ދުނިޔެ

އައިއެސް އިން ގާޒާގައި ހަމާސްގެ ވެރިންނަށް ހަމަލާ ދީފި

Jul 20, 2015

ގާޒާގައި ވެރިކަންކުރާ ހަމާސް ޖަމާއަތުގެ އިސް ވެރިންނަށް އަމާޒުކޮށް އިސްލާމިކް ސްޓޭޓް (އައިއެސް) އިން ގާޒާގައި އިއްޔެ ހަމަލާތަކެއް ދީފި އެވެ.

ގާޒާ ސިޓީގެ އެކި ހިސާބުތަކުގައި އެއް ވަގުތެއްގައި ކަހަލަަ ގޮތަކަށް ދިން މި ހަތަރު ކާރު ބޮމުގެ ހަމަލާގައި ދެ މީހަކަށް އެކި ވަރުގެ އަނިޔާ ލިބުނެވެ. އޭގެ ތެރޭގައި ހިމެނެނީ، ދުއްވާފައި ދިޔަ ފަސް ކާރެއްގެ ތެރޭގައި ތިބި ހަމާސް ޖަމާއަތާއި އިސްލާމިކް ޖިހާދު ޖަމާއަތުގެ އިސް ވެރިންތަކެކެވެ.

ހަމާސްގެ އިސް ވެރިއެއް ކަމަށްވާ އަބޫ ހަމަރު ވިދާޅުވި ގޮތުގައި އެ ހަމަލާތައް ދީފައިވަނީ އައިއެސް އިންނެވެ.

އައިއެސް އިން ވަނީ މި ފަހުން ހަމާސް ޖަމާއަތާ ވަރަށް ބޮޑަށް ޖައްސާލާފަ އެވެ. އެ ގޮތުން، ހަމާސް އަށް އަމާޒުކޮށް ގާޒާގައި ހަމަލާތަކެއް ދީފައި ވާއިރު، ހަމަލާތައް އިތުރުކުރަން އެ ޖަމާއަތުގެ ހަނގުރާމަވެރިންނަށް މިދިޔަ ރޯދަމަހު ގޮވާލާފައިވެ އެވެ.

ހަމާސް އިން ވަނީ އައިއެސް އަށް ވާގިވެރިވާ ކަމަށް ބުނެ ގާޒާގެ އާއްމުންތަކެއް މި ފަހުން ހައްޔަރުކޮށްފަ އެވެ.