ބޭރު ކުޅިވަރު

ޕެޑްރޯ ގެނައުމަކީ ބޭކާރު ކަމެއް: މޮރީނިއޯ

Jul 20, 2015

ބާސެލޯނާގެ ފޯވަޑް ޕެޑްރޯ ރޮޑްރިގޭޒް ކުރިއަށް އޮތް ސީޒަނަށް ޗެލްސީ އަށް ގެނައުމަކީ ބޭކާރު ކަމެއް ކަމަށް އެ ޓީމުގެ ކޯޗު ބުނެފި އެވެ.

ޕޯޗުގަލްގެ ކޯޗު ހޯސޭ މޮރީނިއޯ ބުނީ 22 މިލިއަން ޕައުންޑަށް ޕެޑްރޯ ވިއްކާލަން ބާސެލޯނާ ތައްޔާރު ނަމަވެސް އޭނާ ކުރަންވީ ކަންތައްތައް އޭނާ އަށް އެނގޭ ކަމަށެވެ.

"އަހަރެންގެ މިހާރު ވެސް އެބަތިބި ވިންގަށް ކުޅޭނެ ފަސް ކުޅުންތެރިން. މިވަރު އަހަންނަށް ފުދޭ. އެއިން މީހަކު އިންޖަރީވެއްޖެނަމަ އިތުރު މީހަކަށް އަހަރެން ޝައުގުވެރިވެދާނެ. އެކަމަކު މިވަގުތު އަހަރެން ނުވިސްނަން އެޓޭކިން ކުޅުންތެރިއެއް ގެންނާކަށް،" ހުސްވި ސީޒަނުގެ ޕްރެމިއާ ލީގު ޗެލްސީ އަށް ކާމިޔާބުކޮށްދިން ކޯޗު ބުންޏެވެ.

ނަމަވެސް އޭނާ ބުނީ ކުރިއަށް އޮތް ސީޒަނަށް އަދި އެއް ކުޅުންތެރިއަކު ގަންނަންޖެހޭ ކަމަށާއި ބޭނުންވަނީ ޑިފެންޑަރެއް ކަމަށެވެ.

"މި ޓީމަށް އަދި އެކަކު ބޭނުންވޭ. އަހަރެން ބޭނުންވަނީ ޑިފެންޑަރެއް. އެއިރުން މި ސްކޮޑް ބެލެންސްވާނީ. ފާޑުކިޔާ މީހުންނަށް ޖަވާބުދޭން އެއިރުން މި ސްކޮޑް ވަރަށް ފުރިހަމަވާނެ،" މޮރީނިއޯ ބުންޏެވެ.

ހުސްވި ސީޒަނަށް ފަހު މޮރީނިއޯ މިހާތަނަށް އިތުރުކުރި ހަމައެކަނި ކުޅުންތެރިޔާގެ ފޯމު ކަޓާފައިހުރި ކޮލަމްބިއާގެ ފޯވަޑް ރަޑަމަލް ފަލްކާއޯ އެވެ. އޭނާއަކީ ޗެލްސީގެ ކެޕްޓަން އަދި ޑިފެންޑަރު ޖޯން ޓެރީ އަށްވުރެ މަދުން މިދިޔަ ސީޒަނުގައި ގޯލު ޖެހި ކުޅުންތެރިއެކެވެ.