ރާޅުގުޑި އިވެންޓުގައި ބޭނުންކުރާ ކައިޓް ފޯރުކޮށްދޭ "ސްލިންގްޝޮޓް" އެ އިވެންޓުގެ މެއިން ސްޕޮންސަރަކަށް ހަމަޖައްސައިފި އެވެ.
ސްލިންގްޝޮޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މި ބްރޭންޑުގެ ރާއްޖޭގެ އެޖެންޓުކަން ކުރާ އާސިމް މުހައްމަދު (ސިމްބެ) އެވެ. އަދި ރާޅުގުޑި އިވެންޓުގެ ފަރާތުން ސޮއިކުރެއްވީ އިވެންޓް މެނޭޖަރު މުހައްމަދު ފައިސަލް (ކޭވީ) އެވެ.
ރާއްޖޭގެ "އުތުރުން ދެކުނަށް" ހަތަރު ކައިޓް ސާފަރުން ކުރާ މި ދަތުރުގެ މައި ސްޕޮންސަރުކަން ނެގި ސްލިންގްޝޮޓްއަކީ ކައިޓް ސާފިން އާއި މޫދު ކުޅިވަރު ކުރިއަރުވަން ގިނަ މަސައްކަތް ތަކެއް ކުރާ ބްރޭންޑެވެ. ސްލިންގްޝޮޓުން ވަނީ ކައިޓް ސާފިންއަށް ޒުވާނުން ޝައުގުވެރި ކުރުވަން ގިނަ މަސައްކަތްތަކެއް ކޮށްފަ އެވެ. މިގޮތުން ބ. އަތޮޅުގައި މިކުޅިވަރު ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އަދި ސްލިންގްޝޮޓުން ވަނީ ކައިޓް ސާފުކުރަން މަޝްހޫރުކަން ހޯދާފައިވާ ދިވެހި ކުޑަކުޖެއް ކަމަށް ހަސަން މާހިރު ސްޕޮންސާކޮށްފަ އެވެ.
ރާޅުގުޅި އިވެންޓު އައްޑު އަތޮޅުން ފަށަން ތައްޔާރުވަމުންދަނީ މި މަހުގެ 18 ވަނަ ދުވަހު އައްޑު އަތޮޅުންނެވެ. މި އިވެންޓުގައި ބައިވެރިވަނީ އަހުމަދު ހަމްދާން ހަމީދު (ހަމްބެ) ގެ އިތުރުން އާސިމް މުހައްމަދު ފުޅު (ސިމްބެ) އާއި އަބްދުﷲ ތަސްލީމް (ޑެލިއޯ) އަދި ކައިޓް ސާފިންގެ ދުނިޔޭގެ އިވެންޓުތައް ކާމިޔާބުކޮށްފައިވާ ޔޯރީޒޫން އެވެ. ރާޅުގުޑި އައްޑު އަތޮޅުން ތުރާކުނަށް ކުރާ މި ދަތުރުގެ ދިގު މިނަކީ 15 ދުވަހެވެ. އެ މުއްދަތުގައި 20 ރަށެއްގައި މަޑުކުރާނެ އެވެ. އަދި ހާއްސަ ބައެއް ހަރަކާތްތައް މި ރަށްރަށުގައި ހިންގާނެ އެވެ.