ބޭރު ކުޅިވަރު

ޕޮގްބާ ގެންނާނީ ކޯޗު ބޭނުންވެއްޖެނަމަ: ބާސެލޯނާ

Jul 20, 2015

ޔުވެންޓަސްއަށް ކުޅޭ ޒުވާން މިޑްފީލްޑަރު ޕައުލް ޕޮގްބާ ބާސެލޯނާ އަށް ގެންނާނީ ކޯޗު ލުއިސް އެންރީކޭ ބޭނުންވެއްޖެނަމަ އެކަނި ކަމަށް އެކުލަބުން ބުނެފި އެވެ.

އެކުލަބުގެ ބޯޑު މެމްބަރު ޖޯޑީ ބުނީ އަންނަ ސީޒަނުގައި ވާދަކުރާނެ ބާސެލޯނާ ޓީމު މިހާރު ގާތްގަނޑަކަށް ފައިނަލްކޮށްފައިވާ ކަމަށެވެ.

"އެންމެ ފަހު ބަސް ބުނާނީ ކޯޗު. އޭނާ ބޭނުންވެއްޖެނަމަ ކުލަބުން މަސައްކަތް ކުރާނެ ޕޮގްބާ ގެންނަން. އެކަމަކު މިހާރު މުޅިންކަހަލަ ގޮތަކަށްވަނީ ޓީމު ފައިނަލްކުރެވިފައި،" ޖޯޑީ ބުންޏެވެ.

ބާސެލޯނާއިން މިހެން ބުނެފައިވާއިރު އިއްޔެ ނިމުނު އެކުލަބުގެ އިންތިހާބު ތެރޭގައި ޕޮގްބާގެ ވާހަކަ ވަރަށް ބޮޑަށް ވަނީ ދެކެވިފަ އެވެ. އިންތިހާބުގައި ނާކާމިޔާބުވި ކުރީގެ ރައީސް ހުއާން ލަޕޯޓާ ވައުދުވަމުންދިޔައީ އޭނާ ހޮވިއްޖެނަމަ ޕޮގްބާ ބާސެލޯނާ އަށް ގެންނާނެ ކަމަށެވެ. ނަމަވެސް އިންތިހާބު ކާމިޔާބުކުރެއްވި ކުރީގެ ވަގުތީ ރައީސް ޖޯސެމް މާރިއީ ބާޓޮމެއު ވަނީ އެކަން ކޯޗަށް ދޫކޮށްލާފަ އެވެ.

ބާސެލޯނާއިން ވަނީ އާ ސީޒަން ފެށުމުގެ ކުރިން ޕޮގްބާ ގަތުމަށް މިހާތަނަށް އެއް ފަހަރު ހުށަހަޅައިފަ އެވެ. ނަމަވެސް އެކުލަބުން ހުށަހެޅި 57 މިލިއަން ޕައުންޑަށް ޔުވެންޓަސް ވަނީ ނޫނެކޭ ބުނެފަ އެވެ.

ޕޮގްބާ އަކީ މިވަގުތު ޔޫރަޕުގައި ހުރި އެންމެ ޑިމާންޑް ބޮޑު މިޑްފީލްޑަރެވެ. އުމުރުން 22 ގައި އޭނާ އަކީ ފްރާންސްގެ ގައުމީ ޓީމުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ.

ޕޮގްބާ ބާސެލޯނާ އަށް ބަދަލުވި ނަމަވެސް އަންނަ ޖެނުއަރީ މަހުގެ ކުރިން އޭނާ އަށް އެކުލަބަށް ނުކުޅެވޭނެ އެވެ. އެއީ ގަވާއިދާ ހިލާފަށް ކުޑަކުދިން ލައްވައި ސޮއިކުރުވި މައްސަލާގައި ފީފާއިން އެކުލަބު ސަސްޕެންޑް ކުރުމުންނެވެ.