ސިއްހަތު

ކޮފީ އިން ލިބެނީ ކޮން ފައިދާއެއް؟

Jul 20, 2015

މިއީ "މޯނިން ކަނޑާލުމަށް" ވަރަށް ގިނަ ބައެއްގެ އެންމެ ފުރަތަމަ އިހްތިޔާރެވެ. އަދި ކެއުމަކަށް ފަހު ވެސް ފެވަރިޓެކެވެ. ދެ މީހަކު ފޫހިފިލުވާލުމަށް ނުވަތަ ދެ ލޯބިވެރިއެއްގެ ފޫހި މޭޒު މަތީގައި މާ ފޮޅުވުމަށް ވެސް ނިކަން ފައްކާ ބުއިމެކެވެ.

ނަމަވެސް ކޮފީ އަކީ އޭގެ ފައިދާތަކަށް ވުރެ ބޮޑަށް އޭގެ ނެގެޓިވް އިމޭޖަށް މަޝްހޫރުވެފައި އޮންނަ ބުއިމެކެވެ. ނަމަވެސް ކޮފީ ބޮއެ ބޮއެގެން، ވަރުބަލިކަމެއް ނެތި ނިދި ނަގާލާފައި ސައިންސްވެރިން ފާއިތުވި އަހަރުތަކުގައި ކުރި ދިރާސާތަކުން އެނގިފައިވާ ގޮތުން މިއީ އޭގެ ހިތިކަމާ އެއްވަރުގެ ގެއްލުންތަކެއް ދޭ ބުއިމެއް ނޫނެވެ.

އެހެންވީމަ ސައިންސާއި ދިރާސާތަކުގެ އަލީގައި ކޮފީގެ ފައިދާތަކަށް ބަލާލަމާ ހިނގާށެވެ.

ކޮފީގެ މިންވަރެއް ގަވާއިދުން ކޮންމެ ދުވަހަކު ބޯ މީހާ އަށް ހިތުގެ މައްސަލަތައް ދިމާވާ ނިސްބަތް ދަށްކޮށްލެވޭނެ ކަމަށް ސިއްހީ ހުރިހާ ތަޖުރިބާކާރުން ބުނެ އެވެ. މިކަން ބެލުމަށް ހިންގާފައިވާ ދިރާސާތަކުން އެނގިފައި ވަނީ ދުވާލެއްގެ މައްޗަށް ތިން ތައްޓާއި ފަސް ތަށީގެ ކޮފީ ގަވާއިދުން ބޯ މީހާ ހިތުގެ ބަލިތަކުން ސަލާމަތްވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށެވެ.

ނަމަވެސް ކޮންމެ ދުވަހަކު ފަސް ތައްޓަށް ވުރެ ގިނައިން ކޮފީ ބޯ ނަމަ ނަތީޖާ އަނެއްކޮޅަށް ނުކުތުމުގެ ބިރު ވެސް އެބައޮތެވެ.

ގަވާއިދުން ކޮފީ ބޯ މީހުންނާއި އެއްގޮތަކަށް ވެސް ކޮފީ ނުބޯ މީހުން އެއްކޮށްގެން ކުރިއަށް ގެންގޮސްފައިވާ ދިރާސާތަކުން އެނގިފައިވާ ގޮތުން އެއްވެސް ވަރަކަށް ކޮފީ ނުބޯ މީހާ އަށް ސްޓްރޯކެއް ޖެހުމަށް އޮންނަ ފުރުސަތަށް ވުރެ، ގަވާއިދުން ކޮފީ ބޯ މީހާ އަށް ސްޓްރޯކެއް ޖެހުމުގެ ފުރުސަތު ވަރަށް ދަށްވެ އެވެ. ގަވާއިދުން ދުވާލެއްގެ މައްޗަށް "ދެ ކޮފީ" ނުވަތަ "ހަ ކޮފީ" ބޯ މީހާ އަށް ސިއްހީ ފަސޭހަތައް ގިނަ ގުނަ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ.

މިއީ އުމުރު ދުވަހަށް އެ ބައްޔަކާ އެކު އުޅެން ޖެހިދާނެ ބައްޔެކެވެ. ޓައިޕް 2 ޑައިބެޓީސް އަކީ ހަކުރު ބަލީގެ އެންމެ އާންމު ވައްތަރެވެ. މިއީ އިންސުލިން އަށް ބަރޯސާވާން ނުޖެހޭ ވައްތަރެވެ.

ދިރާސާތަކުން އެނގިފައިވާ ގޮތުން ކޮފީ އިން މި ބައްޔަށް ބޮޑު ފަރުވާއެއް ހޯދިދާނެ އެވެ. އެގޮތުން ދުވާލެއްގެ މައްޗަށް ކެފިނޭޓެޑް ނުވަތަ ޑީކެފިނޭޓެޑް ކޮފީގެ ހަ ތަށި ނުވަތަ ހަތް ތަށި ގަވާއިދުން ބޯ މީހާ އަށް ޓައިޕް 2 ޑައިބެޓީސްގެ ނުރައްކާ ތިން ގުނަ އަށް ކުޑަކޮށްދެ އެވެ. އަދި ގަވާއިދުން ކޮފީ ބޯ ނަމަ މި ބަލީގެ ނުރައްކާ އެއްކޮށް ކެނޑިގެންދާ ކަމަށް ވެސް ދިރާސާތަކުން އެނގިފައި އެބަހުއްޓެވެ.

ސައިންސްވެރިން ބުނަނީ ދުވާލެއްގެ މައްޗަށް ދެ ތަށި ކޮފީ ގަވާއިދުން ބޯ މީހާ އަށް ފުރަމޭގެ ކެންސަރު ޖެހުމުގެ ބިރު 40 ޕަސެންޓަށް ދަށްކޮށްދޭ ކަމަށެވެ.

މީގެ އިތުރުން އުރަމަތީގެ ކެންސަރާއި ޕްރޮސްޓޭޓް ކެންސަރާ ދެކޮޅަށް ވެސް ކޮފީ ރަނގަޅު ކަމަށް ބުނެވެ އެވެ. އަދި ދުންފަތުގެ އިސްތިއުމާލު ކުރުމުގެ ސަބަބުން ފުއްޕާމެ އަށް ގެއްލުން ލިބިފައިވާ މީހާ ފުއްޕާމޭގެ ކެންސަރުން ސަލާމަތްކުރުމުގައި ވެސް ކޮފީގެ ދައުރު ބޮޑު ކަމަށް ސައިންސް ހެކިވެ އެވެ.

ޕާކިންސަން ޑިޒީސް ނުވަތަ ތުރުތުރުއަޅާ ބަލި އާއި އުމުރުން ދުވަސްވެގެން ކުރިމަތިވާ އެހެން ބަލިތަކާ ދެކޮޅަށް ވެސް ކޮފީ އިން ފަރުވާ ހޯދިދާނެ ކަމަށް ތަޖުރިބާކާރުން ބުނެ އެވެ. ގަވާއިދުން ކޮފީ ބޮއެގެން އަލްޒެއިމާ ބަލީގެ ނުރައްކާ ވެސް ކުޑަކުރެވޭ ކަމަށް ދިރާސާތަކުން އެނގިފައިވެ އެވެ.