނައިޓް މާކެޓެއް ބާއްވާފަ އެވެ. މި މާކެޓަށް ބައި ލައްކައެއްހާ މީހުން ދިޔައިރު މި މާކެޓު އޮތީ ފެއާއެއްގެ ގޮތުގަ އެވެ. އަދި މިއީ މާކެޓުގެ ކުރިން ޕްރީ-މީޓިން ބާއްވައިގެން ރާއްޖޭގައި މިގޮތަށް ރޭވި ފުރަތަމަ ނައިޓް މާކެޓެވެ.