ކައިޓް ސާފިން، ނުވަތަ ރާޅުގުޑި މި ދަނީ ތަރައްގީ ވަމުންނެވެ. އަދި މޫދުގެ މަޖާ މި ކުޅިވަރުގައި ގިނަ އަދަދެއްގެ ޒުވާނުން އަންނަނީ ބައިވެރިވަމުންނެވެ. މި ކުޅިވަރުގައި ދުނިޔޭގެ ފެންވަރުގައި ވާދަކުރެވޭނެ އެތްލީޓުން މިހާރު އެބަތިއްބެވެ. ފައިގައި ބޯޑެއް ހަރުކޮށްގެން ކުޑައެއްގެ އެހީގައި ދަތުރު ކުރާ މި ކުޅިވަރަކީ ދުނިޔޭގައި ވެސް ވަރަށް މަގުބޫލު މޫދު ކުޅިވަރެކެވެ. މިމަހުގެ ރާއްޖޭގެ އުތުރުން ދެކުނަށް ރާޅުގުޑީގެ ދިގު ދަތުރެއް ފަށާއިރު، އެ ދަނީ ދުނިޔޭގެ ރެކޯޑެއް ހަދަން ކަމަށް ނުވިނަމަވެސް ރާޅުގުޑީގައި ރާއްޖެއަށް ދުނިޔޭގެ ރެކޯޑެއް ހެދިދާނެ އެވެ.
އެ ސުވާލު ބާއްވާފައި ބަލައިލަން ޖެހެނީ ދުނިޔޭގައި މި ކުޅިވަރުން ހަދާފައިވާ ރެކޯޑަށެވެ. އެންމެ ދުރަށް ރާޅުގުޑިއެއްގައި ދަތުރު ކުރުމުގެ ދުނިޔޭގެ ރެކޯޑު އޮތީ 2015 ވަނަ އަހަރު ރާޅުގުޑީގެ ދުނިޔޭގެ ރެކޯޑު ހެދި ޕޯޗްގީޒުގެ ފްރެންސިސްކޯ ލުފިންހާގެ އަތުގަ
އެވެ.
ދުނިޔޭގެ ރެކޯޑުތައް ލިޔާ ފޮތް، ގިނިސް ވޯލްޑް ރެކޯޑްސް އިން ފްރެންސިސްކޯ ޖާގަ ހޯދާފައިވަނީ 862 ކިލޯ މީޓަރު (536 މޭލް) އަށް ރާޅު ގުޑީގައި ދަތުރުކޮށްގެނެވެ. އެނާ މި ރެކޯޑު ހަދާފައިވަނީ ޕޯޗްގަލްގެ ލިޒްބަން އިން މަތްރިއާ އަށް ރާޅު ގުޑީގައި
ދަތުރުކޮށްގެނެވެ.
ފްރެންސިސްކޯ ރާޅު ގުޑީގައި ދަތުރުކުރި 862 ކިލޯ މީޓަރަކީ ރާއްޖޭގެ ދެކުނުން އުތުރަށް ހުންނަ ދިގުމިނާއި ގާތްގަނޑަށް އެއް ވަރުގެ ދިގު މިނެކެވެ.
އައްޑު އަތޮޅުން ތުރާކުނަށް ދިގުމިނުގައި ހުންނަނީ 860 ކިލޯ މީޓަރެވެ. އެހެންވެ، މި މަހު ރާޅުގުޑި އުތުރުން ދެކުނަށް ކުރާ ދަތުރުގައި ބައިވެރިވާ ރާއްޖޭގެ އަހުމަދު ހަމްދާން ހަމީދު (ހަމްބެ) އަދި އާސިމް މުހައްމަދު ފުޅު (ސިމްބެ) އަދި އަބްދުﷲ ތަސްލީމް (ޑެލިއޯ) މި ދަތުރު ނިންމައިފިނަމަ އެ ފުރިހަމަ ކުރެވެނީ ދުނިޔޭގެ ރެކޯޑާއި ގާތްގަނޑަށް އެއް ވަރުގެ ދަތުރެކެވެ.
ހަމައެކަނި ތަފާތަކީ މި އިވެންޓް ރާވާފައި އޮތް ގޮތެވެ. ދުނިޔޭގެ ރެކޯޑު ހަދާފައިވަނީ ހުއްޓުމެއްނެތި ދަތުރު ކޮށްގެންނެވެ. އެކަމަކު "ދެކުނުން އުތުރަށް" އިވެންޓް ރާވާފައި އޮތީ ހުއްޓުމެއް ނެތި ދަތުރު ކުރާ ގޮތަކަށް ނޫނެވެ. މި ދަތުރުގެ ހަތަރު ބައިވެރިން ދަތުރުގައި 15 ދުވަސް ހޭދަ ކުރާއިރު، 20 ރަށެއްގައި މަޑުކުރާނެ އެވެ. މި ހާއްސަ އިވެންޓު ވާނީ ރާއްޖެއަށް ހާއްސަ ބޮޑު
އިވެންޓަކަށެވެ.