ހޮލީވުޑް

ޖޭމްސް ބޮންޑްގެ އިތުރު ފިލްމެއް ޑައިރެކްޓްކުރުމުގެ ވިސްނުމެތް ސޭމް މެންޑޭޒްގެ ނެތް

Jul 20, 2015

ޑައިރެކްޓަރު ސޭމް މެންޑޭޒް 2012 ވަނަ އަހަރު ގެނެސްދިން ޖޭމްސް ބޮންޑް ފިލްމު ސިލްސިލާގެ "ސްކައިފޯލް" އަކީ މި ފިލްމު ސިލްސިލާގެ ތާރީޚުގައި ވެސް އުފެއްދި އެންމެ ކާމިޔާބު ފިލްމެވެ. އޭގެ ކާމިޔާބީ އަށް ފަހު މެންޑޭޒް ވަނީ މި ސިލްސިލާގެ އާ ފިލްމެއްގެ މަސައްކަތުގެ ތެރެއަށް ދަމައިގެން ގޮސްފަ އެވެ.

އެއީ އޮކްޓޯބަރު މަހު ޕްރިމިއާކުރުމަށް ހަމަޖެހިފައިވާ "ސްޕެކްޓާ" އެވެ.

"ސްކައިފޯލް" އާއި "ސްޕެކްޓާ" ގެ މަސައްކަތުގައި ފަސް އަހަރު ހޭދަކުރުމަށް ފަހު މެންޑޭޒް ބުނަނީ ޖޭމްސް ބޮންޑް ސިލްސިލާގެ ފިލްމު ޑައިރެކްޓްކުރުން ނިމުނީ ކަމަށާއި މީގެ އިތުރު ފިލްމެއްގެ މަސައްކަތާ ދެން އޭނާ ހަވާލެއް ނުވާނެ ކަމަށެވެ.

"އަހަންނަކަށް ހީއެއް ނުވޭ ދެން އަނެއްކާ އެ މަގުން އަހަންނަށް ދެވިދާނެހެންނެއް. މިކަން ކުރަން މި ޖެހެނީ ހުރިހާ އެހެން މަސައްކަތްތަކެއް ހުއްޓާލަން،" ބީބީސީ އަށް ދިން އިންޓަވިއުއެއްގައި މެންޑޭޒް ބުނެފައިވެ އެވެ.

"ސްޕެޓާ" ވެގެންދާނީ ޖޭމްސް ބޮންޑްގެ ގޮތުގައި ޑެނިއެލް ކްރެއިގް ބޮޑު ސްކްރީނަށް އަންނަ ހަތަރު ވަނަ ފިލްމަށެވެ.

އޭނާ އަކީ މިހާތަނަށް މި ރޯލު އެންމެ ގިނައިން ކުޅުނު އެކްޓަރެވެ.

ބޮންޑް ސިލްސިލާގެ އާ ފިލްމެއް ޑައިރެކްޓްކުރުމުގެ ހިޔާލެއް ނެތް ކަމަށް ބުނެ ވާހަކަ ދައްކަމުން މެންޑޭޒް ބުނެފައި ވަނީ މި ފެންވަރުގެ ފިލްމެއްގެ މަސައްކަތް ކުރުމަކީ ހަމައެކަނި ވަޒީފާއެއް ނޫން ކަމަށާއި ދިރިއުޅުމުގެ ބައެއް ކަމަށެވެ.

އޭނާ އިތުރަށް ބުނީ ޖޭމްސް ބޮންޑްގެ އާ ފިލްމަކީ "ސްކައިފޯލް" އަށް ވުރެން ވެސް ބޮޑު ފިލްމެއް ކަމަށާއި ހުރިހައި ގޮތަކުން ވެސް އެ ފިލްމާ ތަފާތު މަސައްކަތެއް އަދި ތަޖުރިބާއެއް ކަމަށެވެ. މި ފިލްމުގެ މަންޒަރުތައް ލަންޑަނާއި އިޓަލީގެ ރޯމް އަދި އުތުރު އެފްރިކާގެ އިތުރުން މެކްސިކޯ ވެސް ޝޫޓްކޮށްފައިވެ އެވެ.

މިފަހަރުގެ ފިލްމުގައި ކްރެއިގްއާ އެކު ބެލުންތެރިނާ ހަމަ އަށް އަންނަ އެންމެ މަޝްހޫރު މޫނަކީ އޮސްކާ އެވޯޑް ހާސިލުކޮށްފައިވާ އޮސްޓްރިއާގެ ބަތަލް، ކްރިސްޓޮފް ވޯލްޓްޒް އެވެ.

އެންމެފަހުން ނެރުނު ބޮންޑް ފިލްމަށް ބޮކްސް އޮފީހުގައި 1.1 ބިލިއަން ޑޮލަރު ލިބުނުއިރު އެއީ މި ސިލްސިލާގެ ރިކޯޑެކެވެ.