ހަބަރު

ހިޔާނާތް ހާމަކުރާ ވެބްސައިޓަށް 400 މައްސަލައެއް، 18 މައްސަލަ އޭސީސީއަށް

ސަރުކާރުގެ އިދާރާތަކުގައި ހިނގާ ހިޔާނާތްތަކުގެ ވާހަކަ، ކާކުކަން ނޭނގޭ ގޮތަށް ހުށަހެޅޭ ޕޯޓަލްއަށް 400 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ހާމަކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ ސަރުކާރުގެ އިދާރާތަކުގައި ހިނގާ ކޮރަޕްޝަންތައް ހުށަހަޅަން އުފައްދާފައިވާ ވެބްސައިޓް ލޯންޗު ކުރި ފަހުން މިއަދާ ހަމަޔަށް 400 އަށްވުރެ ގިނަަ މައްސަލަ ހުށަހަޅާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން ސުވާލު އުފެދޭ 18 މައްސަލައެއް އިތުރަށް ބަލަން އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ) އަށް ފޮނުވާފައިވާ ކަމަށެވެ.

"ވެބްސައިޓަށް މިހާތަނަށް 400 އެތަށް މައްސަލައެއް. އޭގެ ތެރެއިން ސުވާލު އުފެދޭ 18 މައްސަލައެއް ވާނީ އޭސީސީއަށް ފޮނުވާފައި،" ހޫދު ވިދާޅުވި އެވެ.

ހިޔާނާތުގެ މައްސަލަތައް ހުށަހަޅާ ވެބްސައިޓު

ވިސިލްބްލޯ ވެބްސައިޓަށް ހުށަހެޅޭ މައްސަލަތައް ބަލަނީ ރައީސް އޮފީހުގައި ގާއިމްކޮށްފައިވާ ހާއްސަ ކޮމިޓީއަކުންނެވެ. ހޫދު ވިދާޅުވި އޭސީސީއަށް ފޮނުވި 18 މައްސަލަ ފިޔަވައި ބާކީ ހުރި މައްސަލަތަކަކީ ބުރަދަން ހުރި މައްސަލަތަކެއް ނޫން ކަމަށެވެ. އެހެންކަމުން އެ ހުށަހެޅުންތައް ދޫކޮށްލާފައިވާ ކަމަށެވެ.

ހިޔާނާތް ބަލާ ކޮމިޝަންގެ މަސައްކަތް ލަސް

ކުރީ ސަރުކާރުން ހިންގާފައި ހުރި ކަމަށް ތުހުމަތު ކުރާ ހިޔާނާތުގެ މައްސަލަތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހާއްސަ ކޮމިޓީއެއް އުފަައްދަވާފައިވާއިރު އެ ކޮމިޓީގެ މަސައްކަތް ހިނގާ ސްޕީޑު ވަރަށް ލަސް ކަމަށް ހޫދު އެއްބަސްވެ ވަޑައިގެންނެވި އެވެ.

ހޫދު ވިދާޅުވީ ކުރިން ރޭވިފައިވާ ގޮތުން ނަމަ އެ ކޮމިޝަންގެ ގިނަ މައްސަލަތަކެއްގެ ބޮޑުބައި މިހާރު ނިމިފައި ހުންނަން ޖެހޭނެ ކަމަށާއި ނަމަވެސް މަސައްކަތް ކުރިޔަށް ގެންދިޔުމަށް ކޮމިޝަނަށް ވެސް ދަތިތަކެއް ހުރީ ކަމަށެވެ. ނަމަވެސް ރައްޔިތުން މަޖިލީހުގައި މިހާރު ހިނގާ ރިޔާސީ ކޮމިޝަންތަކުގެ ބިލު ގާނޫނަކަށް ވެގެން އައުމުން ކޮމިޝަންގެ މަސައްކަތް ބާރަށް ކުރިޔަށް ދާނެ ކަމަށެވެ.

ހިޔާނާތް ބަލާ ކޮމިޝަނުން މިހާތަނަށް އެ ކޮމިޝަނުން ކުރި އެއްވެސް މަސައްކަތެއްގެ މައުލޫމާތު ހިއްްސާކޮށްފައެއް ނުވެ އެވެ.