ހަބަރު

ފަސް މަހުން 387 މިލިއަން ރުފިޔާ އާސަންދައިން ހޭދަކޮށްފި

Jun 12, 2019
3

ގައުމީ ބޭސް ފަރުވާނެ ނިޒާމު އާސަންދައިން މިދިއަ ފަސް މަސް ދުވަހުގެ ތެރޭގައި ބޭސް ފަރުވާއަށް 387 މިލިއަނަށްވުރެ ގިނަ ރުފިޔާ ހޭދަކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކޮށްފައިވާ "ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް" ހަފުތާގެ މާލީ ހިސާބުތަކުގައިވާ ގޮތުން މި މަހުގެ ހަ ވަނަ ދުވަހުގެ ނިޔަލަށް ބޭސް ފަރުވާގެ ނިޒާމުން 387.1 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އާސަންދަ އިން ހޭދަ ކުރުމަށްޓަކައި މި އަހަރު ކަނޑައަޅާފައިވާ ބަޖެޓަކީ އެއް ބިލިއަން ރުފިޔާ އެވެ.

މި ހިސާބުތައް ދައްކާ ގޮތުގައި މި އަހަރުގެ މިހާތަނަށް ސަބްސިޑީ ދިނުމަށް ބަޖެޓުން 407.3 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. ސަބްސިޑީ އަށް މި އަހަރު ހޭދަ ކުރުމަށް ކަނޑައަޅާފައިވަނީ 1.3 ބިލިއަން ރުފިޔާ އެވެ.

ދައުލަތުގެ އާމްދަނީ އާއި ހަރަދު އެއްވަރު

މި އަހަރު ދައުލަތުން ހޭދަ ކުރުމަށްޓަކައި 30 ބިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ފާސް ކޮށްފަ އެވެ. މާލީ ރިޕޯޓުގައިވާ ގޮތުން މިހާތަނަށް މި ބަޖެޓުން 9.8 ބިލިއަން ރުފިޔާ ވަނީ ހޭދަ ކޮށްފަ އެވެ. އަދި ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި 9.4 ބިލިއަން ރުފިޔާ ދައުލަތަށް ލިބިފައިވެ އެވެ. މީގެތެރެއިން 7.3 ބިލިއަން ރުފިޔާ ލިބިފައިވަނީ ޓެކްސްގެ ގޮތުގަ އެވެ. ޓެކުހުގެ ގޮތުގައި މި އަހަރު ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 16.5 ބިލިއަން ރުފިޔާ އެވެ. އަދި ޓެކުސް ނޫން ގޮތުގައި އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 1.7 ބިލިއަން ރުފިޔާ އެވެ.

ދައުލަތުގެ ހަރަދު ކުރުން ހުރި ގޮތަށް ބަލާއިރު، މުސާރަ އާއި ޕެންޝަނަށް ހަތަރު ބިލިއަން ރުފިޔާ ވަނީ ހޭދަކޮށްފަ އެވެ. އަދި މި އަހަރުގެ ބަޖެޓުން ހޭދަ ކުރަން ކަނޑައަޅާފައިވަނީ 9.5 ބިލިއަން ރުފިޔާ އެވެ.