ދުނިޔެ

ޔަމަނުގެ ކުރިމަތިލުންތައް ވަރުގަދަވެއްޖެ، ހޫތީންނަށް ނާކާމިޔާބީތަކެއް!

Jul 20, 2015

ޔަމަނުގެ މުހިއްމު އަވަށެއް ކަމަށްވާ އަދަނުގައި، އެ ގައުމަށް ވެރިވެގަނެފައިވާ ހޫތީންނާއި ސަރުކާރަށް ތާއީދުކުރާ ފައުޖުތަކާ ދެމެދު ހިނގަމުންދާ ކުރިމަތިލުންތައް އިތުރަށް ވަރުގަދަވެ، އިއްޔެ އެކަނި ވެސް 50 އެއްހާ މީހުން މަރުވެއްޖެ އެވެ.

އަދަނުގައި ހަމަލާތައް ވަރުގަދަކޮށްފައި މިވަނީ އެ އަވަށުގެ އެއާޕޯޓާއި ބޮޑު ބައެއް ހޫތީންގެ އަތް ދަށުން މިނިވަންކޮށްފައި ވަނިކޮށެވެ. އެހެން ނަމަވެސް، ހޫތީ ހަނގުރާމަވެރިން ވަނީ އިއްޔެ ރައްދުގައި ހަމަލާތައް ދޭން ފަށާފަ އެވެ. އެ ހަމަލާތަކުގައި އިތުރު 120 މީހަކު ޒަހަމްވިއިރު، ހޫތީންގެ ބާރުގެ ދަށުގައި މިހާރު އޮތް އަދަނުގެ ހަމައެކަނި ސިޓީ ހިފުމަށް ސަރުކާރު ސިފައިން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ.

ހޫތީންނާ ދެކޮޅަށް ގަލްފުގެ ގައުމުތަކުން ދެމުން ގެންދާ ވައިގެ ހަމަލާތަކުގެ އެހީގައި ސަރުކާރު ސިފައިން ވަނީ އަދަނުގެ ބޮޑު ބައެއް މިދިޔަ ހަފުތާގައި އަލުން ހިފާފަ އެވެ. އެއީ ހޫތީންނަށް ޔަމަނުގައި މިހާތަނަަށް ލިބުނު އެންމެ ބޮޑު ނާކާމިޔާބީ އެވެ. އެހެން ނަމަވެސް، ހޫތީން ވަނީ އިއްޔެ އަދަނުގައި އަނެއްކާ ވެސް ބާރު ގަދަކުރަން ފަށާފަ އެވެ.

ޔަމަނުގެ ކުރިމަތިލުންތައް އިތުރަށް ގޯސްވެފައި މިވަނީ މިދިޔަ ރޯދަމަސް ނިމެންދެން ޔަމަނުގައި ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް ދެ ފަރާތުން ވީ އެއްބަސްވުން ވެސް ނާކާމިޔާބުވެފައި ވަނިކޮށެވެ. އިންސާނީ އެހީ ފޯރުކޮށްދިނުމަށް، އދ. އިން މެދުވެރިއެއްގެ ރޯލް އަދާކުރަމޮށްގެން އެކުލަވާލި އެ އެއްބަސްވުމަށް އަމަލުކުރަން ފެށިތާ އިރުކޮޅެއް ނުވެ، ދެ ފަރާތުން ވެސް ވަނީ ވެރިރަށް ސަންއާގައި ހަމަލާ ބަދަލުކުރަން ފަށާފަ އެވެ.

ހޫތީންގެ ބާރު ގަދަކުރުމާ އެކު، ސައުދީ އަރަބިއްޔާ އިސްވެ އޮވެ، ގުޅިފައިވާ ގަލްފުގެ ގައުމުތަކުގެ ފައުޖުތަކުން ވަނީ ޔަމަނަށް ބޮން އަޅަން ފަށާފަ އެވެ. ދެ މަހަށް ވުރެ ގިނަ ދުވަސްވެފައިވާ އެ އޮޕަރޭޝަންގެ އަމާޒަކީ އަމިއްލަ އަށް އަރުވާލެއްވިގެން ސައުދީގައި އުޅުއްވަމުން ގެންދަވާ ޔަމަނުގެ ރައީސް އަބްދުއްރަބާ މަންސޫރު ހާދީގެ ވެރިކަން އިއާދަކުރުމެވެ.

ހާދީގެ ކުރިން ވެރިކަމުގައި ހުންނެވި އަލީ އަބްދުﷲ ސާލިހަށް ވަފާތެރި ހަނގުރާމަވެރިން ވެސް މިހާރު ވަނީ، ސޯލިހްގެ ވެރިކަމާ ދެކޮޅަށް އެންމެ ބޮޑަށް މަސައްކަތްކުރި ހޫތީންނާ ގުޅިފަ އެެވެ.

ޔަމަންގެ މަސްރަހު އިންތިހާ އަށް ގޯސްވެ، ކުރިމަތިލުންތަކުގައި 3،000 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި 1،500 އަށް ވުރެ ގިނަ އާއްމުން ހިމެނޭއިރު، އިތުރަށް 25 މިލިއަން މީހުންގެ އާބާދީގެ ގާތްގަނޑަކަަށް 80 ޕަސެންޓް ވަނީ ހާލުގައި ޖެހިފަ އެވެ.

އދ. އިން ބުނާ ގޮތުން ޔަމަނަށް އިންސާނީ އެހީ ފޯރުކޮށްދިނުމަށް 1.6 ބިލިއަން ޑޮލަރު ބޭނުންވެ އެވެ. އެކަމަކު އޭގެ ތެރެއިން އަދި ލިބިފައި ވަނީ އެންމެ 13 ޕަސެންޓެެވެ.

މީގެ އިތުރުން، އދ. އިން އިސް ނަގައިގެން ފަށާފައިވާ ސުލްހައިގެ މަޝްވަރާތަކުގައި އަދި ދާއިމީ ހަައްލެއް ހޯދޭ ވަރެއް ނުވެ އެވެ. އެންމެ ފަހުން މި މަހުގެ މެދުތެރޭގައި ބޭއްވި ރަސްމީ މަޝްވަރާތައް ވެސް ނިންމާލީ އެއްވެސް ކޮޅެއްގައި ނުޖެހުމުންނެވެ.