ދުނިޔެ

ހޫތީ ހަނގުރާމަވެރިން ސައުދީއަށް ހަމަލާތަކެއް ދީފި

ސައުދީ އަރަބިއްޔާގެ އަބްހާ އެއާޕޯޓަށް ހަމަލާއެއް ދީފައިވާނެ ކަމަށް ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާާމަވެރިން، ޖަމާއަތުގެ އަލްމަސީރާ ޓީވީގައި މިއަދު ރިޕޯޓުކޮށްފި އެވެ.

އެފަދަ ހަމަލާއެއް ދީފައިވާކަން އަދި ސައުދީއިން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. ނަަމަވެސް ޔަމަނުގެ ބޮޑުބައެއްގައި ބާރު ހިންގަމުންދާ ހޫތީ ޖަމާއަތުން މީގެ ދުވަސްކޮޅެއް ކުރިން ވެސް ވަނީ ސައުދީއަށް ޑްރޯންގެ ހަމަލާތަކެއް ދީފައެވެ.

ސައުދީ ޕްރެސް އެޖެންސީ (އެސްޕީއޭ) އިން މިދިޔަ ހޯމަ ދުވަހު ރިޕޯޓްކޮށްފަވާ ގޮތުގައި ވެރިކަންކުރާ ރަށް ރިޔާދުގެ ޚަމިސް މުޝައިތު ކައިރީގައި އޮންނަ ކިންގް ޚާލިދު އެއާޕޯޓަށް ދީފައިވާ ހަމަލާތައް ސައުދީގެ ވައިގެ ސަލާމަތީ ބާރުތަކުން ވަނީ ހުއްޓުވާފަ އެވެ.

ސައުދީ އާއި އެމިރޭޓްސްއިން ގުޅިގެން ހޫތީ ހަނގުރާމަ ވެރިން ހަރަކާތްތެރިވާ ޔަމަނުގެ ހައްޖާ ޕްރޮވިންސްއަށް ވައިގެ ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާ ދަނޑިވަޅެއްގައި ހޫތީން ސައުދީއަށް ދޭ މިސައިލާއި ޑްރޯންގެ ހަަލާތައް އެ ޖަމާއަތުން ވެސް ވަނީ އިތުރުކޮށްފަ އެވެ.

ސައުދީގެ ޖިޒާން އެއާޕޯޓަށް އަމާޒުކޮށް ހޫތީން ފޮނުވާލާފައިވާ ބޮން ބަރުކޮށްގެން ދިޔަ ޑްރޯންއެއް މިދިޔަ މަހު ސައުދީ ވައިގެ ސަލާމަތީ ބާރުތަކުން ވަނީ ވައްޓާލާފަ އެވެ. ނަމަވެސް މެއި މަހު ސައުދީގެ ދެ ތެޔޮ ނަގާ ސްޓޭޝަނަކަށް ދީފައިވާާ ޑްރޯން ހަމާލަތަކެއްގައި އެ ސްޓޭޝަންތަކަށް ވަނީ ކޮންމެސް ވަރެއްގެ ގެއްލުން ލިބިފަ އެވެ.

ސައުދީއާއި ޔޫއޭއީގެ ކޯލިޝަނުން ޔަމަނުގައި 2015ގެ މާޗް މަހު ހަރަކާތްތެރިވާން ފަށާފައި ވަނީ އޭރު ވެރިކަމުގައި ހުންނެވި އަބްދު-ރައްބު މަންސޫރު ހާދީގެ ވެރިކަން ހޫތީ ޖަމާއަތުން ވައްޓާލުމާއި ގުޅިގެން ނެވެ. އެއަށް ފަހު ދެ ފަރާތުގެ ކުރިމަތިލުންތަކުގައި ދިހަ ހާހުން މީހުން މަރުވެފައި ވާއިރު އޭގެ ތެރޭގައި ގިނައީ އާންމުން ކަމަށްް އެހީދޭ ޖަމާާއަތްތަކުން ހާމަކުރެ އެވެ.

ޔަމަނުގެ 24.1 މިލިއަން ރައްޔިތުންނަށް ވަނީ އެހީ ބޭނުންވެފަ އެވެ. އެއީ އެ ގައުމުގެ އާބާދީގެ ތިންބައިކުޅަ ދެބައެވެ.