ދުނިޔެ

އައިއެސް އަށް ފައިސާ ހޯދަނީ ކިހިނެތް؟

ބައެއް މީހުންގެ ނަޒަރުގައި އިސްލާމިކް ސްޓޭޓް ނުވަތަ އައިއެސްއޭ ކިޔުނު ޓެރަރިސްޓް ޖަމާއަތަކީ ސީދާ އެމެރިކާގެ އުފެއްދުމެކެވެ. ފަހަރެއްގައި އެއީ ތެދެކެވެ. އެއީ އެމެރިކާ އިން އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސެއިންގެ ވެރިކަން ވައްޓާލުމުން އެގައުމުގެ ތެރޭގައި އުފެދުނު ހަމަނުޖެހުންތަކުގެ ތެރެއިން އުފަންވި ހަނގުރާމަވެރި ގްރޫޕެއްގެ އަސްލާ މި އައިއެސް ޖަމާއަތް ގުޅިފައި އޮތުމެވެ.

އެހެންވީމަ އައިއެސްއޭ ކިޔުނު ހަނގުރާމަވެރިންގެ ބައިގަނޑެއް އުފެދުމުގެ ސަބަބަކަށް އެމެރިކާ ވެދާނެ އެވެ.

ނަމަވެސް މިއީ އެމެރިކާ އިން އެތައް މިލިއަން ޑޮލަރެއް ހޭދަކޮށްގެން މުސްލިމުންގެ ނަން މި ބިމުން ފޮހެލުމަށް ފަށާފައިވާ ޕްރޮޕެގެންޑާ ހަރަކާތެއް ނޫނެވެ. އައިއެސް އަކީ އެމެރިކާ އިން ފައިސާ އަޅައިގެން އުފައްދާފައިވާ ޖަމާއަތެއް ނަމަ މި ޖަމާއަތް ދުނިޔެ އިން ނައްތާލުމަށް އެމެރިކާ އިން ބިލިއަން ޑޮލަރުން ހޭދަކޮށް އެމީހުންނާ ދެކޮޅު އަސްކަރީ ހަރަކާތްތަކަށް އެތައް މިލިއަން ޑޮލަރެއް ހޭދަކުރަމުން އެ ގެންދަނީ ކީއްވެގެން ހެއްޔެވެ؟

ކޮންމެއަކަސް މި އަރާރުމެއްގެ އިތުރަށް ކުރިއަށް ނުގެންގޮސް އައިއެސްގެ މާލީ ތަނަވަސްކަމަށާއި އެމީހުންގެ ޚަޒާނާ އަށް ފައިސާ އެއްކުރާ ގޮތްގޮތަށް ބަލައިލަމާ ހިނގާށެވެ.

އައިއެސް އުފެދި އެމީހުންގެ ބާރުގެ ދަށަށް އިރާގާއި ސީރިއާގެ ސަރަހައްދުތަކެއް ދެ ތިން މަސް ދުވަސްތެރޭގައި ގެންދިޔައިރު އެ މީހުންގެ މިލްކިއްޔާތު އޮތީ ދެ ބިލިއަން ޑޮލަރަށް އަރައިފަ އެވެ. އުފެދޭ ސުވާލަކީ މިހާ ސިއްރުން މިހާ އަނިޔާވެރިކޮށް ހަރަކާތްތެރިވާ ޖަމާއަތަކަށް މިހާ ފަސޭހައިން މިހާ ގިނަ އަދަދަކަށް ފައިސާ ލިބެނީ ކިހިނެއްތޯއޭ ބުނެ އުފައްދާ ބޮޑު ސުވާލެވެ.

އެހެންވީމަ އިސްލާމިކް ސްޓޭޓްގެ މުއްސަނދިކަމުގެ ސިއްރަކީ ކޮބައި ހެއްޔެވެ؟

މި ޖަމާއަތަށް އެންމެ ގިނައިން ފައިސާ ވަންނަ މަގަކީ ތެލުގެ ވިޔަފާރި އެވެ. އައިއެސް އިން ވަނީ އިރާގާއި ސީރިއާގެ ތެލުގެ މައިދާންތަކުގެ ތެރެއިން ނިކަން މުހިންމު ތެޔޮ ވަޅުތަކެއް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ. އެމެރިކާ އާއި އަރަބި ގައުމުތައް ގުޅިގެން ވައިގެ މަގުން މެދުކެނޑުމެއް ނެތި އައިއެސްގެ މަގާމުތަކަށް ހަމަލާ ދެމުން ގެންދާއިރު ވެސް އިރާގާއި ސީރިއާގައި ތެޔޮ ވިއްކައިގެން ހަފުތާއެއްގެ މައްޗަށް އައިއެސް އިން ދެ މިލިއަން ޑޮލަރު ނަގާ ކަމަށް ކަޅު ބާޒާރުގެ ތަފާސް ހިސާބުތަކުން އެނގެން އެބަހުއްޓެވެ.

ރިޕޯޓްތައް ބުނާ ގޮތުން އައިއެސް އިން ސީރިއާ އާއި އިރާގުގެ ތެލުގެ ކޮންޓްރޯލް އަތުލާފައި އޮތްވަރުން އެމީހުންގެ އަތުން ތެޔޮ ގަތުމަށް ސީރިއާ ސަރުކާރަށް ވެސް އޮތީ މަޖުބޫރުވެފަ އެވެ. އެގޮތުން އައިއެސް އިން ސީރިއާގެ ރައީސް ބައްޝާރުލް އަސަދުގެ ފައުޖުތަކަށް ތެޔޮ ވިއްކާ ކަމުގެ ރިޕޯޓް ވެސް ލިބެ އެވެ.

ތެލުގެ ވަގު ވިޔަފާރި އަށް ފަހު އައިއެސް އަށް އެންމެ ބޮޑު އާމްދަނީއެއް ވަންނަނީ މުދާތައް ލޫޓްވައިގެންނާއި ތާރީޚާ ގުޅިފައިވާ އަގުބޮޑެތި ތަކެތި ވިއްކައިގެންނެވެ. މި ޖަމާއަތުގެ ހަނގުރާމަވެރިން ވަނީ އިރާގާއި ސީރިއާގެ އެތައް މިއުޒިއަމަކާއި ލައިބްރަރީއަކާއި އާސާރީ އެތައް އެތައް ބިނާތަކެއް ވެސް އެމީހުންގެ ބާރުގެ ދަށަށް ގެންގޮސްފަ އެވެ.

ކަޅުބާޒާރުގައި މިފަދަ ތަކެތި ޖަވާހިރުގެ އަގުގައި ވިކޭނެކަމާ މެދަކު ސުވާލެއް ވެސް ނުއުފެދެ އެވެ. މިފަދަ އަގުހުރި އެއްޗެއް ވިއްކާލާއިރު އައިއެސް އަށް 20 ޕަސެންޓްގެ "ކަޓެއް" ލިބޭ ކަމަށް ދިރާސާ ރިޕޯޓްތަކުން އެނގިފައިވެ އެވެ.

އާމްދަނީގެ ރޭހުގައި އެހެން ހަނގުރާމަވެރި ޖަމާއަތްތަކަށް ބަލާއިރު އައިއެސް ވަރުގެ ޖަމާއަތެއް މިހާރަކު ނެތެވެ. އެމީހުންގެ މިލްކިއްޔާތު ދެ ބިލިއަނަށް އަރާއިރު ނައިޖީރިއާގެ މަޝްހޫރު ހަނގުރާމަވެރި ޖަމާއަތުގެ އަގަކީ 10 މިލިއަން ޑޮލަރެވެ. އަފްޣާނިސްތާނުގެ ތާލިބާނުން ކެނަބިހުގެ ވިޔަފާރި ފުޅާކޮށް 400 މިލިއަނަށް އެމީހުންގެ އާމްދަނީ ވަނީ އަރުވައިފަ އެވެ. 

އައިއެސް އަށް ބަލާއިރު އެމީހުން ދަނީ އާމްދަނީ އިތުރުކުރުމަށް ގިނަ އުކުޅުތަކެއް ބޭނުންކުރަމުންނެވެ. އެގޮތުން ރަހީނުކުރާ މީހުންގެ ބޯ ބުރިކުރުމުގެ ކެމްޕޭނަކީ ވެސް އެމީހުންނަށް ނިކަން ފައިދާ ބޮޑު ކެމްޕޭނެކެވެ. ވަގަށް ނަގާފައިވާ މީހުންގެ ބޯ ބުރިކޮށްލާ ވީޑިއޯތަކެއް އައިއެސް އިން އާންމުކުރުމުން އެމީހުންގެ އަތް ދަށުން މީހުން ސަލާމަތްކުރުމަށް އެކި ގައުމުތަކުން އެތައް މިލިއަން ޑޮލަރެއް ހޭދަ އެބަކުރެ އެވެ.

އެގޮތުން އދ. ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މީހުން ރަހީނުކޮށްގެން އައިއެސް އަށް ލިބިފައިވާ ފައިސާގެ ޖުމްލަ 40 މިލިއަން ޑޮލަރަށް އަރަ އެވެ.

އައިއެސް އަށް ފައިސާ ވަންނަ އަނެއް މަގަކީ އިރާގު ސަރުކާރެވެ. އައިއެސްގެ ބާރުގެ ދަށުގައި މޫސަލް އޮތްއިރު އެ ސިޓީގައި ތާށިވެފައި ތިބި އިރާގު ސަރުކާރުގެ މުވައްޒަފުންނަށް އިރާގުން އަދިވެސް ގަވާއިދުން މުސާރަ ދެ އެވެ. މި މުސާރަ އެމީހުންނަށް ލިބެނީ އައިއެސް އަށް "ކަޓެއް" ދިނުމަށް ފަހު އެވެ.

އައިއެސް އިން ވެސް މުސާރަ ދެ އެވެ. އަދި ޕެޓްރޯލާއި ގޭސް ފަދަ ތަކެތި އެމީހުންގެ ވަފާތެރިންނަށް ފޯރުކޮށް ދެނީ ހިލޭ ސާބަހަށެވެ.

އައިއެސްގެ ބާރުގެ ދަށުގައި ގާތްގަނޑަކަށް އަށް މިލިއަން މީހުންގެ އާބާދީއެއް އޮތްއިރު އެމީހުންގެ ހަނގުރާމަވެރިންގެ ގޮތުގައި 50،000 މީހުން ދަނީ ހަރަކާތްތެރިވަމުންނެވެ. މި ލަޝްކަރުގައި ހިމެނޭ އިރާގުގެ ކޮންމެ ހަނގުރާމަވެރިޔަކަށް އާމްދަނީއެއް ކަނޑައެޅިފައިވާއިރު މީހަކާ އިނދެގެން ދެ ކުދިން ލިބިފައިވާ ނަމަ މަހު މުސާރަ އަކީ 150 އެމެރިކާ ޑޮލަރެވެ.

މި ޖަމާއަތުން އެމީހުންގެ ފޮރިން ފައިޓާސްތަކަކަށް މުސާރައެއް ނުދެ އެވެ. އެހެން ގައުމުތަކުން އެމީހުންނާ ގުޅެން ސީރިއާ އާއި އިރާގަށް ދާ ހަނގުރާމަވެރިންނަށް މުސާރައެއް ނެތަސް ދިރިއުޅޭނެ ތަނަކާއި ކައިބޮއި ހަދާނެ އެއްޗެހި ފޯރުކޮށްދެ އެވެ.